އިސްލާމީ ތާރީޚު

ރަޙުމަތުގެ ނަބިއްޔާގެ މައްކީ ޙަޔާތްޕުޅު: ކެތްތެރިވެވަޑައިގެން ސާބިތުކަމުގައި ހުންނެވުމުގެ ނަމޫނާއެއް - 4

އަބްދުﷲ ފާރޫގް ހަސަން

(5 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ތިންވަނަ މީހާ ދެންނެވިއެވެ. "މާތް اللّـه ގަންދެމެވެ. އަޅުގަނޑު ކަލޭގެފާނަކާ ވާހަކަޔެއް ނުދައްކާނަމެވެ. އެހެނީ ކަލޭގެފާނަކީ ތިޔަ ވިދާޅުވާ ފަދައިން މާތް اللّـه ގެ ރަސޫލެއްކަމުގައިވާނަމަ ކަލޭގެފާނާ ސުވާލުކޮށް ޖަވާބުދީ ހެދުންވާނީ ވަރަށް ބޭއަދަބީ ކަމެއްކަމުގައެވެ. ކަލޭގެފާނު މާތް اللّـه ގެ ރަސްކަންފުޅާމެދު އިތުރުފުޅެއް ހައްދަވާނަމަ، ތިޔަފަދަ ދޮގުވެރިޔަކާ ވާހަކަދައްކާވަރަށްވުރެ މަގޭ ޤަދަރު މާބޮޑެވެ."

عـمــرو بــن عـوف ގެ ދަރީން އިންސާނިއްޔަތުގެ މުހުސިންގެ މޭފުޅަށް ހަރައިލީ ވަރަށް ވިހަ ތީރުތަކެކެވެ. ނަމަވެސް އެމާތް ސާހިބާ ވަރަށް ސާބިތުކަމާއެކު އެ ޒަޚަމުތަކުގެ ކެކުޅުން ބަރުދާސްތު ކުރެއްވިއެވެ. އެންމެފަހު ވާހަކަފުޅެއްގެ ގޮތުން ޙަދީޘްކުރެއްވިއެވެ. "އެހެންކަމުގައިވާނަމަ މިމައްސަލަ ތިޔަބައިމީހުނާ ހަމައިގައި ބާއްވާށެވެ. އެންމެކުޑަމިނުން މިރަށުގެ ޢާންމުންނަށް މިދަޢުވަތުގެ މަގުގައި ހުރަސްނާޅާށެވެ."

ކައުސާހިބާ صلّــى اللّـه عليـه وسلّـم ޘަޤީފުވަންހައިގެ އެހެނިހެން އަމީރުންނާއި ޢާންމުންގެ ކުރިމައްޗަށް އެމާތް ސާހިބާގެ ދަޢުވަތު ހުށަހެޅުއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް عـمــرو بــن عـوف ގެ ދަރީން އެކަމަށްވެސް ހުރަސްއަޅައިފިއެވެ. އެބައިމީހުން ދެންނެވިއެވެ. "ކަލޭގެފާނުގެ ތިޔަ ރަސޫލުކަން އިއްވަވަން މިރަށުގައި އެއްގޮތަކަށްވެސް ހުންނަވައިގެން ނުވާނެއެވެ." އެހެން ދަންނަވައިފައި އެރަށުގެ ބާޒާރުމަތީގެ ދަށްފެންވަރުގެ މީހުންނާއި، އަޅުންނާއި، ނޯކަރުންނާއި، ހަމަހޭނުޖެހޭ ކުޑަކުދީން އިތުރު ސާހިބާއާ ފާކޮށްފޫއެވެ. އެތިންމީހުން އެންގީ ކައުސާހިބާ صلّــى اللّـه عليـه وسلّـم އެރަށުން ނެރެލުމަށެވެ. އެމީހުންތައް ބައިބައިގަނޑަށް އައިސް އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ވަށައިލިއެވެ. އެބައިމީހުން އިތުރު ސާހިބާއަށް ހުތުރު އެއްޗެހި ގޮވިއެވެ. ހާރުވައި ފުރައްސާރަކޮށް މަލާމާތް ކުރިއެވެ. މަގުގެ ދެފަރާތުގައި ދެސަފަށްތިބެ އިތުރު ސާހިބާގެ ފައިންޕުޅަށް ހިލައުކަމުން ގެންދިޔައެވެ. އެމީހުންގެ ހިލަތައް އަމާޒުކުރަމުން ގެންދިޔައީ ލޮބުވެތި ސާހިބާގެ ފައިތިލަފުޅަށާއި، ތަނބިކަށިފުޅަށެވެ. ތަދުފުޅު ބޮޑުވާނެ ގޮތުންނެވެ. ތަނބިކަށިފުޅާއި ފައިތިލަފުޅު ފާރުވެ އޮހޮރޭ ލޭފޮދުން ފައިވާންޖޯޑުކޮޅު ފޯވިއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަށް ލިބިވަޑައިގަންނަވާ ގަދަވޭނުގެ ސަބަބުން ވަރުބަލިފުޅުވެވަޑައިގެން އިށީނދެވަޑައިގެންފިނަމަ މީހުންތައް އައިސް ދެމުލައްދަނޑިފުޅުގައި ހިފައި ނަގައިފައި މަލާމާތުގެ ގޮތުން ދަންނަވައެވެ. "ހަރުކޮށް ހިންގަވާށެވެ. ހަރުކޮށް ހިންގަވާށެވެ. އޭ ރަސޫލާއެވެ." އޭރު އެތައްބަޔަކު ވަނީ ކުޅިބަލާންވެސް އެއްވެފައެވެ. އެމީހުންތައް އަތްތިލަބަޑިތަޅައި ހަޅޭއްލަވަމުން ގެންދިޔައެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް ލިބިވަޑައިގަންނަވަމުންދިޔަ އަނިޔާފުޅުގެ ވޭނުގެ ސަބަބުން ހޭފުޅުނެތިގެން ވެއްޓިވަޑައިގެންނެވިއެވެ. އެހިނދު زيــد بــن حــارثــة رضى اللّـه عنــه އިތުރު ސާހިބާ ނަންގަވައި ކޮނޑުފުޅަށް ލައްވައިގެން ރަށްބޭރަށް ނުކުމެވަޑައިގެންނެވިއެވެ. ކުރީންވެސް ދެންނެވި ފަދައިން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވީ زيــد بــن حــارثــة رضى اللّـه عنــه ގިނިކަންޏާއެވެ. އިތުރު ސާހިބާގެ ހަށިކޮޅަށް އަރާން އަންނަ ޙަމަލަތައް ދިފާޢުކުރެއްވުމުގައި ގަދައަޅުއްވައި އުޅުއްވުމުގެ ސަބަބުން زيــد ގެފާނުގެ އިސްތަށިފުޅަށާއި ހަށިކޮޅަށްވެސް ވަނީ އެތައް އެތިފަހަރެއް އަރައިފައެވެ. އިސްތަށިފުޅުފެޅި ހަށިކޮޅުގެ އެތަންމިތަން ވަނީ ޒަޚަމުވެފައެވެ.

އެޖާހިލު އަނިޔާވެރީންގެ ރަޙުމެއްނެތް ހިލަތަކުން އިތުރު ސާހިބާގެ ޠާހިރު ހަށިކޮޅު ޒަޚަމުވަމުން ދިޔައިރު ހުތުރު ބަސްތަކުގެ ސަބަބުން ބަރަކާތްތެރި ހިތްޕުޅުވެސް ފާރުވެ، ކުދިކުދިވަމުން ދިޔައެވެ. އޭގެކުރީން ދުވަހަކުވެސް އެމާތް ހިތްޕުޅު ފާރުނުވާވަރަށެވެ. އެއަނިޔާވެރީންގެ ބައިބައިގަނޑު އިތުރު ސާހިބާ ދޫކޮށްލައިފައި ވަކިވެގެންދިޔައީ ޠާއިފާ ތިންމޭލު ދުރުގައިއޮތް މޭބިސްކަދުރު ބަގީޗާއަކަށް ވެދެވަޑައިގެންނެވުމުންނެވެ. އެބަގީޗާއަކީ އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ކާބަފައިކަލުންކުރެ عبـد منــاف ގެ عبـد الشمس ގެ رَبِـيـعـة ގެ ދެދަރީންކަމުގައިވާ عـُتـُبـة އާއި شَـيْـبَــة އާ ދެބޭންގެ ބަގީޗާއެކެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އެބަގީޗާގެ މޭބިސްކަދުރު ވެލެއްގެ ހިޔަލުގައި އިށީނދެވަޑައިގެންނެވިއެވެ.

ކުރީންވެސް ދެންނެވި ފަދައިން އިތުރު ސާހިބާގެ ހަށިކޮޅާއި ހިތްޕުޅުވަނީ ތޮރުފިފައެވެ. ޅިޔައެޅިފައެވެ. ޠާއިފުގެ އަނިޔާވެރީންގެ ހިލަތަކާއި، ހުތުރު ބަސްތަކުގެ ވިހަ ތީރުތަކުންނެވެ. އިތުރު ސާހިބާ ހުންނެވީ ވަރަށްބޮޑަށް ހިތްޕުޅުގައި ޖެހިވަޑައިގެންފައެވެ. އެމާތް ސާހިބާ ދުނިޔެއަށް ގެންނަވާން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ހެޔޮކަމުގެ އިންޤިލާބުގެ ކުރިބެދުނު ފަދައެވެ. ނަމަވެސް އެމާތް ސާހިބާ ހުންނެވީ މިންވަރުފުޅާމެދު ފިސާރި ރުހިވަޑައިގެންނެވެ. އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމުގެ ބުރަ މަސައްކަތްޕުޅު އެމާތް ސާހިބާއާ މަތިކުރެއްވި ޒާތުފުޅާމެދު ފުރިހަމަ ޔަގީންކަމުގައެވެ. ކާމިޔާބު ދެއްވާނެކަމުގެ ކަށަވަރުކަމުގައެވެ. އެމާތް ސާހިބާގެ ވެރިރަސްކަލާނގެ ރަސްކަންފުޅަށް ތަވައްކުލު ކުރައްވައިގެންނެވެ. ނަމަވެސް ލޯބިވެރިކަމުގެ ދާއިރާއަކީ ޝަކުވާކުރުންވެސް އޮންނަ ދާއިރާއެކެވެ. އިތުރު ސާހިބާ އެހާލުކޮޅުގައި އެމާތް ސާހިބާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ޝަކުވާ ބަރުތީލަ ކުރެއްވިއެވެ. ލޯތްބާއި އަޅުވެތިކަމުގެ އިޙުސާސު ތަރުޖަމާކުރެވޭ ބަސްފުޅުތަކުންނެވެ. މަދަހައާއި ޘަނާގެ ޢިބާރަތުންނެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ދުޢާފުޅުކުރެއްވީ އަންނަނިވި މޭރުމުންނެވެ.

"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ އާރެއްބާރެއް ނެތްކަމާމެދު އިބަރަސްކަލާނގެ ޙަޟުރަތުގައި ޝަކުވާ ދަންނަވަމެވެ. މިއަޅާގެ އެހީތެރީން މަދުކަމާއި މީސްތަކުންގެ މައްޗަށް ބާރު ނުހިންގޭކަމާ މެދުގައެވެ. އޭ އެންމެ އޯގާވަންތަ ރަޙްމާނުވަންތަ ރަޙީމުވަންތަ ރަސްކަލާކޯއެވެ! މިއަޅާގެ މައްޗަށް އެންމެ އޯގާވަންތައީ އިބަރަސްކަލާނގެއެވެ. އިބަރަސްކަލާނގެއީ ނިކަމެތީންނާއި އާރެއް ބާރެއްނެތް މީހުންގެ ފަރިޔާދުތައް އައްސަވައިވޮޑިގަންނަވާ ރަސްކަލާނގެއެވެ. މިއަޅާގެ ސާހިބުވަންތަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ މިއަޅާ ހަވާލުކުރައްވާނީ ކޮންބަޔަކާތޯއެވެ. މިއަޅާގެ މުހިންމަތު ކުރިޔަށް ގެންދިޔަނުދޭން ފައިވިއްދައިފައިތިބި ކިބުރުވެރި އަނިޔާވެރި ދުޝްމިނުންނާތޯއެވެ.

ކޮންމެއަކަސް މިކަމުގައި އިބަރަސްކަލާނގެ ރުހިވޮޑިނުގެންނެވުމެއް ނުވާހައިހިނދަކު މިއަޅާގެ ފަރުވާލެއްނެތެވެ. އިބަރަސްކަލާނގެ ޢިނާޔަތާއި، އޯގާވަންތަކަން މިއަޅާގެ މައްޗަށް ތަނަވަސްވެގެންވެއެވެ. މިއަޅާ އެދެނީ އިބަރަސްކަލާނގެ ޒާތުފުޅުގެ ނޫރުފުޅުގެ ރައްކާތެރިކަމާއި ޙިމާޔަތެވެ. އެނޫރުފުޅަކީ އަނދިރިކަން އަލިކަމަށް ބަދަލުކޮށްލައްވާ ނޫރުފުޅެވެ. ދުނިޔެއާއި އާޚިރަތުގެ ހުރިހައިކަމެއް ފުރިހަމަވެ އާރާސްތުވެ ޒީނަތްތެރިވަނީ އެނޫރުފުޅުގެ ޒަރީޢާއިންނެވެ. އިބަރަސްކަލާނގެ ކޯފާއާއި ރުހިވޮޑިނުގެންނެވުމުން މިއަޅާ ރައްކައުތެރިކޮށްދެއްވުން އެދެމެވެ. ހެޔޮ ޢަމަލުކުރުމާއި ނުބައިކަންތައްތަކުން ރައްކާތެރިވުމަށް މިއަޅާއަށް ބާރުލިބެނީ އިބަރަސްކަލާނގެ ޙަޟްރަތުންނެވެ." (ނަޞީރު އަޙްމަދު ނާޞިރު)

އުންމަތާމެދު ހަންހާރަވެތިކަން

عـُتـُبـة އާއި شَـيْـبَــة ގެ ބަގީޗާގައި އިރުކޮޅަކު މަޑުކޮށްލައްވައި އަރާމުކުރެއްވުމަށްފަހު އެބަގީޗާއިން ނުކުމެވަޑައިގެންނެވިއިރުވެސް އިތުރު ސާހިބާ ހުންނެވީ ނުހަނު މޮޅިފުޅުންނެވެ. ނުހަނު ނިކަމެތިފުޅުކަމުގައެވެ. ހިތްޕުޅުގައި ޖެހިވަޑައިގެންފައެވެ. އަމިއްލަފުޅު ރަށް މައްކާގެ އަހުލުވެރީން ދުވަމުންދިޔައީ އެމާތް ސާހިބާ ދެއްވާ ހެޔޮކަމުގެ ދަޢުވަތަށް ފިލަންވެގެންނެވެ. ޠާއިފުގެ މީހުންވެސްވަނީ އެމާތް ސާހިބާގެ ދަޢުވަތު ބޮލާލައި ޖަހައިފައެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ޤަރްނުލްމަންޒިލާ ހަމަޔަށް ވަޑައިގެންނެވިތަނާ جـبـريــل عليـه السّــلام އެމާތް އަރިހަށް ފައިބައިވަޑައިގެންފިއެވެ.

أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا އެވާހަކަ ބަޔާންކުރައްވަނީ އަންނަނިވި މޭރުމުންނެވެ.

"އަހަރެން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި ދެންނެވީމެވެ. ޢަހުދުގެ ދުވަހަށްވުރެ ކަލޭގެފާނަށް ކަންތައްބޮޑުވި ދުވަހެއް އައިތޯއެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "ކަމަނާގެ ޤައުމުގެ މީހުން އަހުރެންނަށް ވަރަށްގިނަ އިހާނެތި ކަންތައް ކުރިއެވެ. އަނިޔާދިނެވެ. އޭގެތެރެއިން އެންމެ ކަންތައް ބޮޑުވެ ދަތިވީ عـَـقَبـَـةُ ގެ ދުވަހުގައެވެ. (عبـد يـاليــل މެންނާ ބައްދަލުކުރެއްވި ދުވަހުގައެވެ.) އެބައިމީހުން ޖަވާބު ދިނީ އަހުރެން އުންމީދުކުރި ގޮތަކަށެއް ނޫނެވެ. އަހަރެންހުރީ ވަރަށް ދެރަވެފައެވެ. ވަރުބަލިވެފައެވެ. އަހަރެންގެ އަމިއްލަ ހަށިގަނޑުގެ މައްޗަށް ވިސްނައިލެވުނީ قــرن ثـقــالـب (ޤަރްނުލްމަނާޒިލް - ނަޖުދުކަރައިގެ މީހުންގެ މީޤާޠު) އާ ހަމަޔަށް އާދެވުނުފަހުންނެވެ. އޭރުވެސް އަހުރެންނަކަށް ހަމަޖެހުމެއް ނުލިބެއެވެ. އަރާމެއް ނުލިބެއެވެ. އަހުރެން މަތިބަލައިލިއިރު ވިލާގަނޑެއް އަހުރެންގެ މައްޗަށް ހިޔާއަޅައެވެ. އެވިލާގަނޑުގެ ތެރޭގައި جـبـريــل عليـه السّــلام ވަޑައިގަންނަވައެވެ. އެކަލޭގެފާނު އަހުރެންނަށް ގޮވައިލައްވައިފައި ވިދާޅުވިއެވެ. "މާތް اللّـه ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނަށް ދިން ޖަވާބު އައްސަވައިވޮޑިގެންފިއެވެ. މާތް اللّـه ވަނީ ފަރުބަދަތަކާބެހޭ މަލާއިކަތާ ކަލޭގެފާނުގެ އަރިހަށް ފޮނުއްވައިފައެވެ. ބޭނުންފުޅު ކަމަކަށް އަމުރުކުރައްވާށެވެ. އެމަލާއިކަތާ ކަލޭގެފާނު އަމުރުކުރެއްވިކަމެއް ކުރައްވާނެއެވެ." އެވަގުތު ފަރުބަދަތަކާބެހޭ މަލާއިކަތާ އަހަންނަށް ގޮވައިލައްވައި ސަލާމްކުރައްވައިފައި ވިދާޅުވިއެވެ. "ކަލޭގެފާނު އަމުރު ކުރައްވާށެވެ. އެމީހުންގެ ބޯމައްޗަށް އަޚްޝަބައިނެވެ ކިޔުނު ދެފަރުބަދަ ވައްޓައިލައްވައިފާހުށީމެވެ." އަހުރެން ދެންނެވީމެވެ. "ނޫނެކެވެ. އަހުރެން އެދެނީ ތިޔަގޮތެއް ނޫނެވެ. އެބައިމީހުންގެ ބުރަކަށިތަކުންވިޔަސް މާތް اللّـه ގެ އެއްކައުވަންތަކަމަށް ހެކިވާނެ ބަޔަކު ނެރުއްވުމެވެ." ފަރުބަދަތަކާބެހޭ މަލާއިކަތާ ވިދާޅުވިއެވެ. "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނަށް ނަންދެއްވައިފައިވާ ފަދައިން ކަލޭގެފާނަކީ އޯގާވެރި ކުލުނުވެރި ބޭކަލަކީމުއެވެ."

މި ހާދިސާއިންވެސް އެނގެނީ އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ހިތްޕުޅުގައި އުންމަތަށްހުރި ކުލުނުފުޅެވެ. އުންމަތްދެކެ ވެވަޑައިގަންނަވާ ލޯބިފުޅެވެ. ބެހެއްޓެވި ހަންހާރަވެތިކަމެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ކެތްތެރިވެވަޑައިގެން ސާބިތުކަމުގައި ހުންނެވީ ކިހައި ހިތްޕުޅުދަތި ކިހައި އުނދަގޫފުޅު ޙާލަތުތަކެއްގައިކަމެވެ. އެމާތް ސާހިބާއަށް އަނިޔާކުރެވުނުލެއް ބޮޑުކަމާއި އެހެންކަމާއެކުވެސް އެމާތް ސާހިބާ ހުންނެވީ ފަރުބަދައެއް ފަދައިން ސާބިތުވެވަޑައިގެންކަމެވެ. އިތުރު ސާހިބާގެ މުޅި ޙަޔާތްޕުޅުގައިވެސް ދުޝްމިނުންނާ ކުރިމަތިލެއްވީ ފަރުބަދައެއްފަދަ ސާބިތުކަމުގައިކަމެވެ. ކެތްތެރިވެވަޑައިގެންނެވުމުގެ ދާވަނިކޮޅު ދުވަހަކުވެސް އަތްޕުޅުން ދޫކޮށްނުލައްވާކަމެވެ.

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ނަބަވީ ޙަޔާތްޕުޅުގެ މައްކީ ދައުރުގެ ތޭރައަހަރު ހޭދަކުރެއްވީ އިސްވެ ބަޔާންކުރެވުނު ފަދައިން އަނިޔާތަކަށް ކެތްތެރިވެވަޑައިގެންނެވުމުގައެވެ. މަދަނީ ދައުރުގެ ދިހަ އަހަރު ހޭދަކުރެއްވީ ޔަހޫދީންނާއި މުނާފިޤުންގެ ނުބައި ރޭވުންތަކާއި ހީލަތްތެރި އުކުޅުތަކާއި އިޔަހޫދިކަމާ ކުރިމަތިލެއްވުމުގައެވެ. ޝައްކެއްނެތެވެ. އެމާތް ސާހިބާގެ މަދަނީ ޙަޔާތްޕުޅުގައި އިސްލާމީ ދައުލަތާއި އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމަ ކުރެއްވިއެވެ. އިސްލާމީ ދައުލަތާއި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހުންނާ ދެކޮޅަށް ޖިހާދު ކުރެއްވިއެވެ. އިސްލާމީ ދައުލަތާއެކު ޢަހުދުނާމާތަކުގައި ސޮއިކުރުމަށްފަހު ޢަހުދު އުވައިލައި ޣަދަރުވެރިވި މީހުންނާ ދެކޮޅަށެވެ. އެއްވެސް ޙާލެއްގައި އެއީ ބަދަލުހިއްޕެވުމުގެ ހަނގުރާމަތަކެއް ނޫނެވެ. ދީން ފެތުރުމުގެ ހަނގުރާމަތަކެއްވެސް ނޫނެވެ. އެހަނގުރާމަތަކުގެ މަޤުޞަދަކީ ޢަދުލުވެރިކަން ޤާއިމުކުރެއްވުމެވެ. މާތް اللّـه ގެ ބިން ފިތުނަފަސާދައިން ޠާހިރު ކުރެއްވުމެވެ. އެމާތް ސާހިބާ ޒާތީގޮތުން ބަދަލުހިއްޕެވުމަށްޓަކައި ހިންގެވި ކިތަންމެ ކުޑަވެސް ހަރަކާތެއްގެ މިސާލެއް ތާރީޚަކުން ނުދެއްކޭނެއެވެ. އެމާތް ސާހިބާ އަބަދުވެސް ހަރުކަށިކަމުގެ ޖަވާބުދެއްވީ މަޑުމައިތިރިވެވަޑައިގެންނެވުމުންނެވެ. ނުބައި ސުލޫކުތަކުގެ ޖަވާބުދެއްވީ އޯގާތެރިވެވަޑައިގެންނެވުމާއި ހެޔޮފުޅުކޮށް ހިއްތެވުމުންނެވެ. މިއީ އެމާތް ސާހިބާގެ ރީތި ޚުލުޤުފުޅުގެ އެންމެފުރިހަމަ ދާއިރާއެވެ.

(ނިމުނީ)