މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަންދިން ހަމަލާގެ މޭސްތިރިން ކަމަށް ބުނާ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް އާއި ހަމަ އެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި، ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކު ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދެމީހުންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ދެމީހުންގެ ތެރެއިން އަލިމަނިކަކީ، 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.

އެ މައްސަލައިގައި އަލިމަނިކު ޖަލަށްލާފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލައިފައިވެސް ވެއެވެ.

އޭގެ ފަހުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

މުހައްމަދު ތަސްލީމަކީ، އަމިއްލަ ކުންފުންޏެއްގެ އޮފީސްތެރޭގައި ބޮމެއް ހަދަން މަސައްކަތްކުރި މައްސަލައިގައި 2017 ވަނަ އަހަދު ހައްޔަރުކުރި މީހެކެވެ. މެއި ހައެއްގައި މަޖިލިސް ރައީސަށް ހަމަލާދިނުމަށް އިރުޝާދު ދިނީ އޭނާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގަައި ގާޒީ ވިދާޅުވީ، ތަސްލީމް ވަކީލަކު އައްޔަނުކޮށްފައިވާ ކަމަށާއި، ނަމަވެސް އަލިމަނިކު ވަކީލަކު އައްޔަނު ކޮށްފައިވާ ކަން ކޯޓަށް އަންގާފައި ނުވާ ކަމަށެވެ.

އަޑުއެހުމުގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި އަލީމަނިކު ވަނީ އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަން އެދިފައެވެ. އިތުރު ވާހަކެއް ނުދައްކައެވެ.

ތަސްލީމުގެ ދިފާއީ ވަކީލު ވިދާޅުވީ، އޭނާގެ މުވައްކިލަށް ކުރަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ ކަމަށްވާއިރު، ސާބިތު ވެއްޖެ ނަމަ އަންނަނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަމަށާއި އެހެންކަމުން އެއީ ޖިނާއީ ބޮޑު ކުށަކަށް ނުވާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެ ދަރަޖައިގެ ކުށެއްގައި ދައުލަތުން އެދިގެން ޝަރުތުތަކާއެކު މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، ތަސްލީމަށް ކުރާ ކުށުގެ ދައުވާއަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކުގައި މީހުން ބަންދުން ދޫކޮށްލުމަށް ދައުލަތުން އެދެނީ އެ މައްސަލައެއްގެ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށެވެ.

ދެ ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު ގާޒީ ނިންމެވީ އަލީމަނިކު އާއި ތަސްލީމު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

އެގޮތަށް ނިންމީ ދައުލަތުން ދެ މައްސަލައިގައި ތަފާތު ގޮތަކަށް އަމަލު ކުރައްވާކަމަށް ދިފާއުން ބުނި ނަމަވެސް އެއީ ތަފާތު ދެ ހާލަތެއްގެ މައްސަލައެއް ކަމަށް ދައުލަތުން ވިދާޅުވުމުންނާއި އަދި މިއީ ޖިނާއީ ބޮޑު ކުށެއްކަން ޝަރީއަތަށް ވެސް ގަބޫލު ކުރެވުމުގެ އިތުރުން ދައުވާ ލިބޭ ދެމީހުންގެވެސް ޓެރަރިޒަމް މައްސަލައިގެ ހިސްޓްރީއެއް އޮތުމުން ހެއްކަށް ނުފޫޒު ފޯރުވުމާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭތީއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.