ހދ. ކުޑަމުރައިދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް، ޖޭއެޗްރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އެރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސް ވުން ޓޫރިޒަމް މިނިސްޓްރީން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ، ހދ. ކުޑަމުރައިދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމަށްޓަކައި 25 ޖޫން 2006 ދުވަހު ޓޫރިޒަމް މިނިސްޓްރީއާއި ޖޭއެޗްއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެގްރީމަންޓް 5 ފެބްރުއަރީ 2015 ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ބާތިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންގައި އެ އެއްބަސްވުން ބާތިލް ކުރި މައްސަލައެވެ.
އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އެ އެންގުމަކީ އެގްރީމެންޓާ ހިލާފު ބާތިލު އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެގްރީމަންޓާ އެއްގޮތަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަމުރުކުރުމަށާއި އެކަމުގެ ސަބަބުން ޖޭއެޗަށް ގެއްލުމެއް ލިބިފައިވާ ނަމަ އެކަމުގެ ބަދަލުހޯދުމަށް ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޖޭއެޗްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.
މައްސަލަ ބެލުމަށްފަހު އެ އެއްބަސްވުން ބާތިލުވާނެ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން ޖޭއެޗަށް ފޮނުވާފައިވާ ނޯޓިސްއަކީ އެގްރީމަންޓާ ހިލާފަށް ފޮނުވާފައިވާ ނޯޓިސްއެއް ކަމަށާއި އެ ނޯޓިސްގެ ސަބަބުން ލީސް އެގްރީމަންޓް ބާތިލު ނުވާނެކަމުގައި ކަނޑައަޅައި، އެ ނޯޓިސްގެ ސަބަބުން ޖޭއެޗަށް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ޖޭއެޗަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ.
ނަމަވެސް އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއް ގޮތަށް ނޫން ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް ހައިކޯޓުންވެސް ކަނޑައެޅީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަކީ، ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ބުނެ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްްސަލަ އިސްތިއުނާފު ކުރުމުގެ ސަބަބުން އެ މައްސަލަ ބަލައި ކުރި ހުކުމެކެވެ.
އެގޮތުން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތުމުން، ހައިކޯޓުގެ ހުކުމަށް ތާއީދުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓް