ހުޅުމާލެ ހިޔާ ފްލެޓުތަކަށް ގޭސް ފޯރުކޮށްދިނުމުގެ ސިސްޓަމެއް ގާއިމުކުރުމަށް މޯލްޑިވްސް ގޭސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ ސިސްޓަމް ގާއިމުކުރުމަށް މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ މޯލްޑިވް ގޭސްއާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އެޗްޑީސީން ބުނީ، ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް ގާއިމުކުރުމަށް ނިންމާފައިވަނީ ހިޔާ ފުލެޓުތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވައި ބޭލުމުގައި އާންމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށް ކަމަށާއި ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގައި ނުވާތީ ކަމަށެވެ.
މި މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖު ޔުނިޓުތަކެއް ގާއިމުކޮށްގެންނެވެ. މި މަސައްކަތް ކުރާނީ އެމްއެންޑީއެފްގެ ރެގުލޭޝަންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެޗްޑީސީން ބުނެއެވެ.
މި މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ނިންމުމަށް ހަމަޖައްސާފައިވާ އިރު، މި ހިދުމަތް ދިނުމަށް މޯލްޑިވް ގޭސްއާ ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.