ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފިއެވެ.

ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ހަފުލާގައި 2020 ވަނަ އަހަރުގެ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ލިބުނީ ހެޑް އޮފް ބޭންކިން ސޮލިއުޝަންސް އަފްރާހު އަހުމަދު އަދި މޮރޮޓޯރިއަމް ޕްރޮޖެކްޓް ޓީމެވެ. ކޮވިޑް-19ގެ ދުވަސްތަކުގައި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން ފަހުރުވެރި ރެކޮގްނިޝަން އެވޯޑް ބޭންކުގެ 17 ޓީމަކަށް ދީފައިވެއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ހޮވިފައިވަނީ ހެޑް އޮފް ލޯން ސާވިސަސް ހައްވާ ޝީނިއާޒް އަދުނާނެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މުވައްޒަފުން މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި ކުރަމުންދާ މިންނަތް މަސައްކަތަކީ ލިބޭ ފިލާވަޅެއް ކަމަށެވެ.

"ކޮވިޑް-19ގެ މުއްދަތަކީ ބޭންކަށާއި މުޅި ގައުމަށްވެސް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ އެއް ދުވަސްތައް. މި ދަނޑިވަޅުގައި މެދުނުކެނޑި ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ދެވަނައެއް ނުވާ ލާމަސީލު މަސައްކަތްތަކެއް." ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެން އަންނަ އެއް ކުންފުންޏެވެ. ބޭންކުގެ 99 ޕަސަންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.