ސިއްހަތު

މަދޫރީގެ ދަރިފުޅު ދެއަހަރު ވަންދެން ދިގުކުރި އިސްތަށިގަނޑު ކެންސަރު ބަލި މީހުންނަށް ހަދިޔާކުރަން ނިންމައިފި

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރުން 7 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ކެންސަރު ބަލީގެ ދުވަހެވެ. މިދުވަހާ ދިމާކޮށް ބޮލީވުޑް ތަރި މަދޫރީ ޑިކްސިޓް ވަނީ އޭނާގެ 16 އަހަރުގެ ދަރިފުޅު ރަޔަން އަށް ތައުރީފުކޮށް ފަހުރުވެރިވާކަން ފާޅުކޮށްފަ އެވެ. އެއީ ދަރިފުޅު ކުރި ތަފާތު ކަމެއްގެ ސަބަބުންނެވެ.

ދެ އަހަރު ދުވަސްވަންދެން ރަޔަން ދިގުކޮށްފައިވާ އިސްތަށިގަނޑު ކޮށައި ކެންސަރ ސޮސައިޓީއަށް ހަދިޔާކުރުމަށް ކުރި މަސައްކަތާއެކު މަދޫރީ ވަނީ އެވާހަކަތައް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ކެންސަރު ބަލި ތަހައްމަލުކުރަމުންދާ މީހުންނާއި މެދު ހަމްދަރުދީވެ ރަޔަން ވަނީ އަމިއްލަ އިސްތަށިގަނޑު ހަދިޔާކުރަން ނިންމާފައިކަމުގައި މަދޫރީ ބުނެއެވެ.

ކެންސަރު ބަލީގައި ކީމޯ ނަގަމުން އަންނަ މީހުން ފެނި ރަޔަންގެ ހިތަށް އަސަރުކުރިކަމަށާއި ކީމޯ ނަގާ މީހުންގެ ބޮލުން އިސްތަށި ފައިބާތީ ރަޔަން ވަނީ އަމިއްލައަށް އޭނާގެ އިސްތަށިގަނޑު ހަދިޔާކުރުމުގެ ބޭނުމުގައި ދިގުކުރަން ނިންމާފައިކަމުގައި މަދޫރީ ވަނީ ބުނެފައެވެ. ދަރިފުޅުގެ އެ ނިންމުމަށް މަދޫރީ އާއި ނެނޭ ފަހުރުވެރިވާ ކަމަށާއި އެކަމަށް ޓަކައި ރަޔަން ދެ އަހަރު ދުވަސް ވަންދެން އިސްތަށިގަނޑު ދިގުކުރި ކަމުގައި މަދޫރީ ވަނީ ފާހަގަކޮށްފައެވެ.

މަދޫރީގެ އެންމެ ފަހުން ފެނިފައި ވަނީ ފިލްމު ''ކަލަންކް'' އިންނެވެ. ދެން އެންމެ އަވަހަށް މަދޫރީ ފެނިގެންދާނީ ވެބް ސީރީސް އަކުން ކަމުގައި ހަބަރުތައް ބުނެއެވެ. މި ވެބް ސީރީސްގައި މަދޫރީގެ އިތުރުން ސަންޖޭ ކަޕޫރު އަދި މާނަވް ކޯލްވެސް މުހިއްމު ރޯލުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.