ނިދިފައި އޮއްވައި ހޭލެވުނީ ބާރު އަޑުފަށްގަނޑެއް އިވޭތީ އެވެ. އެއީ ބަޑިޖަހާ އަޑުކަން ޔަގީނާ ގާތަށް ބުނާކަށް އެނގެ އެވެ. ބޭރަށް ނުކުމެ ބަލައިލި އިރު އެކި ކޮޅުކޮޅަށް މީހުން ދުވާތަން ފެނެ އެވެ. އެކި މީހުން ކައިރީ އަހައި ސާފުކުރުމުން އެނގުނީ ބަޔަކު މާލެ އަރައި މާލެ އެމީހުންގެ ކޮންޓްރޯލު ދަށަށް ގެންގޮސްފި ކަމާއި ބަޑި ޖަހައި މީހުންވެސް މަރަމުންދާ ކަމެވެ.

މިއީ އޭރު އުމުރުން އެންމެ 17 އަހަރުގެ ޕްރައިވެޓް އިބްރާހިމް ޝަރީފް (އޮނަތޫރި ޝަރީފް) ނޮވެމްބަރު ތިނެއްގެ ހަނދާން އާކުރަމުން ވާހަކަ ފެށި ގޮތެވެ. އިވެނީ ބަޑީގެ އަޑުފަށްގަނޑުކަން ޔަގީން ވުމުން ޔުނީފޯމު ގަމީހާއި ފަޓުލޫނު ގަޔަށް ވައްޓާލައިގެން އޭނާ ފެންޑާއަށް ނުކުތީ އެވެ. އޭރު ޑިއުޓީގައި ތިބި އެހެން ސިފައިން ހަރަކާތްތެރިވާ ގޮތް ފެނުމުން ވަގުތުން ބޫޓަށް އަރައިގެން ނުކުންނަން ތައްޔާރުވި ކަމަށް "ވަން" އަށް އޭނާ ކިޔައިދިނެވެ.

ޝަރީފް ބުނީ ޔުނީފޯމުގައި ތައްޔާރުވެގެން އެކޮމޮޑޭޝަން ބްލޮކްތަކާ ދިމާއަށް ދަނިކޮށް އޭރުގެ އޮޕަރޭޝަން ކޮމާންޑަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އާ ދިމާވި ކަމަށާއި ޓާސްކްފޯސް ޓްރޭނިން ހަދާފައި ހުރިތޯ އެހި ކަމަށެވެ. ހަދާފައިވާ ނަމަ އާމަރީ އަށް ގޮސް ހަތިޔާރާއި ވަޒަން ނަގައިގެން އައުމަށް އެދުނު ކަމަށެވެ.

"އަޅުގަނޑު ނެގީ އޭކޭ47 ގެ ބަޑިއަކާ ހުސް ދެ މެގެޒިން. ދެން އިތުރަށްވެސް ވަޒަން ނެގުމަށް އެންގުމުން އަޅުގަނޑު ބަޑިއަށް ވަޒަން ފުލްކުރުމަށްފަހު އިތުރު ވަޒަން ފޮށިތައް ނަގައި މިލީ ޖީބަށް. ޖީބަށް ލެވުނީ ކިތައް ފޮށި ކަމެއް ނޭނގެ. އެއްޗެހިތައް ނަގައިގެން ޖަލީލް ސަރ ކައިރިއަށް ދިޔުމުން އަޅުގަނޑު ގޮވައިގެން ގޮސް ބެހެއްޓީ ދެކުނު ފަރާތު ފެންޑާ އެފް ބްލޮކުގެ ފުރަގަހުގަ އެއް ނަންބަރު ދޮރު ކައިރީގަ. ދެން އެންގީ އެފަރާތު ފާރުމަތިން ބަޔަކު އަރާ ނަމަ ހަމަލާ ދޭން." ދުވަހުގެ ހަނދާންތައް އާ ކުރަމުން އޭނާ ބުންޏެވެ.

އެއް ނަންބަރު ދޮރުކައިރީގައި ޑިއުޓީގައި ހުރެވުނީ ކިހާ އިރަކު ކަން ބުނެދޭން ނޭނގޭ ކަމަށާއި އެތައް އިރެއްވީ ފަހުން ޖަލީލް އެތަނަށް ވަޑައިގެން އަނެއްކާވެސް އާމަރީ ކައިރިއަށް އައުމަށް އެންގި ކަމަށް ބުންޏެވެ. އެތަނަށް ދިޔައިރު އަށް ވަރަކަށް ސިފައިން އެތަނުގައި ތިބި ކަމަށާއި އަދި އެތަނުގައި މަޑުކޮށްލުމަށް އެދިވަޑައިގެންނެވި ކަމަށްވެސް ބުންޏެވެ. އޭގެ ފަހުން އައި އިތުރު ސިފައިންނާ އެކު ޖުމުލަ 11 މީހުން ސިފައިންގެއިން ބޭރަށް ޕެޓްރޯލް ކުރަން ފޮނުވި އެވެ.

ޝަރީފް ބުނީ 11 ސިފައިން ސަފެއްގައި ޕެޓްރޯލަށް ނުކުތުމަށް ތައްޔާރުކޮށް އެއްވެސް މީހެއްގެ އެއްވެސް ވަސިއްޔަތެއް އޮތްތޯ އެހި ކަމަށާއި އަދި އަނބުރާ ސިފައިންގެއަށް ސަލާމަތުން ވަދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ޖަލީލް ވިދާޅުވި ކަމަށެވެ. އަދި ޕެޓްރޯލަށް ނުކުތުމުގެ ކުރިން ދުޝްމަނުންނަކީ ކޮން ބައެއް ކަމާއި އެމީހުން ގެންގުޅެނީ ކޮން ކަހަލަ ހަތިޔާރެއް ކަމާއި، ވަޒަން އަރައިފި ނަމަ އަމަލު ކުރާނެ ގޮތާއި، ދުޝްމަނުން ލައިގެން ތިބީ ކޮންވައްތަރެއްގެ ހެދުންތޯ ބެލުމަށް ބްރީފިންއެއް ދެއްވި ކަމަށް ބުންޏެވެ.

ސިފައިންގެއިން ނުކުތުމަށްޓަކައި ފުލުސް އޮފީހުގެ ގޭޓުން ނުކުތުމަށް ސަފު ހަދައި ކޮމާންޑަރަށް ޖަލީލު ހުންނަވައިގެން ހިނގައިގަތީ އެވެ. ގޭޓުން ނުކުތީ ނުވަ ސިފައިން ކަމަށާއި މި ސިފައިން ބަނޑޭރި ގޭގެ މަގުގެ މެދަކާ ހަމަޔަށް ދެވުނުތަނާ ކުރިމަތީގައި ތިބި ސިފައިންގެ ތިން ބޭފުޅަކު ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލި ކަމަށް އޭނާ ބުންޏެވެ. އަދި ބާރަށް ދުވެފައި ބަނޑޭރިގޭގެ ގޯޅި ތެރެއިން ދުއްވައިގަނެ 10 ވަރަކަށް ފޫޓަށް ދުވެފައި މަގުމަތީގައި އޮށޯ ވެވުނު ކަމަށް އޭނާ ބުންޏެވެ.

"އޭރު އަޅުގަނޑާއެކު އެހެން ބޭފުޅެއްވެސް ހުރި. އެއީ ފުއްކަފަ ދޮންތު. އަޅުގަނޑު ބުނެފިން ދޮންތު އޭ ދެން ހިނގާށޭ މިތާ ތިބެން. ޝޮކެއް ލިބުނީމަ ހަމަ އޮށޯވެވުނީ. ދެން އަޅުގަނޑާ ވަރަށް ކައިރިން ޝޭޑީ ނަސީރު (ޝަހީދުވި ސިފައިންގެ ބޭކަލެއް) ޒަހަމްވެފައި އޮތްތަން ފެނުނު. އޭނާގެ އަތުގައި ހިފާފައި ވާހަކަ ދައްކަން މަސައްކަތް ކުރިން. އެކަމަކު ނަސީރަށް ވާހަކަ ދެއްކޭ ގޮތެއް ނުވި. ކަރުން އަޑުތަކެއް ލައްވާފައި ދެން ހަބަރެއް ނުވި. ދެން އެހިސާބުން އެނގިއްޖެ މަރުވީކަން. އޭރުވެސް ވަޒަން ޖަހާކަން އެނގޭ. އަޅުގަނޑުމެން ގަޔަށްވެސް ވެލިބުރާ. ދެން ދޮންތު ގާތު އަޅުގަނޑު ބުނެލިން ހިނގާށޭ ސިފައިންގެއަށް ވަންނަން ދާން. މިތާ އޮތަސް ވާނީ މަރޭ. ތެދުވިޔަސް ވާނީ މަރޭ. އެހެން ކިޔާފައި އަޅުގަނޑު ގޮސް ނަސީރުގެ ހަތިޔާރު ނަގައިގެން ތެދުވީ." އޭނާ ބުންޏެވެ.

ޝަރީފް ބުނީ ތެދުވި ތަނާ ފައިގައި މީހަކު ހިފި ކަމަށާއި ބިރުން ހުރެ ބެލި އިރު މިއީ ސިފައިންގޭގައި އެކުގައި މަސައްކަތް ކުރާ ބުޝްރު ނަމަކަށް ކިޔާ ބޭފުޅެއް ކަމަށެވެ. އަދި އޭރު އޭނާ އޮތީ ލެއިން ތަތްތެޅިފައި ކަމަށާއި ހަށިގަނޑުގެ އުނަގަނޑުން ތިރިއަށް ބައިވަރު ވަޒަންތަކެއް އަރާފައި ހުރި ކަމަށެވެ. އޭނާ އެދުނީ އޭނާ ނަގައިގެން ސިފައިންގެއަށް ވެއްދުމަށް ކަމަށާއި ނަމަވެސް އޭނާ އަކީ ޖާނުން ވަރުގަދަކޮށް ހުންނެވި ބޭފުޅެއް ކަމުން މުއްގަނޑު ޖައްސައިގެން ގޭޓާ ހަމަޔަށް އަންނަން މަސައްކަތް ކުރުމަށް އެދުނު ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑު އޭރު ހުންނާނި ވަރަށް ހިކިކޮށް. ބުޝްރަކީ އޭރު ސިފައިންގޭގައި ވަރަށް ޖެހިލުން ކުޑަ މީހެއް. އޭނަ މިއައީ ގޭގައި އޮވެފައި ބަޑި ޖަހާ އަޑަށް ސިފައިންގެއަށް ވަންނަން ވެގެން. އައިސްފައި ސިފައިންގެއަށް ވަދެވުމުގެ ކުރިން ދުޝްމަނުންގެ ހަމަލާ އޭނާގެ ހަށިގަނޑަށް އެރީ. ދެން އޭނަ ނަގައިގެން ދާނެ ވަގުތެއްވެސް ނެތް. އަދި ވަރެއްވެސް ނެތް. ބުނިން މުއްގަނޑުގައި ގޭޓާ ހިސާބަށް އައީމަ ވައްދަ ދޭނަމޭ ޔަގީނުންވެސް. އެހެން ބުނެފަ އަޅުގަނޑުމެން ދުވެފައި އެތެރެއަށް ވަނީ. ދެން ބުޝްރީ ގޭޓާ ހިސާބަށް އައީމަ އެތެރެއަށް ވައްދައި ފަރުވާދޭން ފެށީ. އިރާދަފުޅުން ބުޝްރީގެ ފުރާނަ ސަލާމަތް ވި." އޭނާ ބުންޏެވެ.

ޕެޓްރޯލަށް ނުކުތް ނުވަ މީހުންގެ ތެރެއިން ހަތަރު މީހުންނާއެކު ދެން ދިޔައީ ކޮމިއުނިކޭޝަނަށް ކަމަށާއި އެތަނުގައި މަޑުކޮށްގެން ތިއްބައި ކާނެ އެއްޗެއް ލިބުނު ކަމަށް އޭނާ ބުންޏެވެ. އަދި ފުއްކަފަ ދޮންތު އާއި އޭނާ އާ ދެ މީހުން ބޭރުގައި ބައިތިއްބާފައި ޖަލީލް ހިމެނޭހެން ތިން މީހުން އެތަނުގެ ތެރެއަށް ވަތް ކަމަށާއި އޭގެ ފަހުން އަނބުރާ ސިފައިންގެއަށް ގޮސް އާމަރީއަށް ވަދެ މެޝިން ބަޑިއެއް ދިނުމަށްފަހު އޭތި ކޮމިއުނިކޭޝަން މިނިސްޓަރާ ހަވާލުކުރުމަށް އެދުނު ކަމަށް ޝަރީފް ބުންޏެވެ. އަދި އެ ބަޑި ކޮނޑަށް ލައިގެން ވާ ޖަހައިގެން އެ ބަޑި އެރުވި ކަމަށާއި އެ ހަވާލު ކުރުމަށްފަހު އަނެއްކާވެސް ސިފައިންގެއަށް އަނބުރާ ދިޔަ ކަމަށް އޭނާ ބުންޏެވެ.

އޭރު ދުޝްމަނުން ބަލި ގަބޫލުކޮށް ފަޅުގައި ހުރި ދޯނިތަކާއި ބޯޓުތަކަށް އަރައިގެން ފިލަން މަސައްކަތް ކުރަމުންދާ ކަމުގެ އަޑު އިވުނު ކަމަށް އޭނާ ބުންޏެވެ. ތިން ވަނަ ދުވަހުގެރޭ ބިރުވެރިކަމެއްގެ ތެރޭގައި އުޅުމަށްފަހު އެރޭވެސް ޑިއުޓީ ކުރީ އެއް ނަންބަރު ގޭޓު ކައިރީގައި ކަމަށް ބުންޏެވެ. ޖެހިގެން އައި ދުވަހުވެސް އެތާނގައި މަޑުކޮށްގެން ހުއްޓައި އޮފިސަރުންގެ ކޮޓަރިއަށް އައުމަށް އެދުނު ކަމަށާއި އެތަނަށް ދިނުމުން ސިޓީ އުރައެއް ހަވާލުކޮށް ދިވެހި ރާއްޖޭގެ އަޑަށް ގެންދިޔުމަށް އެދުނު ކަމަށްވެސް ބުންޏެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ހިތޯބު ކަމަށާއި އެއަށް ސަމާލުވެ ރައްކާތެރިވުމަށް އެދުނު ކަމަށްވެސް ބުންޏެވެ. އަޑަށް އެ ސިޓީ ހަވާލު ކުރުމަށްފަހު އަޑުގައި ޑިއުޓީ ކުރުމަށް އެދުމުން އެތަނުގައި މަޑުކުރީ ކަމަށްވެސް ބުންޏެވެ.

1988 ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިފައިންގެ އަށް ބޭކަލަކާއި އާންމުންގެ 11 މީހަކު ވަނީ ޝަހީދުވެފަ އެވެ.