ދިއްދޫ އަކީ ތިލަދުއްމަތީ އުރުތުބުރީގައި، އެންމެ ބޮޑު އާބާދީއެއް އޮންނަ އެއް ރަށެވެ. އާބާދީ 5،000 އިން މަތީގައި އުޅޭ އިރު، ރަށުގައި 3،000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ބޮޑުކަންނެލި އޮޑިފަހަރު ގިނަ ދިއްދޫ އަކީ މަސްވެރި ރަށެވެ. މަދުން ނަމަވެސް ދަނޑުވެރިކަން ކޮށް އުޅުނަސް، އާމްދަނީ ހޯދުމަށް އެރަށުގެ މީހުން ކޮށް އުޅޭ މައިގަނޑު މަސައްކަތަކީ ބޮޑުކަންނެލީގެ މަސްވެރިކަމާއި އުމްރާނީ އެކި މަސައްކަތްތަކެވެ.

ރަށުގެ ރައްޔިތުންގެ ލެޔާ ގުޅިފައިވާ މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރު، ދިއްދޫގެ ރައްޔިތުން ހެއްވާލީ ރަށުގެ ހުޅަނގު ފަރާތު ފަޅުތެރެއަށް މިއަދު ހެނދުނު ތިލަވި، ރާގޮނޑި އައިނުންނެވެ. ރާގޮނޑި އައިނު ފުރަތަމަ ފެނުނީ، އެ ސަރަހައްދުގައި އުޅުނު އެރަށުގެ ބަޔަކަށެވެ. އެމީހުންނަށް ރާގޮނޑި އައިނު ފެނުމުން ރަށުގެ އެހެން ބައެއް މީހުންނާއެކު، ރާގޮނޑި ހިފުމުގެ މަސައްކަތް ފަށައިގަތެވެ. ނަމަވެސް އޭރު ބޯކޮށް ވާރޭވެހެމުން ދިއުމުން ރާގޮނޑި ހިފަން ހުރި ދަތިތަކާއެކު، އައިނު ފޭއްޔަށް ޖެހެމުން ގޮސް ރަށުގެ ފަޅުން ބޭރަށް ރާގޮނޑި އައިނު ދާން ފެށިއެވެ. އެހެންވެ، ރާގޮނޑި ހިފަން ނުކުތް މީހުންނަށް ފުރަތަމަ އަތުވީ، 50 އަކަށް ރާގޮނޑިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، ރާގޮނޑި އައިނު ރަށުގެ ފަޅުން ބޭރަށް މިސްރާބު ޖަހައިފައި ވަނިކޮށް، ރަށުގެ ބަޔަކު ވަނީ އެ އައިނު ހޯދައި، އަލުން އެއްގަމަށް އަރުވައިފައެވެ. ފަނާއި، ދަލާއި، ވާ ބޭނުންކޮށްގެން، ރަށުގެ ކުދިބޮޑު އެންމެންގެ މަސައްކަތުން، ގާތްގަނޑަކަށް 10،000 އެއްހާ ރާގޮނޑި އެއްގަމަށް އެެރުވިއެވެ.

ރާގޮނޑި ހިފުމުގައި ހަރަކާތްތެރިވި މީހަކު ބުނި ގޮތުގައި، ރާގޮނޑި އައިނު ބައްދައިލައި، ރާގޮނޑި އެއްގަމަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފޯރީގައެވެ. ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ފޯރިއާއެކު ރާގޮނޑި ހިފުމުގައި ހަކާތްތެރިވިއެވެ. ހަވީރު ހިޔާ ޖެހުމާ ހަމައަށް ދިއްދޫ ރައްޔިތުން ދިޔައީ ފޯރިއާއެކު ރާގޮނޑި ހިފަމުންނެވެ. އެ ރައްޔިތުންގެ މޫނުމަތިން ފެންނަމުންދިޔައީ ޖޯޝާއި ހިނިތުންވުމެވެ.

"އަޅުގަނޑުމެންނަށް 9،054 ރާގޮނޑި ހިފުން، ދެން ރައްޔިތުންގެ އެދުމުގެ މަތިން ހުރިހާ ގޭބިސީތަކަށް ރާގޮނޑި މިވަނީ ބަހާފައި. ގާތްގަނޑަކަށް 1،200 ގޭބިސީއަށް އަޅުގަނޑުމެންނަށް މިވަނީ ކުރިއަށް އޮތް ދެ ހަފުތާއަށް ވާ ވަރަށް ރާގޮނޑި ފޯރުކޮށްދެވިފައި. ރާގޮނޑި އައިނު ތިލަވެސް މިވީ މަސްވެރިކަން ދަށްވެ، ލައިގެންކާނެ އެއްޗަކަށް ދަތިވެފައިވާ ވަގުތެއްގައި،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވި ގޮތުގައި، މީގެ ކުރިން ދުވަހަކުވެސް ދިއްދުއަށް އެހާ ގިނަ އަދަދަކަށް ރާގޮނޑި ވަދެފައެއް ނުވެއެވެ. އެހެންކަމުން އެރަށުގެ މީހުންނަށް އެކަންވީ އާ ކަމަކަށެވެ. އެކަމުން ރަށުގެ ރައްޔިތުން ދެއްކީ، އެއްބައިވަންތަކަމުގެ މިސާލެވެ.

އެކި މޫސުންތަކުގައި، ހާއްސަކޮށް ހުުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ރާގޮނޑި އައިނުތަކާއި ލައްޓި އައިނުތައް ވަދެއެވެ. އެގޮތުން އެންމެ ހާއްސަ އެއްރަށަކީ ކޮޅުމަޑުލު ބުރުނީއެވެ. އެރަށަށް ޒަމާނުއްސުރެ އަހަރުގެ އެކި ދުވަސްތަކުގައި ބޮޑެތި ރާގޮނޑި އައިނުތައް ވަދެއެވެ.