ދުނިޔެ

ދުނިޔެއަށް ތިރަމިސޫ ތައާރަފުކޮށްދިން ''ތިރަމިސޫގެ ބައްޕަ'' އުމުރުން 93 އަހަރުގައި މަރުވެއްޖެ

ދުނިޔެއަށް ތިރަމިސޫ ތައާރަފުކޮށްދިން ''ތިރަމިސޫގެ ބައްޕަ'' އަޑޫ ކެމްޕީއޯ އުމުރުން 93 އަހަރުގައި މަރުވެއްޖެއެވެ.

ކެއްކުމުގެ ދުނިޔޭގެ އުދަރެހުގައި ކެމްޕީއޯގެ ތަރި ވިދަން ފަށާފައިވަނީ ދުނިއަށް ތިރަމިސޫ ދަސްކޮށްދީގެންނެވެ. މިއަދު ހުރިހާ ކަންކޮޅެއްގައިވެސް ގިނަބައެއްގެ މަގުބޫލު ޑެޒަޓެއްގޮތުގައި ހިޔާރުކުރާ އިޓަލީއަށް ހާއްސަ ތިރަމިސޫ އުފަން ކުރުވީ ކެމްޕީއޯގެ ރެސްޓޯރަންޓުންނެވެ. އެހެންވެ އޭނާ މަޝްހޫރުވެފައި ވަނީ ''ތިރަމިސޫގެ ބައްޕަ''ގެ ގޮތުގައެވެ.

ކެމްޕީއޯ އަކީ އޭނާ ދިރިއުޅެމުން ދިޔަ އިޓަލީގެ ޓްރެވިސޯގައި ލަ ބެކަރީ ކިޔާ އަމިއްލަ ރެސްޓޯރަންޓެއް ހިންގަމުން އައި މީހެކެވެ. އެންމެ ފުރަތަމަ އޭނާ ތިރަމިސޫ ރެސްޓޯރަންޓު މެނޫގައި ހިމެނީ 1970ވަނަ އަހަރުގައެވެ. އެއަށްފަހު އެ ރެސްޓޯރަންޓުގައި އެންމެ މަގުބޫލު އައިޓަމް ގޮތުގައި ތިރަމިސޫ ވަނީ ވެގެން ގޮސްފައެވެ. އިޓަލީން ބޭރުން އެކި ކަންކޮޅުތަކުގެ ރެސްޓޯރަންޓުތަކުގައިވެސް މިއަދު މި ހާއްސަ ޑިޝްއަށް އޮންނަ ޑިމާންޑު ބޮޑެވެ. އެސްޕްރެސޯއިން ފޯކޮށްފައި ހުންނަ ބިސްކޯދާއި މަސްކަޕޯނެ ޗީޒް އާއި އެކުވެގެން މައްޗަށް ބުރުވާލާފައި ހުންނަ ކޮކޯގެ ސަބަބުން ދޫތަކަށް ޖާދުވީ ރަހައެއް ގެނުވައިދޭ މި ހާއްސަ ޑެޒަޓަކީ ކެމްޕީއޯގެ ރެސްޓޯރަންޓުގެ އުފެއްދުމެކެވެ.

ތިރަމިސޫ އުފެދިގެން އައިގޮތުގެ ފަހަތުގައި ޝައުގުވެރި ވާހަކައެއްވެސް އޮވެއެވެ. ތިރަމިސޫ އުފަންވެގެން އައިސްފައިވަނީ އޭނާގެ އަންހެނުން އަލްބާ އަށާއި ރެސްޓޯރަންޓުގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ރޮބާޓޯ ލިންގަނަޓޯއަށް ހެދުނު ގޯހަކުން ކަމަށްވެއެވެ. ޝެފް ރޮބާޓޯ ދިޔައީ ވެނީލާ ކުރީމް ތައްޔާރުކުރަމުން ކަމަށާއި އޭނާ އަތުން ހަކުރާއި ބިސް އެއްކޮށްފައިހުރި ތައްޓެއްގެ ތެރެއަށް މަސްކަޕޯނޭ ޗީޒް އެޅުނުކަމަށް ވެއެވެ. އަދި އޭގެން އޭނާއަށް ފާހަގަކުރެވުނު ކަމަކީ ބިހާއި ހަކުރާއި މަސްކަޕޯނޭ ޗީޒް އެއްވުމުން މީރު ރަހައެއް ގެނުވާ ކަމެވެ. އަލްބާގެ އެހީއާއެކު މި އުފެއްދުމުގެ ތެރެއަށް ކޮފީން ފޯކޮށްފައި ހުރި ބިސްކޯދު ހިމަނަން ވިސްނި ކަމަށާއި އޭގެން މީރު ޑިޝް އެއް އުފަންވެ އެއަށް ތިރަމިސޫގެ ނަން ދޭން އެ މީހުން ނިންމީކަމަށް ވެއެވެ. ތިރަމިސޫގެ އަސްލު މާނައަކީ ''އުފުއްލާލާށޭ'' އެވެ.

އުމުރުން 93 އަހަރުގައި ކެމްޕީއޯ މަރުވެފައިވަނީ މިދިޔަ ހަފުތާގައެވެ. އިޓަލީގެ ވެނެޓާ ރީޖަންގެ ގަވަރުނަރު ލުކޯ ޒައިއާ ވަނީ އޭނާ ކުރި ފޭސްބުކު ޕޯސްޓަކާއެކު އެކަން ކަށަވަރުކޮށްދީފައެވެ. ކެމްޕީއޯ މަރުވެފައިވާކަން ހިއްސާކުރަމުން ލުކޯގެ ޕޯސްޓުގައި ބުނީ ކެމްޕީއޯގެ ވަކިވުމާއެކު ޓްރެވިސޯއިން އޮއްސިގެން އެދިޔައީ އަލިގަދަ ތަރިއެއް ކަމަށް ބުނެފައެވެ.