މާދަމާ ސްރީ ލަންކާގައި ފަށަން ތައްޔާރުވެފައިވާ ބޮޑުވަޒީރު މަހިންދަރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރަނީ ވަރަށް ބޮޑު އުންމީދަކާ އެކުގައި ކަމަށް ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން ހޯސްޓް ގައުމު ލަންކާއާއި ބަންގުލަދޭޝް އަދި ސީޝެލްސް ވާދަކުރާނެއެވެ. ރާއްޖެއިން މާދާމާ ރޭ ލަންކާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ލަންކާގައި މިއަދު ބޭއްވި ޕްރި މެޗު ޕްރެސްގައި ކޯޗު މޮރިއޭރޯ ބުނީ ޓީމާއެކު މަދު ދުވަސްކޮޅެއްގައި މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު އޭނާއަށް އެނގޭ ކަމަށެވެ.

"އަދި ދެ ހަފުތާއެއް ވީ ޓީމާއެކު މަސައްކަތް ކުރާތާ. (ރާއްޖެ) ޓީމުން ފެނުނީ ވަރަށް ރަނގަޅު، ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިންތަކެއް. ކުޅުންތެރިން އަބަދުވެސް ތަމްރީނުތަކުގައި ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރޭ. ތިން މަސް ކުރިންވެސް އެފްއޭއެމްއާއެކު އެއްބަސްވުމަކަށް އާދެވިފައި އޮތީމަ، އެހިސާބުން ފެށިގެންވެސް ދިޔައީ ރާއްޖޭގެ މެޗުތައް ބަލަމުން. ސާފްގެ އިތުރުން ކުރިން ކުޅުނު މެޗުތައްވެސް ބެލިން. ރާއްޖޭގެ ފުޓުބޯޅައިގެ ލެވެލް ރަނގަޅު. އަހަންނަށް ޔަގީން އަދި ކުރިއަރާނެކަން އެ ފެންވަރު. ޓީމު ދަނީ ކުރިއަރަމުން ޓެކްޓިކަލީވެސް އަދި ފިޒިކަލީވެސް،" މޮރިއޭރޯ ބުންޏެވެ.

ކުރިން ޔޫރަޕުގެ އެންމެ މަތީ ފަންތީގައި މޮރިއޭރޯ ފުޓުބޯޅަ ކުޅެފައިވެއެވެ. އިންޓަ މިލާންގެ އިތުރުން ރޯމާ ފަދަ ކްލަބުތަކަށް ކުޅެ، ގައުމީ ޓީމަށްވެސް ކުޅުނު މޮރިއޭރޯ ބުނެފައިވަނީ ޔޫރަޕާއި އޭޝިއާގެ ފުޓުބޯޅަ އަޅުވާ ކިޔަން އުނދަގޫވާނެ ކަމަށާއި، ސަގާފަތް ތަފާތު ނަމަވެސް އޭޝިއާގެ ފުޓުބޯޅަ އެއީ ގޯސް، ނޫނީ ދަށް ފުޓުބޯޅައަކަށް ރޭންކު ނުކުރެވޭނެ ކަމަށެވެ.

"ފުޓުބޯޅައަކީ ދުނިޔޭގެ ހުރިހާތަނެއްގައިވެސް އެކައްޗެއް. ސަގާފަތް ތަފާތީ. އަހަންނަކަށް ނުބުނެވޭނެ އޭޝިއާގެ ފުޓުބޯޅައަށްވުރެ ޔޫރަޕް ފުޓުބޯޅަ މާ ބޮޑަށް މޮޅެކޭވެސް. މި އަޅާކިޔެނީ ޕްރޮފެޝަނަލީ ބޯޅަ ކުޅެގެން ދިރިއުޅޭ ބަޔަކާ، 100 ޕަސެންޓް ދީގެންވެސް ސެމީ ޕްރޮފެޝަނަލްކޮށް ކުޅެން ޖެހޭ ބައެއް ކުޅުންތެރިންނާ. އެހެން ބައެއް ވަޒީފާތަކުގައި އުޅެ ކުޅޭ ކުޅުންތެރިންވެސް (އޭޝިއާ) އުޅޭ. އެހެންވީމަ ތަފާތު ވާނެ. ޔޫރަޕްގެ ފުޓުބޯޅައަކީ ޓެކްޓިކަލް އަދި ފިޒިކަލް އެއްޗެއް. މިތާ ސަގާފަތް ތަފާތު، އެކަމަކު އޭގެ މާނައަކީ މިއީ ގޯސް ފުޓުބޯޅައެކޭ ނޫން،" ބްރެޒިލްގެ ރޮނާލްޑޯ ފަދަ ކުޅުންތެރިންނާއެކު އިންޓައަށް ކުޅުނު މޮރިއޭރޯ ބުންޏެވެ.

"އަހަރެން ވަރަށް ބޮޑަށް ތައުރީފު ކުރާ ކަމެއް އެއީ ތަމްރީނުތަކަށް އަންނައިރު ހުރިހާ ކުޅުންތެރިންވެސް އުފާވެރިކަމާއެކު، ހިތްހަމަޖެހުމާއެކު އަންނަކަން. އެއީ މަދުން ނޫނީ ޔޫރަޕުގައި ނުފެންނަ މަންޒަރެއް. އެންމެ މުހިންމު ކަމަކީ އެއީ، ހިތްހަމަ ޖެހުން. ޓެކްޓިކަލްއާއި ފިޒިކަލަށްވުރެވެސް ބޮޑަށް ފުޓުބޯޅައިން ހިތްހަމަޖެހުން ލިބެން ޖެހޭނެ. ކަންކަން ބަދަލުކޮށް ރަނގަޅުކުރަން ވަގުތު ބޭނުންވާނެ، ލަސްލަހުން ކަންކަން ރަނގަޅުވަމުންދާނެ،" ޕްރެސްގައި އިތުރަށް ކޯޗު ބުންޏެވެ.

ކޯޗު މޮރިއޭރޯ ބުނީ ރާއްޖޭގެ ކުޅުންތެރިންނާއި އެފްއޭއިންވެސް އޭނާގެ ވިސްނުން ބަލައިގަތުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށާއި، އެންމެ ބޮޑު އުފަލަކީ އަމިއްލަ ހޯމްގެ އިހުސާސް ރާއްޖެއިން ކުރެވުން ކަމަށެވެ. މޮރިއޭރޯ ފާހަގަކުރީ ރޭންކިންއަށް ބަލައިގެން ޓީމުތަކުގެ ފެންވަރު މިނެކިރަން އުނދަގޫ ވާނެ ކަމަށާއި، ފުޓުބޯޅައިގައި އޮންނަ ގޮތަކީ މެޗަކަށްފަހު މެޗަކަށް ވިސްނުން ކަމަށެވެ. އަދި ކޮންމެ މެޗަކީވެސް މުޅިން އާ މެޗެއް، އާ ތާރީހެއް ލިޔެވޭނެ މެޗެއް ކަމަށް ވެސް ބުންޏެވެ.

ފީފާ ރޭންކިންއަށް ބަލާ އިރު، މުބާރާތަށް ނުކުންނަ އެންމެ ވަރުގަދަ ޓީމަކީ ރާއްޖެ ކަމަށް ލަންކާ ނޫސްވެރިން ފާހަގަކުރުމުން އެކަމަކީ ޕްރެޝަރުވާ ކަމެއްތޯ އެހުމުން ކޯޗު ބުނީ، "ޕްރެޝަރެއް ނެތް. އަހަރެން މިހުރީ ހަމަޖެހިގެން. ދަނޑުމަތިން ފެންވަރުވެސް އެނގޭނީ. ޔަގީނުންވެސް އަހަރެން މިހުރީ ރަނގަޅު ނަތީޖާތަކަކަށް ޓާގެޓްކޮށްގެން،" މިހެންނެވެ. މޮރިއޭރޯ ބުނީ ރާއްޖެއާއެކު މުބާރާތަށް ވަރަށް ބޮޑަށް "މޯޓިވޭޓް" ވެފައި ހުރި ކަމަށާއި، "24 ގަޑިއިރު މަސައްކަތް ކުރަނީ ޓީމު އިތުރަށް ރަނގަޅު ކުރަން މަސައްކަތް،" ކުރަން ކަމަށެވެ.

ރާއްޖޭގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާ ގުޅޭގޮތުން ލަންކާ ނޫސްވެރިޔަކު ސުވާލުކުރުމުން ކޯޗު ވަނީ ވަރަށް ބޮޑަށް އެ ކުޅުންތެރިންނަށް ތައުރީފުކޮށްފައެވެ. ކޯޗު ބުނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރުގެ އިތުރުން މުހައްމަދު އުމައިރު އަދި ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ފަދަ ކުޅުންތެރިންނަކީ ޓީމު، ޓީމެއްގެ ގޮތުގައި ހިފަހައްޓާ ކުޅުންތެރިން ކަމަށެވެ.

"ތަޖުރިބާކާރު ކުޅުންތެރިން ތިބުމަކީ މުހިންމު ކަމެއް. އެ ކުޅުންތެރިންނާއެކު ޒުވާން ކުޅުންތެރިންނަށް ކުރިއެރުމަށް ފުރުސަތު ފަހިވެގެން ދާނެ. (ޒުވާން ކުޅުންތެރިން ކުރިއަރުވަން) ތަޖުރިބާކާރު ކުޅުންތެރިންގެ އެހީތެރިކަން ބޭނުންވާނެ. ތަޖުރިބާކާރު ކުޅުންތެރިން އެކަމުގައި ދަނޑުމަތީގައި، އަދި ދަނޑުން ބޭރުގައިވެސް އެހީތެރިވެދޭ. އެ ކުޅުންތެރިންނަކީ ވަރުގަދަ ޓީމެއް ހިފަހައްޓާ ކުޅުންތެރިން. ޓީމު، ޓީމެއްގެ ގޮތުގައި ދަމަހައްޓަން އެކުޅުންތެރިން މުހިންމު. ހާއްސަކޮށް ޗޭންޖިން ރޫމް ހިފަހައްޓަން އެ ކުޅުންތެރިން މުހިއްމު. ޒުވާން ކުޅުންތެރިންނަށް މަގު ހުޅުވާލަ ދޭނީ އެ ކުޅުންތެރިން،" މޮރިއޭރޯ ބުންޏެވެ.

ކޯޗު ބުނީ ދަގަނޑޭއަކީ އަބަދުވެސް ރަނގަޅު ވިސްނުމެއްގައި ހުންނަ ކުޅުންތެރިއެއް ކަމަށާއި، އޭނާ އަބަދުވެސް ބުނާނީ "ހާސް ނުވުމަށް" ކަމަށެވެ. ކޯޗު މޮރިއޭރޯ ފާހަގަކުރި ގޮތުގައި އެފަދަ ކުޅުންތެރިންގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ހިތްވަރު ލިބިގެން ދެއެވެ.

ރާއްޖެއާއި ލަންކާ ކުޅޭ މެޗު ޝެޑިއުލްކޮށްފައި އޮތީ ލަންކާ ގަޑިން މާދަމާރޭ 8:00 ޖަހާއިރު ކުޅޭ ގޮތަށެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 ގައެވެ.