މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ މަހުގެ ފަހު ކޮޅުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ހަނދާން މިހާރު ނައްތާލެވިއްޖެ ކަމަށާއި، އެ ބަލިން ޓީމު "މޫވް އޮން ކޮށްފި" ކަމަށް ކޯޗު އޮލެ ގުނަ ސޮލްޝެއާ ބުނެފިއެވެ.

ޔުނައިޓެޑުން މިއަދު ޕްރިމިއާ ލީގުގައި ނުކުންނާނީ އެޓީމުގެ އެންމެ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސޮލްޝެއާ ބުނެފައި ވަނީ ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި 5-0 އިން ބަލިވި ހަނދާން ނައްތާލައި، މިހާރު އާ ހިތްވަރަކާއެކު ކުޅުންތެރިން ތިބި ކަމަށެވެ.

"ލިވަޕޫލް އަތުން ވި ބަލި ހަނދާން ނައްތާލައި، އެ ބަލިން 'މޫވް އޮން' ކޮށްފިން. ޝައްކެއްވެސް ނެތް، އެއީ ތާރީހު ފޮތްތަކުގައި ލިޔާނެ ބައްޔެއް. އެކަމަކު މިދިޔަ ހަފުތާގައި ދެއްކި ކުޅުމުން ޓީމުގެ ހިތުގައި އެ ބަލީގެ ހަނދާން ނެތްކަން ޔަގީން ވެއްޖެ،" ސޮލްޝެއާ ބުންޏެވެ.

އެ މެޗަށްފަހު ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ދެން ކުޅުނު މެޗުގައި ޓޮޓެންހަމް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އޭގެ އިތުރުން ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި އެޓްލާންޓާއާ އެއްވަރު ކުރީ 2-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޔުނައިޓެޑުގެ ދެ ގޯލު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ޖެހި ދެވަނަ ގޯލަކީ މެޗުގެ ފަހު މިނެޓުގައި ޖެހި ގޯލެކެވެ.

"ރަށުން ބޭރުގައިވެސް ރަނގަޅު ނަތީޖާތަކެއް މިދިޔަ ހަފުތާގައި ނެރެވުނު. އެހެންވީމަ ކުޅުންތެރިން ތިބީ ރަނގަޅު ވިސްނުމެއްގައި އެނގިއްޖެ. ސިޓީއާ ދެކޮޅަށް ނުކުންނަން ޖެހޭނީ ޔުނައިޓެޑަށް ތަފާތު ދެއްކޭނެ ކަން ގަބޫލުކޮށްގެން. އެއީ ޑާބީ. އެހެންވީމަ ހުރިހާ އެންމެންނަށްވެސް އެނގޭނެ ޑާބީގެ މުހިއްމުކަން. އެކަން ކުޅުންތެރިންނަށްވެސް އެނގޭނެ،" ސޮލްޝެއާ ބުންޏެވެ.

ލިވަޕޫލާ ދެކޮޅަށް ކުޅެ، 5-0 އިން ބަލިވި މެޗަށްފަހު ސޮލްޝެއާ މަގާމުން ވަކި ކުރަން ޔުނައިޓެޑްގެ ބޯޑުން މަޝްވަރާ ކުރި ނަމަވެސް، އެފަހަރު ބޯޑުން ނިންމީ އަލުން ފުރުސަތެއް ދިނުމަށެވެ. މިދިޔަ ދެމެޗަށް ބަލައި ސޮލްޝެއާ އަދި މަގާމުގައި ދެމި ހުރި ނަމަވެސް ސިޓީ މެޗުވެސް ވާނީ ސޮލްޝެއާ އަށް ޕްރެޝަރަކަށެވެ.

ސޮލްޝެއާގެ ކޯޗުކަމުގައި ދެޓީމުގެ ކުރިމަތިލުމަށް ބަލާއިރު ފެންނަނީ ދާދި ހަމަހަމަ ކޮށެވެ. ސިޓީ ކޯޗު ޕެޕް ގާޑިއޯލާއާ ދެކޮޅަށް ސޮލްޝެއާ ނުކުތް 8 ފަހަރުގެ ތެރެއިން ހަތަރު ފަހަރު މޮޅުވީ ސޮލްޝެއާ އެވެ. އެ ރެކޯޑަކީ ގާޑިއޯލާގެ ސިޓީއާ ދެކޮޅަށް ލީގުގައި ކޯޗަކު ދަމަހައްޓާފައިވާ އެންމެ ރަނގަޅު ރެކޯޑުވެސް މެއެވެ. ލީގުގައި އެންމެފަހުން ސިޓީން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގައިވެސް، ޔުނައިޓެޑު ބަލިވެފައެއް ނުވެއެވެ.