ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އިތުރު ބަޔަކާއެކު އއ. މަތިވެރިއަށް އަރައި މީހަކު ރަހީނުކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ތުހުމަތުކޮށްފިއެވެ.
މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް "ވަން"އަށް ވިދާޅުވީ، ޖާބިރު ގްރޫޕެއް ގޮވައިގެން އެރަށުގައި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ރަހީނުކޮށްފައިވަނީ އެރަށުގެ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ރަހީނުކުރީ ޖާބިރުގެ ގެސްޓް ހައުސް، ކާސާ މިއާގައި ކަމަށް ވެސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މިއަދު މެންދުރުފަހު 3:30 އިން ހަވީރު 4:20 އަށް އެމީހާ ރަހީނުކޮށްގެން ޖާބިރުގެ ކޮޓަރީގައި ގެންގުޅެފައިވާ ކަމަށާއި އެމީހާއަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށެވެ.
"އެމީހާގެ ފޯނު ހަލާކުކޮށް ނޭފަތް ފަޅާލައި، ކަނާއަތު ލޯކައިރި ދުޅަކޮށްލާފައިވަނީ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، ޖާބިރު ރަހީނުކޮށްފައިވަނީ ކާސާ މިއާގައި މަސައްކަތް ކުރި ކުއްޖެއްގެ ބައްޕަ ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ މަތިވެރީގެ ހޮޓަލަކަށް ވަން މީހެއްގެ ގައިގައި، އެ ހޮޓަލުގައި ތިބި ބަޔަކު ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލައެއް މިއަދު ހަވީރު 4:50 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އެ މާރާމާރީގައި މީހަކަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު