ގައުމީ ޓީމުގެ ކޯޗުކަމުގައި މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޓީމާއެކު ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ހުރިހާ ކަމެއް ކުއްލިއަކަށް ބަދަލުކުރަން ކޯޗު ފްރެންސެސްކޯ މޮރިއޭރޯއަކީ ޖާދޫގަރެއް ނޫން ކަމަށް އޭނާ ބުނެފިއެވެ.
އިޓަލީގެ ކޯޗު މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ޓީމާ ހަވާލުވެ ފަރިތަކުރުންތައް ވަގުތުން ފަށާފައިވާ އިރު، އޭނާއެކު ޓީމު މިއަދު ވަނީ ސްރީ ލަންކާއަށް ފުރައިފައެވެ. މިއަދު މެންދުރު ފަހު ޓީމު ލަންކާއަށް ފުރީ އެގައުމުގައި މިމަހުގެ އަށަކުން 17 އަށް އޮންނަ މަހިންދަ ރާޖަޕަކްސާ ފޯ ނޭޝަންސް ކަޕަށެވެ. ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މޮރިއޭރޯ ބުނީ ޓީމާ މެދު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިން 100 ޕަސެންޓް ދީގެން މަސައްކަތް ކުރުން ކަމަށެވެ.
"މިދިޔަ ތަމްރީނުތަކުގައި ބުރަކޮށް މަސައްކަތް ކުރީ ޓެކްޓިކަލް އަދި ފިޒިކަލް ކަންތައްތަކުގައި. އެކަމަކުވެސް އަހަންނަކީވެސް ޖާދޫ ހަދާ މީހެއް ނޫން. ރަނގަޅު ތަންކޮޅަކީ ޓީމު އެކުގައި 100 ޕަސެންޓް ދީގެން މަސައްކަތް ކުރާކަން. އަހަރެން މިތަނަށް އައިސް މިހުރީ އެފްއޭއެމްއިން އަހަރެންގެ މަސައްކަތް ގަބޫލުކުރާތީކަން ޔަގީން. ޓީމު އަބަދުވެސް ކުޅޭނީ ކުރި އަރަން. ތަފާތު ކަލްޗާއެއް އަސްލު އަހަރެންގެ ފުޓުބޯޅަ ކަލްޗާއަކީ. އެ މެންޓާލިޓީއަށް ކުޅުންތެރިން ހާނަން އަހަރެން މަސައްކަތް ކުރަނީ،" ކުރިން އިޓަލީ ގައުމީ ޓީމުގެ އިތުރުން އިޓަލީ ލީގުގެ އިންޓަ މިލާން އަދި ރޯމާ ފަދަ ކްލަބުތަކަށް ކުޅުނު މޮރިއޭރޯ ބުންޏެވެ.
ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ސްރީ ލަންކާއާއި ބަންގުލަދޭޝް އަދި ސީޝެލްސްއެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި އަށްވަނަ ދުވަހުގެ ރޭ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ކޯޗު މޮރިއޭރޯ ބުނީ މުބާރާތުން އެނގޭނެ އެންމެ ބޮޑު އެއްޗަކީ ޓީމުގެ ފެންވަރު ކަމަށެވެ.
"މި މުބާރާތުން އެނގޭނެ އަހަރެމެން ތިބި ލެވެލް. އަހަރެމެން މިހާރު މި ތިބި ހިސާބު. އަހަރެމެން މިދަނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކުޅެން. ހުރިހާ ކަމަކީ އިދިކޮޅު ޓީމަށްވުރެ ގިނައިން ދުވެ، އިދިކޮޅު ޓީމަށްވުރެ ގިނައިން މަސައްކަތް ކުރަން ޖެހޭނެކަން. ޑެފެންސާއި އެޓޭކް ބެލެންސް ކުރަންވެސް މުހިއްމު،" މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯ މިއަދު ފާހަގަކުރި ވާހަކަތަކުގައި އިޓަލީ ފުޓުބޯޅައިގެ ވާހަކަތަކަށް ކޮންމެވެސް ވަރަކަށް އަލިއަޅުވައިލިއެވެ. އާންމުކޮށް އިޓަލީ ކޯޗުން ބުނާ ބުނުމެއް މޮރިއޭރޯވެސް ތަކުރާރުކުރިއެވެ. އެއީ ދެކޮޅުންވެސް ނުކުންނާނީ "11 ކުޅުންތެރިން" ކަމަށާއި މޮޅުވާ ޓީމަކީ ގިނައިން ދުވެ، ބުރަކޮށް މަސައްކަތް ކުރާ ޓީމު ކަމަށް ބުނާ ބުނުމެވެ.
"ޓީމަށް އަބަދުވެސް ބުނަން 11 އާއި 11 އޭ ދެކޮޅުންވެސް ކުޅޭނީ، އޭގެ ތެރެއިން މޮޅުވާނީ ގިނައިން ދުވެ، ބާރަށް ދުވެ، ބުރަކޮށް މަސައްކަތް ކުރާ، އަދި އިދިކޮޅު ޓީމަށްވުރެ އިތުރަށް ގޯލެއް ޖަހާ ޓީމުކަން،" މޮރިއޭރޯ ބުންޏެވެ.
ގައުމީ ސްކޮޑު މިއަދު ލަންކާއަށް ފުރާފައިވާ އިރު، ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ވަނީ ގެނެސްފައެވެ. އަނިޔާގެ ސަބަބުން ގައުމީ ޓީމާ ވަކިވާން ޖެހުނު އެއްވަނަ ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި އާއިލީ ސަބަބެއްގައި ޓީމާ ދުރުގައި މިވަގުތު ހުރި ފުލްބެކް މޫސާ ޔާމީން (ޔާމްބެ)ގެ ބަދަލުގައި ޒުވާން ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ އާއި މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ޓީމުގައި ހިމަނައިފައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު