އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ އަނެއްކާވެސް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި މިއަދު ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑުގެ ފަރާތުން ދަށް ކުޅުމެއް ކުޅެފައިވާ އިރު، މިރޭގެ ބައްޔާއެކު އަނެއްކާވެސް ސޮލްޝެއާއަށް ވަނީ ވަޒީފާ ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ.

މިދިޔަ މަހުގެ ފަހު ކޮޅުގައި ލިވަޕޫލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ، ޔުނައިޓެޑު 5-1 ބަލިވުމުން ސޮލްޝެއާ މަގާމުން ވަކިކުރަން ޔުނައިޓެޑު ބޯޑުން މަޝްވަރާ ކުރިއެވެ. މަޝްވަރާ ކުރި ނަމަވެސް، އެފަހަރު ބޯޑުން ނިންމީ އަލުން ފުރުސަތެއް ދިނުމަށެވެ. މިދިޔަ ދެމެޗަށް ބަލައި ސޮލްޝެއާ އަދި މަގާމުގައި ދެމިހުރި ނަމަވެސް މިއަދުގެ މެޗުން ބަލިވެ، އަނެއްކާވެސް ވަނީ ސޮލްޝެއާގެ ކުރިމަގަށް ހުރަސްތަކެއް އެޅިފައެވެ.

މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެން، އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ސިޓީ ފެނުނީ މާ ބޮޑަށްވެސް ފެންވަރު ރަނގަޅު ކުޅުމެއް ކުޅުނު ތަނެވެ. ޔުނައިޓެޑް ކުޅުންތެރިންނަށް ބޯޅަ ހިފަހައްޓައިގެން ކުޅެން އުނދަގޫތައް ކުރިމަތި ވެގެން ގޮސްފައިވާ އިރު، ސިޓީން ވަނީ ގިނަ ޕާސްތަކަކާއެކު ގިނަ ހަމަލާތަކެއްވެސް އުފައްދައިފައެވެ. ޔުނައިޓެޑަށް ސިޓީގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާލެވުނު އިރު، ސިޓީގެ އޭރިއާ ތެރެއަށް ޔުނައިޓެޑަށް ކުޅެވުނީވެސް އެންމެ ހަތަރު ވަރަކަށް ބޯޅައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ސިޓީން ލީޑު ނަގައި އިތުރު ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ސިޓީގެ މަސައްކަތަށް އެންމެ ބޮޑު ހުރަހަކަށްވީ ފޯމުގައި ކުޅުނު ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ. ގެބްރިއަލް ޖީސަސްއާއި ޖާއޯ ކާންސެލޯގެ ބާރު ދެ ހަމަލާއެއްވެސް ޑެހެއާ މަތަކޮށް ބޭރު ކޮށްލާފައިވެއެވެ.

ސިޓީން ވަނީ ހާފު ނިމުމުގެ ކުރިން މެޗުގެ ލީޑު ފުޅާކޮށްފައެވެ. އަރިމަތިން ކާންސެލޯ ނަގައިދިން ބޯޅަ ގޯލަށް ވައްދާލައި ލީޑު ފުޅާކޮށްދިނީ ބާނާޑޯ ސިލްވާއެވެ. ސިޓީން ދެ ގޯލުގެ ލީޑަކާއެކު ދެވަނަ ހާފަށް ނުކުމެ ބޯޅަ ހިފަހައްޓާލައިގެން ހަމަޖެހިލިއެވެ. ޔުނައިޓެޑުން ފަހަތަށް ޖެހި ސިޓީ ހިފަހައްޓަން މަސައްކަތް ކުރި އިރު، ސިޓީ ފެނުނީ ޓެކްޓިކަލީ މާ ބޮޑަށްވެސް ރަނގަޅަށެވެ. ޕާސްތައް ޖަހައި މެޗު ނިންމާލީ ޔުނައިޓެޑުގެ ނުރައްކަލަކަށް ފުރުސަތެއްވެސް ނުދީއެވެ.

މޮޅާއެކު ސިޓީން ތާވަލުގެ ދެވަނައަށް ޖެހިލާފައިވާ އިރު، އެޓީމަށް ވަނީ 11 މެޗުން 23 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް ޗެލްސީއަށް ދިހަ މެޗުން 25 ޕޮއިންޓު ލިބިފައިވާ އިރު، މިވަގުތު ތިންވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ ދިހަ މެޗުން 22 ޕޮއިންޓެވެ. އެންމެފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ޔުނައިޓެޑް ބަލިވެފައިވާ އިރު، އެޓީމު މިހާރު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. 11 މެޗުން ޔުނައިޓެޑަށް ލިބިފައި ވަނީ 17 ޕޮއިންޓެވެ.