ތުއްތު ދަރިންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް އެގޮތަށް ވިދާޅުވީ، ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ، އިސްލާމްދީނުގެ ރިވެތި އަހުލާގުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަކީ ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާ ކަމަށާއި އެހެންކަމުން ތުއްތު ދަރިންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްމާސްކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތަކެއް ފެތުރުމުގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި އަމަލުތައް ހިންގަން ފެށުން ކަމަށެވެ. އެ ސަބަބަަށްޓަކައި އިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމްދީނުގެ ސައްހަ އަގީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ހުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާގައި ހިފައި އެގޮތަށް އަމަލުތައް ބައްޓަންކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި ހަސަދަވެރިކަމާއި އަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މައާފުކުރުމަށާއި ބަދަލު ނުހިފުމަށް، މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށާއި، ކުލުނާއި އޯގާތެރިކަން އިސްކޮށް އިސްލާމްދީނުގެ ރިވެތި އަހުލާގުގެ މަތީގައި ސާބިތުވެ ތިބުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ދިވެހި ގައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ނިއުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީއުލް އާހިރާ މަހެއްގެ ދެވަނަ ދުވަހެވެ.