އއ. މަތިވެރީގައި ހުންނަ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓްހައުސްއަށް މީހަކު ވައްދައި މާރާމާރީ ހިންގި މައްސަލައިގައި ޖާބިރުގެ ދެ ކޮއްކޮއަކު ހައްޔަރުކޮށްފިއެވެ.

މަތިވެރި ކައުންސިލް މެމްބަރު ހުސައިން ނިހާން "ވަން" އަށް ވިދާޅުވީ އެ މައްސަލައިގައި ޖާބިރުގެ އެއްބަނޑު ކޮއްކޮ އަލީ އަސްރާރާއި މުހުލިސް އަބްދުލް އަޒީޒް މީގެ ކުޑައިރުކޮޅެއް ކުރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ، މަތިވެރި ގެސްޓްހައުސްއެއްގައި މީހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް މީގެ ކުރިން "ވަން"އަށް ވިދާޅުވީ، ޖާބިރު ގްރޫޕެއް ގޮވައިގެން އެރަށުގައި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ރަހީނުކޮށްފައިވަނީ އެރަށުގެ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ރަހީނުކުރީ ޖާބިރުގެ ގެސްޓް ހައުސް، ކާސާ މިއާގައި ކަމަށް ވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު 3:30 އިން ހަވީރު 4:20 އަށް އެމީހާ ރަހީނުކޮށްގެން ޖާބިރުގެ ކޮޓަރީގައި ގެންގުޅެފައިވާ ކަމަށާއި އެމީހާއަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށެވެ.

"އެމީހާގެ ފޯނު ހަލާކުކޮށް ނޭފަތް ފަޅާލައި، ކަނާއަތު ލޯކައިރި ދުޅަކޮށްލާފައިވަނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ޖާބިރު ރަހީނުކޮށްފައިވަނީ ކާސާ މިއާގައި މަސައްކަތް ކުރި ކުއްޖެއްގެ ބައްޕަ ކަމަށެވެ.