އިޓަލިއަން ސެރެއާ އޭގައި ރޭ ކުޅުނު މިލާން ޑާބީ އެއްވަރުވެ، އޭސީ މިލާނަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ސަންސީރޯގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ވާދަކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗަށް ނުކުތް އިރު، ތިން ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލުމަށް އޭސީ މިލާނަށް ފުރުސަތު އޮތެވެ. ސެރެއާ އޭ ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީއަށް 12 މެޗުން 32 ޕޮއިންޓު ލިބިފައިވާ އިރު، އޭސީ މިލާނަށްވެސް 12 މެޗުން 32 ޕޮއިންޓު ލިބިފައިވެއެވެ. ފައިދާ ގޯލުގެ ތަފާތުން ނަޕޯލީ އެއްވަނައިގައި އޮތް އިރު، އިންޓަ ތިންވަނައިގައި އޮތީ 12 މެޗުން 25 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގެ 11 ވަނަ މިނެޓުގައި އިންޓައިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ހަކާން ޗަލަނޯލޫއަށް އޭރިއާ ތެރެއިން އޭސީ މިލާންގެ ޑިފެންޑަރު ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީގައި ލީޑު ނަގައިދިނީވެސް ޗަލަނޯލޫއެވެ. އެ ގޯލަށް މާގިނައިރެއް ނުވެ އޭސީ މިލާނުން ނަތީޖާ ހަމަހަމަ ކުރިއެވެ. އޭރިއާ ތެރެއަށް ހުރަސް ވެގެން އައި ހިލޭ ޖެހުމެއް ގޯލަށް ވަނީ އިންޓަ ޑިފެންޑަރު ސްޓެފަން ޑި ވްރިޖް އަތުން ބައި ކޮޅަށެވެ.

މެޗުގައި އިތުރު ހަމަލާތައްވެސް ފާހަގަވެގެން ދިޔައެވެ. ފުރަތަމަ ހާފުގައި އިންޓައަށް އިތުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް ލައުޓާރޯ މާޓިނޭޒް ޖެހި ޕެނަލްޓީ އޭސީ މިލާންގެ ގޯލްކީޕަރު ސިޕްރިއަން ޓަޓަރުސާނޫ ވަނީ މަތަކޮށްފައެވެ. އަނެއްކޮޅުން އޭސީ މިލާންގެ އެލެކްސިން ސޭލްސްމޭކާސް ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، ޒްލަޓާން އިބްރަހިމޮވިޗްގެ ހިލޭ ޖެހުން މަތަކުރީ އިންޓަގެ ގޯލްކީޕަރު ސާމިރު ހެނޑަނޮވިޗެވެ.