ދުނިޔެ

އެމެރިކާގައި އުމުރުން 5 އަހަރުން މަތީގެ ކުދީންނަށް ފައިޒާ ވެކްސިން ދޭން ފަށަނީ

އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދީންނަށް ފައިޒާ ވެކްސިން ދިނުމަށް އެފްޑީއޭއިން ވަނީ ހުއްދަކޮށްފައެވެ.

ވައިޓްހައުސްއިން ބުނެފައިވާ ގޮތުގައި މި އުމުރުގެ ކުދިންނަށް ވެކްސިން ދިނުން ހުއްދަކުރުމާއެކު ވެކްސިން ދިނުމަށް އެމެރިކާގެ އެކި ހިސާބުތަކަށް ފައިޒާ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް މިހަފުތާގައި ފަށާނެ އެވެ. ނަމަވެސް 15 މިލިއަން ޝޮޓުގެ ފައިޒާ ވެކްސިން ހުރިހާ ހިސާބަކަށް މިހަފުތާގެ ތެރޭގައި ފޯރުކޮށްދީ ނުނިމޭނެ ކަމަށް ބެލެވޭތީ، ވެކްސިން ދިނުން އަންނަ ހަފުތާގައި ކުރިއަށް ގެންދެވޭނެ ކަމުގައި ވައިޓްހައުސް އިން ވަނީ ބުނެފައެވެ.

އެމެރިކާގައި ކޮވިޑުގެ ކޭސްތައް މަދުވަމުން އަންނަ ނަމަވެސް ފިނި މޫސުމާ ދިމާކޮށް ކޮވިޑުގެ އަދަދުތައް މަތިވެދާނެ ކަމަށް ބެލެވޭތީ އަލަށް ވެކްސިން ދިނުން ހުއްދަކޮށްފައިވާ އުމުރުފުރައަށް ވެކްސިން ދިނުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެފްޑީއޭއިން އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ބަޔޯއެންޓެކް ފައިޒާ ވެކްސިން ހުއްދަކޮށްފައިވަނީ ބޮޑެތި މީހުންނަށް ދޭ ޑޯޒުގެ ތިންބައި ކުޅަ އެއްބައި ދަށްކުރުމަށްފަހުގައެވެ. އެފްޑީއޭއިން ވެކްސިން ދިނުން ހުއްދަކޮށްފައިވީ ނަމަވެސް އެމެރިކާގެ ސީޑީސީއާއެކު ހާއްސަ އެޑްވައިޒަރީ ޕެނަލަކުން ބައްދަލުކޮށް ވެކްސިން ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ސީޑީސީން އެކަން ރަސްމީ ކުރާ ހިސާބުން ވެކްސިން ދޭން ފެށުމަށް ހެލްތު އޭޖެންސީގެ ޑިރެކްޓަރު ޑރ. ރޮޝެލް ވޮލަންސީ އަމުރެއް ނެރުއްވާނެ ކަމުގައި ވަނީ ބުނެފައެވެ.

ވައިޓް ހައުސްގައި ކުރިއަށްދިޔަ ބްރީފިންއެއްގައި އެމެރިކާގެ ކޮރޯނާވައިރަސް ކޯޑިނޭޓަރު ޖެފް ޒިއެންޓްސް ބުނެފައިވަނީ މި އުމުރުފުރައިގައި ހިމެނޭ 28 މިލިއަން ކުދިންނަށް ވާ ވަރަށް ވެކްސިން އެބަހުއްޓެވެ.

އެމެރިކާގައި މި އުމުރު ފުރައިގެ ކުދިންނަށް ވެކްސިން ޕުރޮގުރާމު ފެށުމުގެ އިންތިޒާމުތައް މި ހަފުތާގައި ނިންމައި، އަންނަ ހަފުތާއިން ފެށިގެން ބާރު ސްޕީޑުގައި ވެކްސިން ދޭން ފެށޭނެ ކަމުގައި ވައިޓްހައުސްއިން ބުނެއެވެ. މިހާރުވެސް އެގައުމުގެ ސަރުކާރުންވަނީ ބެލެނިވެރިންނަށް އެ އުމުރުގެ ކުދިންނަށް ވެކްސިން ލިބޭނެ މަރުކަޒުތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.