Close
ޚަބަރު

މާލޭ ސަރަހައްދުގައި ގެދޮރު ލިބުމުގެ ދަތިތަކާ ގުޅޭ ސާވޭއެއް ކުރަނީ

މުހައްމަދު އިޝާން

މާލޭ ސަރަހައްދުގައި ދިރުއުޅޭ ރައްޔިތުންނަށް ގޯތިގެދޮރު ހޯދުމަށް ހުރި ދަތިތައް ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ސާވާއެއް ކުރަން ނިންމައިފިއެވެ.

އެޗްއާރުސީއެމުން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ، ސާވޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގެދޮރު ހޯދުމަށް ހުރި ފުރުސަތުތަކާއި އެ ފުރުސަތުތަކަކީ އަތްފޯރާ ފަށުގައި ހުރި ފުރުސަތުތަކެއްތޯ ދަނެގަތުން ހިމެނޭ ކަމަށެވެ. އަދި ސޯޝަލް ހައުސިން އާއި ޕްރައިވެޓް ހައުސިން ހޯދުމުގައި ހުރި ފުރުސަތުތަކަކީ ކޮބައިކަން ދަނެގަނެ، ސޯޝަލް ހައުސިން އާއި ޕްރައިވެޓް ހައުސިން ހޯދުމުގައި ހުރި ފުރުސަތުތަކާއި އެ ފުރުސަތުތަކަކީ އަތްފޯރާފަށުގައި ހުރި ފުރުސަތުތަކެއްތޯ ދަނެގަތުން ވެސް ހިމެނޭ ކަމަށެވެ.

އެޗްއާރުސީއެމުން ކުރަން ހަމަޖެހިފައިވާ ސާވޭއަށް ދީފައިވާ ނަމަކީ "ހައުސިން އެސެސްމެންޓް ސާވޭ ޑޭޓާ ކަލެކްޝަން"އެވެ. މިއީ އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ކުރިއަށްގެންދަން ހަމަޖެހިފައިވާ ސާވާއެކެވެ. އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ކުރާ އެ ދިރާސާގައި މާލެ ސަރަހައްދުގައި ދިރިއުޅޭ 700 އެއްހާ އާންމުންގެ ފަރާތުން މައުލޫމާތު ހޯދާނެއެވެ. ސާވޭ ކުރިއަށް ގެންދާނީ އެޗްއާރުސީއެމުގެ ބެލުމުގެ ދަށުން އެ މަސައްކަތްކުރުމުގެ ގާބިލުކަން ހުރި ޔުނިވާސިޓީ، ކޮލެޖެއް ނުވަތަ ކޮންސަލްޓެންޓުންތަކެއް މެދުވެރިކޮށް ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

އެޗްއާރުސީއެމްއަށް 2016 ވަނަ އަހަރު ގޯތިގެދޮރާ ގުޅޭ ޖުމުލަ 138 މައްސަލައެއް ހުށަހެޅިއެވެ. 2017 ވަނަ އަހަރު 11 މައްސަލައެއް ހުށަހަޅާފައިވާ އިރު، 2018 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް 10 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި 2019 ވަނަ އަހަރު 13 މައްސަލައެއް، 2020 ވަނަ އަހަރު 16 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

"އެ މައްސަލަތަކުގެ ތެރެއިން ގިނައީ ގެދޮރު ދޫކުރުމުގައި ގެންގުޅޭ އުސޫލުތަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކާއި ގެދޮރު ކުއްޔަށް ދިނުމާއި ހިފުމުގައި ގެންގުޅޭ އެގްރީމެންޓާ ގުޅުންހުރި މައްސަލަތަކާއި ކައުންސިލުން ގޯތީގެ ރެޖިސްޓްރީގެ ކޮޕީ ނުލިބިގެން ފްލެޓަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަހެޅުމުގައި ދަތިތަކާ ކުރިމަތިވާ މައްސަލަތަކާއި ގޯތި ބެހުމުގެ މައްސަލަ އާއި ކާރިސާތަކުގެ ސަބަބުން ދިރިއުޅޭނެ ތަނެއް ނެތުމުން ހުށަހަޅާފައިވާ މައްސަލަތަކާއި އަމިއްލަ ގޯތި ނުލިބުމާއި ގޯތީގެ ބަދަލު ނުލިބުމާއި، ފްލެޓް ދިނުމާ ގުޅުންހުރި މައްސަލަތައް،" އެޗްއާރުސީއެމުން ބުންޏެވެ.

އެ މައްސަލަތަކަކީ އެންމެ ފަރުދެއްގެ ބަދަލުގައި ގިނަ ފަރުދުން ހިމެނޭ ގޭބިސީތަކާ ގުޅުންހުރި މައްސަލަތަކެއްކަމުން މައްސަލަތަކުގެ އަދަދަށްވުރެ، މައްސަލަތަކާ ގުޅިގެން އޭގެ އަސަރުކުރާ އާންމު ފަރުދުންގެ އަދަދު އިތުރުވާނެ ކަމަށް އެޗްއާރުސީއެމުން ދެކެއެވެ. މީގެ އިތުރުން ތަކެތީގެ އަގު ބޮޑުވުމަކީ ވެސް ދިރިއުޅޭނެ ތަނެއް ހޯދުމުގައި ދިމާވެފައިވާ ދައްޗެއްގެ ގޮތުގައި އެޗްއާރުސީއެމުން ވަނީ ސިފަކޮށްފައެވެ.

އެޗްއާރުސީއެމުން ބުނީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބެމުންދިޔަ ކަމަށާއި ނަމަަވެސް އެކަށީގެންވާ ބޯހިޔާވަހިކަން ނުވަތަ ގޯތިގެދޮރުގެ ހައްގު ލިއްބައިދިނުމުގައި އަދިވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ.

މީގެ ކުރިން އެޗްއާރުސީއެމުން ހަދާފައިވާ ސާވޭތަކުގެ އަލީގައި މާލެއާއި އަތޮޅުތަކުގައި ގެދޮރުގެ ދަތިކަމާއި ތަރައްގީވެފައިވާ ސަރަހައްދުތަކަށް ހިޖުރަކުރުމަށް ދިމާވާ ސަބަބުތަކާއި ގޯތިގެދޮރު ހޯދުމުގެ ފައިސާގެ ތަނަވަސްކަމާއި ކުލީގެ ބާޒާރުގެ މައުލޫމާތާއި ގޯތިގެދޮރުގެ ހައްގުތަކަށް އަމާޒުކޮށްގެން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް އަދި ސިޔާސަތުތަކާއި ޕްރޮގްރާމުތަކުން ފާހަގަވާ ކަންތައްތައް ހޯދައި ބަދަލު ގެންނަން ޖެހޭ ކަންތައްތައް ދައުލަތުގެ ވުޒާރާތަކަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އެކަންކަމަށް ރިއާޔަތްކޮށް އެކަށީގެންވާ ފިޔަވަޅުތައް ވުޒާރާތަކުން އަޅަމުން ނުދާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެޗްއާރުސީއެމުން ބުނީ މިފަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ސާވޭއަކީ އެހުރިހާ ސަބަބުތަކަށްޓަކައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ހޯދުމުގައި އާންމުންނަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތައް ހޯދައި ދެނެގަތުމަށް ކުރެވޭ ދިރާސާއެއް ކަމަށެވެ.

ސާވޭއާ ގުޅޭ ޓާމްސް އޮފް ރެފެރަންސް އެޗްއާރުސީއެމުން މިހާރު ވަނީ އާންމުކޮށްފައެވެ. އަދި އެ މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން އެޗްއާރުސީއެމަށް ބީލަން ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.