ޚަބަރު

ގެސްޓުހައުސަށް ފައިސާ ދައްކަން 100 ރުފިޔާ ފޭރުނު މީހަކު ޖަލަށް

މުހައްމަދު އިޝާން

ގެސްޓުހައުސަކަށް ފައިސާ ދައްކަންވެގެން ބިރު ދައްކައިގެން 100 ރުފިޔާ ފޭރުނު މީހަކު ތިން މަހާއި 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބިރު ދައްކައިގެން ފައިސާ ފޭރުނުކަން ސާބިތުވެ ޖަލަށްލާން އިއްޔެ ހުކުމްކުރީ ޏ. ފުވައްމުލަށް، ފިނިރޯޅި، އަލީ ސައީދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުން ވިދާޅުވެފައިވަނީ، 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުގެ 1:58 ހާއިރު އަލިކިލެގެފާނު މަގު ރެއިންބޯ އޮފީސް ފަރުނީޗަރު ކައިރީގައި ގދ.ވާދޫ، ބޯދި، ނަޖާހު މުހައްމަދު ހުއްޓައި އޭނާއަށް ބިރުދައްކައި 100 ރުފިޔާ ސައީދު އަތުލާފައިވާތީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާކުރާ ކަމަށެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ވަނީ ސައީދަށް ދައުވާ ސާފުކޮށްދީ، އޭނާގެ ހައްގުތައް ކިޔައިދީފައެވެ. ސައީދު ބުނީ، މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވާ ކަމަށާއި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ ނުލައި އަމިއްލައަށް ކަމަށެވެ.

ސައީދު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކޮށްފައެވެ. ސައީދު ބުނީ، މީހަކަށް ބިރު ދައްކައިގެން ފައިސާ އަތުނުލާ ކަމަށާއި ގޭސްޓުހައުސްގެ ކޮޓަރިއަށް ފައިސާ ދައްކަން ރުފިޔާ ދޭށޭ ބުނުމުން ނަޖާހު 100 ރުފިޔާ ދިން ކަމަށެވެ. އަދި އެއީ ރުހުމުގައި ދިން ފައިސާކަން ސާބިތުކުރަން ހުށަހަޅާނެ ހެއްކެއް ނެތް ކަމަށް ވެސް ބުންޏެވެ.

ދައުވާއަށް ސައީދު އިންކާރުކުރުމުން ދައުލަތުން ވަނީ ހެކި ހުށަހަޅައިފައެވެ. އެއީ ޝަފަވީ ދެ ހެކިންނެވެ. ޝަފަވީ ދެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ދެ ފުލުހެކެވެ.

އެމީހުން ސައީދުއާ ދެކޮޅަށް ހެކިބަސް ދެމުން ބުނީ، 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު 2:00 ހާއިރު އަލިކިލެގެފާނު މަގުން މަޖީދީމަގާ ދިމާއަށް ދުވެފައިދިޔަ މީހަކު ދައްކައި އެމީހާއަކީ ނަޖާހުގެ އަތުން 100 ރުފިޔާ ފޭރުނު މީހަކު ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ބުނުމުން ދުވެފައިދިޔަ މީހާ ހުއްޓުވި ކަމަށާއި އެމީހާއަކީ ސައީދު ކަމަށާއި އޭނާގެ ވޮލެޓުން 100 ރުފިޔާ ފެނުނު ކަމަށެވެ.

ހެކިންގެ ހެކިބަހަށް ބަލައި ޝަރީއަތުން ނިންމީ ސައީދުގެ މައްޗަށް ކުށް ސާބިތުވާތީ އެކަމުގެ އުގޫބާތެއްގެ ގޮތުގައި ތިން މަހާއި 15 ދުވަހަށް ޖަލަށް ލުމަށެވެ. އެގޮތަށް ހުކުމްކުރީ ހެކިންގެ ހެކިބަހުން ސައީދުގެ ވޮލެޓުން 100 ރުފިޔާ ފެނުނު ކަން ސާބިތުވާތީ އާއި ވޮލެޓުން ފެނުނީ ނަޖާހުގެ ފައިސާ ނޫންކަން ސައީދަށް ސާބިތު ކޮށްދެވިފައި ނުވާތީއެވެ.

މި މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު މިސްބާހުއެވެ.