ދޮންބޭބެ ބުނީ އާދަންގެ ގައިގަ "ވަޒަން ނާރާ ހުރި ތަނަށްވުރެން ގިނައީ ވަޒަން އަރާފަ ހުރި ތަނޭ"، މިއީ ސިފައިންގެއިން ރެކީ ޕެޓްރޯލަށް ނިކުތް 10 މީހުންގެ ތެރޭގައި، ތިނެއް ނޮވެމްބަރު 1988ގައި ޝަހީދުވި ހ.ޝޭޑީވިލާ، އާދަމް ނަސީރު، ޝަހީދުވި އިރު، އޭނާގެ އަންހެނުން، ފަރުހާނާ އާދަމްގެ ހިތުގައި އަދިވެސް އާވެ އާވެ ހުރި ބަސްކޮޅެކެވެ.
އެމްއެންޑީއެފް ގެ ފަރާތުން ނެރުނު ނޮވެމްބަރު 3 ގެ ފޮތުގައިވާ ގޮތުން، ރެކީއަށް ނެރުމަށް ނެގި މީހުން، ސަފަކަށް އިށީންދެގެން ބަޑި ގުދަން ކައިރީގައި ތިބިއިރު، މޭޖާ މުހައްމަދު ޒާހިރާއި މޭޖާ ޝައުކަތު އިބްރާހިމް ގެންދެވީ ކަންތައް ކުރަންވީ ގޮތް ވިދާޅިވެ ހިތްވަރުލައިދެއްވަމުންނެވެ. އެގޮތުން އެންމެ ފަހު މީހާއާއި ޖެހެންދެންވެސް އެގޮތުގައި ތިބުމަށް ތަކުރާރުކޮށް މޭޖާ މުހައްމަދު ޒާހިރު ވިދާޅުވަމުން ގެންދެވީ އަސަރާއެކު ފެންކަޅިވެ ހުންނަވައިގެން އެހެންނަމަވެސް ގައުމީ ޖޯޝުގައެވެ. އެ ޖޯޝުން ހިތްވަރު ލިބިގަނެ، ޝަހީދު އާދަމް ނަސީރު ވެސް އެކުވެރިން ގައިގައި ބައްދާލައި ސަލާމްކޮށް ހެދިއެވެ.
ބޭރަށް ނިކުންނަން ތައްޔާރުވެފައިވާ މީހުންނަށް އެކަކު އަނެކަކަށް ހެޔޮއެދުމުގެ ބަސްތައް ބުނަމުން ގެންދިޔައެވެ. ބައެއް މީހުން ފަހުގެ ވަސިއްޔަތް ކުރި އެވެ. ރަށުގައި ނުވަތަ ގޭގައިވާ އަނބިމީހާ އާއި ކުދިންކޮޅަށް ފަހު ބަސް ރައްދުކޮށްދިނުމަށް އެމީހުންގެ ރަހްމަތްތެރިންގެ ގާތުގައި ބުނަމުންދިޔަ އެވެ އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށާއި މިހަނގުރާމައިގައި ކާމިޔާބު ހޯދަންވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔައެވެ.
ޝަހީދު އާދަމް ނަސީރު ބުނަމުން ގެންދިޔައީ ހަނގުރާމައިގެ މައިދާން ކިތަންމެ ނުރައްކާތެރިވިޔަސް ދިވެހި ރައްޔިތުންގެ ހައްގުގައިކޮށްފައިވާ ހުވަޔާއި އެއްގޮތަށް ސާބިތުކަންމަތީ ދުޝްމަނުންނާ ކުރިމަތިލައި ޝަހީދުވިޔަސް ހެޔޮ ކަމަށެވެ. މި އަޒުމުގައި އޭނާ ނުކުތީ ޕެޓްރޯލަށް ނުކުތް ދެވަނަ ގްރޫޕްގަ އެވެ. އަދި ސިފައިންގެއިން ނިކުތް 8 ވަނަ މީހާގެ ގޮތުގައެވެ.
ސިފައިން ބޭރަށް ހަމަ ނިކުތްތަނާ ރައީސް އޮފީހާއި ގާޒީ ބިލްޑިން އާއި ދޭތެރޭގައި އޮންނަ ކަނީރު ހިނގުމުގައި ތިބި ދުޝްމަނުން އެމީހުންނަށް ކުއްލިއަކަށް ހަމަލާދިނެވެ. އެހަމަލާގައި ޝަހީދު އާދަމް ނަސީރު ގަޔަށް ވަޒަން އެރިއެވެ. ދުޝްމަނުންގެ މި ކުއްލި ހަމަލާއާއެކު، ވަޒަން އެރި ނަސީރާއި ހުސެއިން އަލީ އާއި ދެމީހުން ބަނޑޭރި ހިނގުމުގެ ތެރެއަށް، އާދަމް ނަސީރު ވެއްޓުނީ ހުސެއިން އަލީގެ ގައިމައްޗަށް ވާ ގޮތަށެވެ. ޝަހީދު އާދަމް ނަސީރުގެ ގަޔަށް އަރާފައިވާ ވަޒަންތައް އަރާފައިވަނީ ބަނޑަށާއި މެޔަށެވެ.
އެވަގުތު ސިފައިންގެ ދެ މީހަކު (ހުސެއިން އަލީ އާއި އިބްރާހިމް ޝަރީފް) ވެގެން، އާދަމް ނަސީރު ގެ ގައިގައި ހިފައި ބަންޑޭރިގޭ ހިނގުމުން ދެކުނަށް ދަމާ ގެންދިޔައެވެ. ޒަހަމްތަކުން ގިނަ އަދަދަކަށް ލޭ އޮހޮރެމުން ދިޔަނަމަވެސް، އޭރު އާދަމް ނަސީރުގެ ފުރާނަ ހުއްޓެވެ. އެވަގުތު ވާހަކަދެއްކޭތޯ ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެބުނި އެއްޗެއް ސާފު ނުވެ އާދަމް ނަސީރު ޝަހީދުވީ އެވެ.
އާދަމް ނަސީރު ޝަހީދުވިއިރު އޮތީ ސިފައިންގެ އިރު އުތުރު ކަންމައްޗަށްވާ ގޮތަށް، މަގުމަތީ ފާރު ކައިރީގައި ބަނޑޭރި ހިނގުމުގައެވެ. ޝަހީދުވެފައި އޮތްއިރު އޮތީ ބަނޑޭރި ގޭޓު ހިނގުމުގައި ހުރަހަށް ވާގޮތަށް ބޯކޮޅު ހުޅަނގަށް ވާގޮތަށެވެ. ސިފައިންގެ މަގުމަތީ ފާރާއި ޝަހީދު އާދަމް ނަސީރުގެ ބޮލާ ދޭތެރޭގައި ފޫޓެއް ވެސް ނެތެވެ.
އުމުރުން 31 އަހަރުގައި އާދަމް ނަސީރު ޝަހީދުވިއިރު އޭނާ ސިފައިންގެ ހިދުމަތުގައި އުޅޭތާ 8 އަހަރު ވެއްޖެއެވެ. ލާންސް ކޯޕްރަލް އާދަމް ނަސީރު ސާބިތުކޮށްދިން ހިތްވަރުގަދަ ގައުމީ ޖިހާދުގެ އަގު ދައުލަތުން ވަޒަން ކޮށް، ލާންސް ކޯޕްރަލްއެއްގެ މަގާމުން ސާޖަންޓެއްގެ މަގާމަށް، މަގާމުގެ ކުރިއެރުން ދެއްވައި ހުރަވީ ރިހި މެޑަލް އާއި ތިނެއް ނޮވެމްބަރުގެ މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް ވަނީ އޭނާއަށް ދެއްވާފައެވެ.
ޝަހީދު އާދަމް ނަސީރަކީ ކަޅުހުއްތު އާއި ތުއްތުމަނިކެ (ހ.ޝޭޑީވިލާ) އާއި ދެމަފިރިންނަށް ލިބިފައިވާ ދަރިއެކެވެ. ތައުލީމު ހާސިލުކޮށްފައިވަނީ އީޕީއެސް ސްކޫލުންނެވެ.
ޝަހީދު އާދަމް ނަސީރު، ޝަހީދުވީއިރު އޭނާގެ އަންހެނުން ފަރުހާނާ އާދަމްގެ ހިތުގައި އާދަމް އަށް އޮތް ލޯތްބާއި ގަދަރު އަދިވެސް ފަނޑުވެގެން ނުދެއެވެ. އެ ހަނދާންތައް އޭނާ ކިޔައިދިނީ އަސަރާއެކުގައެވެ.
"އާދަމްގެ ތިން ކުދިން އަޅުގަނޑަށް ލިބުނު. އެހެން ނަމަވެސް މިހާރު ދުނިޔޭގަ ހުރީ އެންމެ ކުއްޖެއް. އާދަމްއާ އަޅުގަނޑު (ފަރުހާނާ އާދަމް, 53 އަހަރު) ކައިވެނިކުރީ އަޅުގަނޑުގެ އުމުރުން އެންމެ 15 އަހަރުގަ. އާދަމް އަށް އޭރު 26 އަހަރު ވާނީ. ފުރަތަމަ ދަރިފުޅަށް 11 މަހުގަ ދެ ވަނަ ކުއްޖާ ލިބިއްޖެ. އެހެން ނަމަވެސް އެކުއްޖާ ލިބުނު އިރުވެސް އޮތީ ނިޔާވެފައި. ތިން ވަނަ ކުއްޖާ ލިބި އެކުއްޖާއަށް ހަތް ވަނަ މަހުގަ އެ ދަރިފުޅުވެސް ނިޔާވީ. އެދަރިފުޅަކީ ބަލިކުއްޖެއް. މިހާރު ދުނިޔޭގަ ހުރީ ނަސީރުގެ އެންމެ ދަރިއެއް. އެއީ މުހައްމަދު ޖިނާހު. އޭނައަށްވެސް މިހާރު 33 އަހަރު ވެއްޖެ. ރާއްޖޭން ބޭރުގަ ޒިންމާދާރު ވަޒީފާއެއްގަ ޖިނާވެސް އުޅެނީ." ފަރުހާނާ ކިޔައިދިނެވެ.
އާދަމް ޝަހީދުވީ އޭނާގެ ދޮށީ ދަރިފުޅު ޖިނާހުގެ އުމުރުން އެންމެ ތިން އަހަރުގައެވެ. ޝަހީދުވިއިރު ޖިނާއާއެކު އަދި ބަލި ކުއްޖެއްވެސް އާދަމްގެ ހުއްޓެވެ. އެދަރިފުޅުގެ ބޭސް ފަރުވާގެ ކަންކަމުގައި މެޑަމް ނަސްރީނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށާއި އާދަމް ޝަހީދުވިތާ 15 ވަރަކަށް ދުވަސް ފަހުން ސަރުކާރުގެ އެހީގައި އެ ދަރިފުޅަށް ބޭސްކުރަން އިންޑިއާއަށްވެސް ދިޔަ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އާދަމް ޝަހީދުވިތާ ގާތްގަނޑަކަށް 7 މަހުގައި އެ ދަރިފުޅުވެސް މަރުވީއެވެ. ހިތާމައިގެ މައްޗަށް އަނެއްކާވެސް ހިތާމައެވެ.
ފަރުހާނާ ކިޔައިދިން ގޮތުގައި އާދަމްގެ މަންމަ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. އެހެން ނަމަވެސް ބަލިކަމުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ހަނދާނުގައި ކަންކަން ހަރުލައި ނުހުންނަ ކަމަށް ބުންޏެވެ. އެހެން ނަމަވެސް އާދަމްގެ މަންމަގެ ހަނދާނުގައި ކަންކަން ހުރިހިރު, އާދަމް ޝަހީދުވުމާއެކު ނުހަނު ހިތާމަކުރި ނަމަވެސް, ފަރުހާނާއަށާއި ދަރިފުޅަށް ލޯތްބާއި އަޅައިލުމާއި އޯގާތެރިކަން އެންމެ ފުރިހަމައަށް ދިން ކަމަށެވެ. އާދަމްގެ އާއިލާގައި އެއްބަނޑު ޖުމުލަ 11 ކުދިން ތިބޭއިރު, އާދަމްއާ އެއްބަނޑު އެއްބަފާ ހަތަރު ބެއިން ތިބެއެވެ. އެއީ އެއް އަންހެން ކުއްޖަކާއި ތިން ފިރިހެން ކުދިންނެވެ. އޭގެ ތެރެއިންވެސް އާދަމް އަކީ އެންމެ ދޮށީ މީހާއެވެ.
އާދަމް ޝަހީދުވުމަށް ފަހު, އޭނަގެ މުސާރައިގެ ތިން ބައިކުޅަ އެއްބައި ކޮންމެ މަހަކުވެސް ފަރުހާނާއަށް ސަރުކާރުން ދިޔައީ ފޯރުކޮށްދެމުންނެވެ. ދަރިފުޅު ޖިނާހުގެ ގުރޭޑު 10 ނިމެންދެން މިގޮތަށް އެ ފައިސާ ފޯރުކޮށްދިން ކަމަށް ފަރުހާނާ ބުންޏެވެ. އެއީ 450.11 (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ, އެގާރަ ލާރި) ކަމަށް ފަރުހާނާ ބުނެ, ވަކިލާރި ކޮތަޅެއްވެސް ނެރުނެވެ. ފަރުހާނާ ބުނިގޮތުގައި އޭގައިވާ ހުރިހާ ވަކި ލާރިއަކީ އޭރު ކޮންމެ މަހަކު ލިބުނު 11 ލާރި ކަމަށެވެ. މިއަދާ ހަމައަށްވެސް ފަރުހާނާ އެ ރައްކާކޮށްފައި ހުރީ ހަމަ ގައިމުވެސް އާދަމް އަށްޓަކައި އޭނާގެ ހިތުގައި ދެވިފައިވާ ލޯތްބާއި ގަދަރާއި އިހުތިރާމުގެ ސަބަބުން ކަމާ މެދު ޝައްކއް ނެތެވެ.
"ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެއީ ޖިނާހު (އާދަމް ގެ ދޮށީ ދަރިފުޅު) ސުކޫލް ނިމެންދެން އާދަމްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި އަޅުގަނޑަށް ދެމުން ސަރުކާރުން ގެންދިޔައީ. އެއަށްފަހު ގުރޭޑް 10 ނިމުމަށްފަހު އޭލެވެލް އަށް ސީއެޗްއެސްއީ ގައި ކިޔެވި އިރު މުސާރައިގެ އެބައި ނުލިބޭ. އެކަމަކު ޖިނާގެ އިމްތިހާނަށް ވެގެން ވަރަށް ބޮޑު އެއްޗެއް ދައްކަން ޖެހިގެން ދެން ސަރުކާރުގަ އެދުނީމަ އެބައި ދައްކައިދިން. ޖިނާއަކީ ވަރަށް ކިޔަވަން ޝައުގުވެރިވާ ކުއްޖެއް. އެހެން ނަމަވެސް އޭރުގެ ހާލަތަށް ބަލާފަ ބޭނުންވި ފެންވަރުގަ ކިޔަވައެއް ނުދެވުނު. އެގޮތުން ދެފަރާތުގެ ފެމިލީ އެހީތެރިކަމާއެކުގައި ކޮށްދެވުން އެންމެ ރަނގަޅަކަށް ކޮށްދިނިން." ފަރުހާނާ ފާހަގަކުރިއެވެ.
"އޭލެވެލް ނިމުމަށްފަހު ޖިނާ މެލޭޝިޔާއަށް ކިޔަވަން ފޮނުވަންވެގެން އަޅުގަނޑު ސަރުކާރުގެ ވަރަށް ގިނަ ތަންތަނަށް ސިޓީލައި އެހީއަށް އެދުނިން. ރައީސް މައުމޫނަށްވެސް އަޅުގަނޑު ސިޓީ ލިން. އެހެން ނަމަވެސް ޖަވާބު އައީ އެހީ ވެވެން ނެތް ކަމަށް. މިހާރުވެސް އެ ސިޓީ އެބަ އޮތް އަޅުގަނޑު އަތުގަ ރައްކާކޮށްފަ. ޖިނާއަކީ ކިޔަވަން ވަރަށް ޝައުގުވެރިވާ ކުއްޖެއް. ޖިނާއަށް ކިޔަވަން މަގުފަހިކޮށްދިނީ އަޅުގަނޑުގެ މަންމަ އެއްބަނޑު އެއްބަފާ ބޭބެ ތަސްމީން. އަޅުގަނޑުމެން ކިޔަނީ ތުއްތުބެ. ދެން ސަރުކާރުން ކިޔެވުމަށް އެހީތެރިކަން ނުދެވޭނެ ކަމަށް އެންގީމަ މެލޭއަށް ގޮސް ޖިނާ އެނބުރި އަންނާކަށް ބޭނުމެއް ނުވި."
ނޮވެމްބަރު ތިނެއްގައި ކަން ހިނގި ގޮތް ހަނދާންކުރަމުން އަސަރާއެކު ފަރުހާނާ އެދުވަހުގެ ހާދިސާ ކިޔައިދޭން ފެށިއެވެ.
"އޭރު ކޮންމެ ބުރާސްފަތި ދުވަހަކީ ރައީސް އާރަށަށް ވަޑައިގަންނަވާ ދުވަސް. ގޭ ދުވަހަކަށް ބުރާސްފަތި ދުވަސް ވިޔަސް އާދަމް އެ ދުވަހު ގެޔަކަށް ނުވެއް އާދޭ. އާންމުކޮށް އެދުވަހުގެ ހަވީރު ރައީސް އެރަށަށް ވަޑައިގަންނަވާނީ. އެކަމަކު އެދުވަހު އާރަށަށް ވަޑައެއްނުގަންނަވާ. ދެން އެރޭ ގާތްގަނޑަކަށް 11:30 ހާއިރު އާދަމް ގެއަށް އައި. އައިސްވެސް ހަމަ އާދައިގެ މަތިން އުޅެފަ ދިޔައީވެސް. ދެން ރައީސް ފަތިހުވެސް އާރަށަށް ފުރާ ވަޑައިގެންފާނެ. އެހެންވެ ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގައި ގޭގަ މަޑުކޮށްލާފަ އަނެއްކާވެސް ދިޔައީ. އާންމުކޮށް އެއީ ގެއަށް އަންނަ ރެއެއްވެސް ނޫން. އެކަމު އެރޭ އާދަން ގެއަށް އައި. ނޮވެމްބަރު ތިނެއް އައި އިރުވެސް ހަގު ދަރިފުޅު އުޅުނީ ވަރަށް ބަލިކޮށް. އެހެންވެއާވެސް އެކީގައި އާދަމް އަންނާނެ ޑިއުޓީގަ އުޅުނަސް ގެއަށްވެސް ވަރަށް ގިނައިން ކޮންމެ ދުވަހަކުވެސް." ވަރަށް ހަނދާން ކުރަމުން އަސަރާއެކު ފަރުހާނާ ކިޔައިދިނެވެ.
"އެއީ ބުރާސްފަތި ދުވަހެއް. އާދަމްމެންގޭގަ އަޅުގަނޑުމެން އުޅޭނީ. އަޅުގަނޑުގެ ކުޑަ ދަރިފުޅު އޭރު ލޭއަޅާފަ ހުރީ ބަލިކަމުން. ދެން އެ ލޭތައް ބޭރުވަނީ ކުޑަކަމުދާ ތަކެތީގެ ގޮތަށް. އޭރު ކޮޓަރީގަ ފާހާނާއެއްވެސް ނުހުންނާނެ. ދެން އެރޭ ފަތިހު ގާތްގަނޑަކަށް 3:30 ހާއިރު އަޅުގަނޑު ނިކުތީ ކުޑަމީހާގެ ފޮތިތައް ދޮވެލަންވެގެން. ފޮތިތައް ދޮންނަން އިންދާ އެންމެ ފުރަތަމަވެސް އަޅުގަނޑަށް އިވުނީ "ޓަސް" "ޓަސް" މިގޮތަށް އެއްޗެއްގެ ޖެހޭ އަޑު ކަހަލަ އަޑެއް. އޭގެ ކުރިންވެސް ފަތިހު އިވޭ އަޑެއް. އޭރު އަމީނިއްޔާ ސްކޫލްކުދިން ނޮވެމްބަރު 11 އަށް ކޮންމެވެސް ޑާންސެއް ޕްރެކްޓިސް ކުރާނެ. އެހެންވެ އެންމެ ފުރަތަމަ ހީކުރީ އެ އަޑު ކަމަށް. ދެން ހިތަށް އެރި ޕްރެކްޓިސް ކުރަން އެކަމު މިއީ ވަރަށް އަވަސް ގަޑިއެކޭ. އެހެންވެ ކުޑަކޮށް އުނދަގޫ ވާން ފެށީ." އޭނާ ކިޔައިދިނެވެ.
"ދެން އަޅުގަނޑު ފޮތިތައް ދޮވެ ނިންމާފަ ބޭރުގަ ހިއްކަން އަޅަން އައި ގަޑީގަ ޝޭޑީ ކޯނަރުގެ އަޒީޒާ (ހާމިދު އަބްދުލް ގަފޫރުގެ މަންމަ) ބޭރުން ވާހަކަދައްކާ އަޑު އިވޭ. އޭރު ފަތިސް ނަމާދަށް ގޮވައިފި. ދެން ނިކުތީމަ އަޒިއްތަ ބުނެފި ފަރުހަނާއަށް އެނގޭހޭ ކިހިނެއް ކަމެއް ވެގެން އުޅެނި. ބުނީމަ ކުރިމަތީ ހުރި ގޭ މީހަކުވެސް ބުނެފި ހީވަނި ކުދިން މިރޭ މާ އަވަހަށް ޕްރެކްޓިސް ފައްޓައިގެން އުޅޭ ރެޔެއް ހެންނޭ. ދެން އަޅުގަނޑުވެސް ވަނީ އެތެރެއަށް." އެވަގުތު ބޮޑު ކަމެއް ވެގެން އުޅޭ ކަމުގެ އިހުސާސްވެސް ނުވާ ކަމަށް ބުނަމުން އޭނާ އިތުރަށް ކިޔައިދިނެވެ.
"ދެން ޖިނާއާ އެންމެ ކުޑަ ދަރިފުޅު ގޮވައިގެން އަޅުގަނޑުވެސް ނިކުތީ ގެޔަށް ދާން. އާދަމްގެ ގެއާ އަޅުގަނޑުގެ ގެ ވަރަށް ކައިރިވާނެ. ދެން އަޅުގަނޑުމެންގޭ ކުރިމަތީ ހުރި ގޭގެ ފައުޒިއްޔާ ބުނެފި ފަރުހަނާއަށް އެނގޭހެއްޔޭ ބަޔަކު އަރައިގެންނޭ އުޅެނީ. މިގޭ ކުއްޖަކު ބުންޏޭ ސޯމިލް ކައިރީވެސް އެބައޮތޭ މީހަކު މަރާލާފައި. ދެން ހަމަ އެ ވަގުތުން ފެށިގެން އުނދަގޫ ގޮތްތަކެއް ވާން ފަށައިފި. ދެން ގެޔަށް ވަދެފަ ދޮންދައްތައާ ގޭ މީހުން ކައިރީވެސް އެވާހަކަ ބުނީން. އޭރު އަޅުގަނޑަށް ކިރިޔާ ކޮޅަށް ހުރެވެނީވެސް. އޭރު އަޅުގަނޑުމެންގޭ ހުންނާނެ ފިތްތަކަށް އަނބުރައިގެން ގުޅާ ފޯނެއް. ފަތިހުއް ސުރެން އަޅުގަނޑު އާދަމްއަށް ގުޅޭތޯ ސިފައިންގެއަށް ގުޅަނީ. އެކަމަކު ފޯނެއް ނުނަގާ. ގާތްގަނޑަކަށް 6:30 ހާއިރު ބޭރަށް ނިކުތް އިރު ކުރިމަތީ ހުރިގޭ ފައުޒިއްޔާއާ ބައިވަރު މީހުން ތިބި މަގުމަތީގަ. އޭރު އެނގުނީ ސިފައިންގެޔަށްވެސް ވަދެ މީހުންތައް މަރާ ހަދާ ވާހަކަ. ސިފައިންގެވެސް ހިފި ވާހަކަ. ދެންވެސް ހަމަ ގުޅަނީ. އެކަމަކު ފޯނެއް ނުނަގާ. ބައްޕަވެސް އެންމެން ތިބީ އޭރު ކައިރީގަ. އަޅުގަނޑު އެއްބަނޑު އެއްބަފާ ފަސް ކުދީންނާ ބައްޕައާ ދޮންދައްތަގެ ކުދީންވެސް ކައިރީގަ ތިބި." ތުރުތުރުލަމުން ފަރުހާނާ ކިޔައިދިނެވެ.
"ސިފައިންގެއިން ފޯނު ނެގީ ގާތްގަނޑަކަށް 9:30 ކަށްހާއިރު އަޅުގަނޑު ބުނީން އާދަމް ނަސީރު އަށް ގޮވާލަދޭށޭ. އެކަމަކު އެކޮޅުން ބުނީ މިގަޑީގަ ހާލަތު ހުރި ގޮތުން ގޮވަން ވަރަށް އުނދަގޫވާނެ ނޫންހޭ. ދެން ކިހިނެއް ހެއްޔޭ އާދަމް ރަނގަޅުހޭ އެހީމަ ބުނި ރަނގަޅޭވެސް. ފަހުންވެސް ވަރަށް ގުޅީން, އޭގެ ފަހުން ނުނަގާ ދެން ފޯނެއް. ދެން 10:30 ހާއިރު ބުނެދޭންވެސް ނޭނގޭ ގޮތްތަކެއް ވާން ފަށައިފި. ހަމަ ހިތަށް އަރަނީ އާދަމް މަރުވީއޭ. ދެން ހަމަ ރޮވެން ފަށައިފި. ދޮންދައްތަ ކައިރީވެސް ބުނެވިއްޖެ އާދަމް މަރުވީ ކަންނޭނގޭ. ދޮންދައްތަވެސް އެހެން ނުވާނޭ ބުނެ ކައިރީގަ އިނދެން ހިތްވަރުދޭ. އެކަމު އަޅުގަނޑުގެ ހިތް ހަމަ އެހެން ބުނަނީ. އެއީ ކަމަށްވެދާނެ އާދަން މަރުވި ގަޑިއަކީވެސް. ދެން އެއަށްފަހު ކަންތައްތައް ވީ ގޮތް ހަނދާންކުރަން އުޅުނަސް އެހާބޮޑަށް ހަނދާނެއް ނުވޭ." ރޮމުން ރޮމުން އޭނާ ކިޔައިދިނެވެ.
"އާދަން މަރުވިކަން ޔަގީންވީ އެދުވަހު (ބުރާސްފަތި ދުވަހު)ގެ އިރުއޮއްސިގެން ގޮސް ފަތިސްވެއްޖެ އޭރު. ދެން ހުކުރު ދުވަސް އެއީ. އެދުވަހު ފަތިހު ދޮންބޭބެ ހޮސްޕިޓަލަށް ދިޔައީ އެތަނަށް މީހުންތައް ގެންދާތަން ފެނިގެން. އޭރު އޭޑީކޭ ހޮސްޕިޓަލް މި ހުންނަ ތަނުގަ ހުންނާނެ ސަރުކާރު ހޮސްޕިޓަލެއް "ސެންޓްރަލް ހޮސްޕިޓަލް" ކިޔާ. ދެން ދޮންބޭބެއަށް އާދަމް ފެނުނީ ހަމަ އިއްތިފާގަކުން. ދެން ދޮންބޭބެ ވެސް އައިސް އަޅުގަނޑު ކައިރީ ފުރަތަމަ އެވާހަކަ ނުބުނެ ގޭ މީހުން ކައިރީ ބުނީ. އަޅުގަނޑު ދެރަވެދާނެތީވެ. އެހެންވީމަ އަޅުގަނޑު ނޫނީ އެންމެނަށް އެކަން އެނގިފަ އޭރު ހުރީ. ސަރުކާރުގެ ރަސްމީ ފަރާތަކުން އެންގުމުގެ ކުރިން އެހެން އެނގުނީމަ އަދި މާ ބޮޑަށް ދެރަވި." ގިސްލަމުން ފަރުހާނާ ކިޔައިދިނެވެ.
"ޝޭޑީވިލާއިން ކުއްޖަކު ދުވަމުން, އައިސް ބުނެފި ވަރަށް ބާރަށް ދޮންބޭއްތާއޭ. އެހެން ބުނީމާވެސް އަޅުގަނޑުގެ ހިތް ކުދިކުދިވި ކަހަލަ. ހަމަ ވަގުތުން ހިތަށް އެރި ޔަގީނޭ އާދަން އަށް ގޮތެއް ވީއޭ. ބުރާސްފަތި ދުވަހުގެ 10:30 އެހާކަށްހާއިރުން ފެށިގެން އަޅުގަނޑާ އާދަން ވަކިވެގެން ގޮއްސި ކަމުގެ އިހުސާސް އެހެން ނޫނަސް އަޅުގަނޑަށް ވާން ފަށައިފި. ހިތް އޭރު ބުނަން ފަށައިފި ދެން އާދަން އެނބުރި ނާންނާނެއޭ. އޭރު ހުކުރު ދުވަހު 8:30 ކަށްހާއިރު އެއީ. އެކުއްޖާ އައިސް އާދަން ނިޔާވި ވާހަކަ ބުނީ. ދެން އަޅުގަނޑަށް ހަމަ ދުއްވައިގަނެވުނީ ސަހަރާއަށް ދާން. އެކަމަކު ތަންކޮޅަކަށް ދެވުނު ތަނާ ނޭނގެ ވީ ގޮތެއް. އަޅުގަނޑު އަނބުރައިގަނެގެން މަގުމައްޗަށް ވެއްޓުން ކަން އެނގޭ." އޭނާ ބުންޏެވެ.
އެދުވަހު ސަހަރާއަށް އޭނާ ދިޔައީ ގާތްގަނޑަކަށް 9:30 ހާއިރު, ދޮށީ ދަރިފުޅު ޖިނާވެސް ގޮވައިގެންނެވެ. ޖިނާ މިހާރުވެސް އެދުވަސް ހަނދާން ހުންނަ ކަމަށް ފަރުހާނާ ބުންޏެވެ. އެދުވަހުގެ ވާހަކަ ޖިނާ އަދިވެސް ދައްކާ ކަމަށާއި، އެހެން ނަމަވެސް އޭރު ޖިނާއަށް ދެ އަހަރާ ހަތް މަސް ކަމަށްވެސް އޭނާ ބުންޏެވެ. ސަހަރާގައި މަޑުކުރާނެ ހިތްވަރު ނެތަސް ފަރުހާނާ ވަނީ އޭނާގެ ފިރިމީހާގެ ޝަހީދުވެފައިވާ ހަށިގަނޑު ދެކެން ސަހަރާއަށް ވަދެފައެވެ. ޝޭޑީވިލާ އެންމެންގެ އިތުރުން އާދަމްގެ މަންމަވެސް އޭނާއާއެކު އެތަނުގައި ހުއްޓެވެ. އާދަމް އަކީ އޭނާގެ މަންމަގެ އެންމެ ދޮށީ ދަރިފުޅެވެ. އެ މަންމަ އެދުވަހު ރުއި ރުއިން ހަނދާން ހުންނަ ކަމަށް ބުނެ އެ ހިތްދަތި ވަގުތުކޮޅުވެސް ފަރުހާނާ ސިފަކޮށްދިނެވެ.
"އާދަންގެ މޫނުގެ ކަނާތްފަޅި އޮތީ ވަރަށް ބޮޑަށް މެށިފައި." ރޮމުން ހަނދާންކުރަމުން އެހެން ނަމަވެސް ކެތްތެރިކަމާއެކު ފަރުހާނާ ހުއްޓަހުއްޓަމުން ކިޔައިދިނެވެ. ކަރުގެ ކަނާތްފަރާތަށް އިޝާރާތްކޮށް ގިސްލަމުން ފަރުހާނާ ބުނީ, ފޮތިގަނޑު ނެގި ވަގުތު ކަރަށް ވަޒަން އަރާފައި ހުރިތަން ފެނުނު ކަމަށެވެ. "ދެން އެއަށްވުރެން ތިރި އަޅުގަނޑެއް ނުދެކެން. މޫނުގެ ކަނާތް ފަރާތް ހީވަނީ ވަޒަން އެރީމަ މަގުމައްޗަށް ވެއްޓިފަ އޮވެގެން މަރަށް ތެޅުން ވަގުތު ބިންމަތީގައި ހޭކިފަ ފަދަ ގޮތެއްވެގެން އެފަރާތް އޮތީ މެށިފައި." އަސަރާއެކު އޭނާ ކިޔައިދިނެވެ.
އާދަމް ނަސީރު ޝަހީދުވުމަށްފަހު ޖިނާގެ ފަރާތުން އެހެންޏާ ނުފެންނަ ކަންތައްތަކެއް ފެންނަން ފެށި ކަމަށް ފަރުހާނާ ބުންޏެވެ. އެގޮތުން, ވާހަކަ ދެއްކުން މަދުވިއެވެ. "އަބަދުވެސް ތަނެއްގަ އިށީންދެ ނިޔަފަތި އަނގަޔަށް ލައިގެން ދެން އޭރު އިންނާނީ." ފަރުހާނާ ބުންޏެވެ.
"ދެން އަބަދާއި އަބަދު ހިތަށް އަރަނީ ކޮން އިރަކުބާއޭ މަރުވީ. ކިހިނެއްބާއޭ މަރުވީ. ވަޒަން އެރިތަނާ ބާއޭ މަރުވީ, ނޫނީ އޮވެ އެތައް އިރެއް ފަހުން މަރުވީ ބާއޭ. އެކަންތައްތައް ހިތުން ނުފިލާ އަބަދުވެސް ހުންނަނީ. ދޮންބޭބެ ހޮސްޕިޓަލަށް ދިޔައީ. ދެން އޭނާއަށް އާދަމް އެތަނުން ފެނުނު. ދޮންބޭބޭ އަޅުގަނޑުކައިރީގަ ބުނި އާދަމްގެ "ވަޒަން ނާރާ ހުރި ތަންތަނަށްވުރެން ގިނައީ ވަޒަން އަރާފަ ހުރި ތަނޭ". ކަރުނަ ފޮހެމުން ފަރުހާނާ ކިޔައިދިނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް