ޚަބަރު

ށ. ފޭދޫގައި ޕޮލިސް ޕޯސްޓު ގާއިމުކޮށް ހިދުމަތް ދޭން ފަށައިފި

ރިފާ ހަލީލު

ށ. ފޭދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ފޭދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ފޭދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އަތޮޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުވާތަކެއްޗާ ގުޅިގެން އުފިދެގެންދާ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރި އޭގެ އަސަރު މުޅު މުޖުތަމައަށް ފޯރައިގެން ދިއުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެއް ކަމަށާއި މިކަމުން އަރައިގަތުމުގައި ފުލުހުންނާ އެކުގައި އެއްސަފެއްގައި، އެއްގޮތެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުން ނޫން ދެވަނަ ގޮތެއް ނެތްކަމަށް ވިދާޅުވިއެވެ.

މިއަދު ފުލުހުންގެ ހިދުމަތް ބައްޓަންކުރަމުންދަނީ ފުލުހުންނާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަަސައްކަތްކުރާ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިންކަން ފާހަގަކުރައްވައި، އެ މަސައްކަތް ރަނގަޅު ގޮތުގައި ދިއުމުން ރަށުގައި އުފެދިގެންދާ ތަފާތު ހާލަތްތައް ކުށަކަށް ބަދަލުވެގެން ދިއުމުގެ ކުރިން، ގާނޫނީ ގޮތުން އަދަބާ ހަމައަށް ދިއުމުގެ ކުރިން އެކަންކަން ރަނގަޅަށް ދެނެގަނެ އެއަށް ހައްލު ހޯދޭނެ ގޮތްތައް ހޯދިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޭދޫގައި ގާއިމުވެ މަސައްކަތްކުރާ ފުލުހުންވެސް ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާ އެކުގައި އެ މަސައްކަތް އެގޮތުގައި ގެންގޮސްދޭނެ ކަމަށާއި ފުލުހުންގެ ރީޖަނަލް ކޮމާންޑަރާއި އަތޮޅު ކޮމާންޑަރުގެ އިތުރުން ރަށުގައި ގާއިމުވެ ތިބޭ ފުލުހުން ރަށުގެ މުއައްސަސަތަކާއި ރައްޔިތުންނާ ވަރަށް ގުޅިގެން އެކުގައި މަސައްކަތްކޮށް އަވަސް ފިޔަވަޅުތަކެއް އަޅައި، ރަށަކީ އެންމެ ސުލްހަވެރި، އެކުވެރި އަދި އަމާން ރަށަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ދެއްކެވި ވާހަކައިގައި ފުލުހުންގެ ހިދުމަތުގެ ގާނޫނުން ފުލުހުންގެ މަސައްކަތްތައް އިންތިޒާމުވެގެންވާ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށާއި ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށާއި މުޖުތަމައު އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ގާނޫން ބާރު އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް ފުލުހުންގެ ހިދުމަތް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަދު ފޭދޫގައި ގާއިމުކުރެވި ހުޅުވިގެންދިޔަ މި ޕޯސްޓަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖަކް ޕްލޭންގައި ކަނޑައަޅާފައިވާ މުހިންމުކަންދޭ ހަ ކަމުގެ ތެރޭގައި ތެރޭގައި ލޯކަލް ޕޮލިސިން ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ހިދުމަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުންނާއި ރައްޔިތުންނާ އެންމެ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށާއި ފޭދޫގައި ޕޮލިސް ޕޯސްޓް ގާއިމުވެ ހިދުމަތް ދޭން ފެށުމާއެކު ފޯކައިދޫން ފުލުހުން އައިސް ދޭން ފެށި ހިދުމަތް މިއަދުން ފެށިގެން ނިމުން އައިސް ފޭދޫ ރައްޔިތުންނަށް ހިދުމަތް ލިބިގެންދާނީ ރައްޔިތުންނާ ގާތުން ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ރައްޔިތުންނާ ގުޅިގެން ކަމަށެވެ.

އޭގެ އިތުރުން އާބާދީ ބޮޑެތި ރަށްތަކުގައި ހިނގާ ކުށްތައް އެހެން ރަށްތަކަށް ތައާރަފުވެގެން ދަނީ ހަލުވި މިނެއްގައިކަން ފާހަގަކުރައްވައި، ޓެކްނޮލޮޖީ އާއި ދަތުރުފަތުރުގެ ނިޒާމާއި ދިރިއުޅުމުގެ ފެންވަރަށް އަންނަމުންދާ ބަދަލުތަކާއެކު ކުށްކުރާ ފަރާތްތައް ކުށްތަކަށް އަރިގަންނަ ގޮތްތައް ބަދަލުވަމުން ދިއުމަކީ ފުލުހުންނަށް އޮތް ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ. އަދި ފޭދުއަށް ތައާރަފުވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކަށް އޮތް ކަންބޮޑުވުމާއި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމުވެ ތިބުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.