ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކަށް ވަނީ މި މަހުގެ 2ވަނަ ދުވަހު 56 އަހަރު ފުރިފައެވެ. އޭނާގެ އުފަންދުވަހާ ދިމާކޮށް ދުބާއީގެ ބުރުޖު ހަލީފާ ޝާހުރުކަށް ހާއްސަ މެސެޖަކުން ދިއްލާލާފައިވާއިރު ބޮލީވުޑުގެ އެތައް ތަރީންނެއް ދިޔައީ އޭނާއަށް އުފަންދުވަހުގެ ހާއްސަ މެސެޖުތަކުން މީސްމީޑިއާ ފުރާލަމުންނެވެ. އޭގެ އިތުރުންވެސް އޭނާގެ އެތައް ސަޕޯޓަރުންނެއް ތަހުނިޔާ ކިޔުމަށް ޝާހުގެ ގެ ކައިރިއަށް އެއްވަމުން ގޮސްފައިވާއިރު ޝާހްރުކު ވަނީ އުފަންދުވަހާ ދިމާކޮށް އާއިލާއާއެކު އަލީބާގަށް ދަތުރުކޮށްފައެވެ.

ޝާހު އާއެކު އެންމެ ގިނައިން މަސައްކަތްކުރި އަދި ކާމިޔާބު ޖޯޑެއް ގޮތުގައި އިންޑަސްޓްރީގައި ފާހަގަކޮށްލެވުނު ޝާހުގެ ފިލްމީ ބައިވެރިޔާ ކާޖަލްގެ ހަބަރެއް ޝާހުގެ އުފަންދުވަހަކު ނުވެއެވެ. މެސެޖެއްވެސް ހިއްސާކޮށްފައި ނުވާކަން ފާހަގަކޮށް ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ.

ޝާހުރުކަށް ކާޖަލް ތަހުނިޔާ ކިޔާފައި ނުވަނީ ކީއްވެތޯ މީސްމީޑިއާގައި މީހަކު ސުވާލުކުރުމުން ކާޖަލް ބުނެފައިވަނީ ޝާހުރުކުގެ އުފަންދުވަހަށް އޭނާ އެންމެ ބޭނުންވީ އާރްޔަން ޖަލުން މިނިވަންވެގެން ގެއަށް ދިއުން ކަމަށާއި އެކަން ޝާހަށް ފުރިހަމަ ވެއްޖެ ކަމަށެވެ. އަދި ވަކީން އިތުރަށް އޭނާއަށް ޓަކައި އެދޭނެ ކަމެއް ނެތް ކަމުގައި ކާޖަލް ވަނީ ބުނެފައެވެ.

ޝާހްރުކުގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖަލުގައި ދުވަސްތައް ހޭދަކޮށްފައެވެ. ޖަލުން މިނިވަންވެގެން އޮކްޓޫބަރު 30 ވަނަ ދުވަހު އާރްޔަން އަށް އާއިލާ ގާތަށް ދެވިފައިވާއިރު މިއީ ޝާހުގެ އުފަންދުވަހާ ދިމާކޮށް ލިބުނު ހަދިޔާއެއް ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ. އާރްޔަން ބަންދުގައި ހުރި ދުވަސްތަކުގައި ޝާހުރުކާއި ގޯރީ، ދުވަސްތައް ހޭދަކޮށްފައިވަނީ ހިތާމަކުރުމުގައި ކަމަށާއި އާރްޔަން ޖަލުން މިނިވަން ކުރެވޭތޯ ކެނޑިނޭޅި މަސައްކަތްކުރަމުން ގޮސްފައިވާކަމަށް ހަބަރުތައް ބުނެއެވެ.