1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހުގެ ފަތިހު ދިވެހީންނަށް ހޭލެވުނީ މީގެ ކުރިން އެމީހުންގެ ހިތަށްވެސް ގެނެވިފައި ނުވާ ފަދަ ބިރުވެރި ހާލަތެއްގެ ތެރޭގައި ރާއްޖެ ވަނިކޮށެވެ. ތިނެއް ނޮވެމްބަރު ވަނަ ދުވަހު ވެރިރަށް މާލޭގެ މީހުން އެމީހުންގެ އަރާމު ނިދިން ހޭލީ ބަޑިޖަހާ އަޑަށެވެ. ގިނަ މީހުން ހީކުރީ އެއީ ސިފައިން ތަމްރީނަކަށް ނޫނީ ރަސްމިއްޔާތަކަށް ތައްޔާރުވުމަށް ފަރިތަކުރުމެއް ބާއްވަނީ ކަމަށެވެ. ތަފާތަކީ އެރޭ ބަޑިޖަހާ އަޑު މާގިނައިރު ވަންދެން މެދުނުކެނޑި އިވެމުން ދިޔުމެވެ.
ހަގީގަތަކީ އަރާމު ނިންޖެއް ދޫކޮށްލާފައި ސިފައިން ބަޑިޖަހާ އަޑުކަމަށް ހީކޮށް ބޭރަށް ނުކުތް މީހުނަށް ނުކުމެވުނީ، ބޮޑު ލޭއޮހޮރުވާލުމަކުން ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރަމުންދިޔަ ބޭރުގެ ހަނގުރާމަވެރިންތަކެއް ޖަހަމުން ދިޔަ ވަޒަންތަކުގެ ކުރިމައްޗަށް ކަމެވެ.
ރާއްޖޭގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރަމުންދިޔައީ ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ބަޔަކު ރާއްޖެ ގެނެސްގެން ދިވެހީންގެ ބަޔަކު އިސްވެ ތިބެއެވެ. ސިފައިން ބަޑިޖަހާ އަޑުކަމަށް ހީކޮށް ބޭރަށް ނުކުމެވުނު އެތައް ބަޔަކު ވަނީ ބަޑިޖަހައި މަރައިފަ އެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕްލޯޓު މީހުން މާލެ އެމީހުން ކޮންޓްރޯލުގެ ދަށަށް ގެނެސް މުޅި މާލެއިން މުވާސަލާތީ ހިދުމަތް ކަނޑާލައިފިއެވެ. އޭރު ޕްލޯޓު މީހުން ދިޔައީ މާލޭގެ މަގުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ. އަދި ބައެއް މީހުނަށް ހަމަލާ ދެމުންނެވެ. ބޭރުގެ ހަނގުރާމަވެރިން ވަނީ މުޅި މާލެ ހިފައި މުވާސަލާތީ ގުޅުން ހުއްޓުމަކަށް ގެނެސްފައެވެ. މިއީ ބިރުވެރި ވަގުތެކެވެ. ހާސްކަން އިތުރުވާނެ ދަނޑިވަޅެކެވެ.
ޕްލޯޓު މީހުން ބަޑިޖަހަމުން ދިޔަ އަޑަށް އޭރު ޓެލެވިޝަން މޯލްޑިވަސްގައި ނިއުސް ކާސްޓަރަކަށް މަސައްކަތް ކުރަމުންދިޔަ އިސްމާއީލް ވަޖީހަށްވެސް ހޭލެވުނެވެ. އެހެން މީހުނެކޭ އެއްފަދައިން ވަޖީހު ވެސް ފުރަތަމަ ނުކުތީ ބޭރަށެވެ.
"ވަން"އަށް ދިން އިންޓަވިއެއްގައި ވަޖީހު ބުނީ، ބޭރަށް ނުކުތީ ފަތިހު ކަމަށާއި، އޭރު ބަޑި ޖަހަމުންދާ އަޑު ހުއްޓުމެއްނެތި އިވެމުން ދިޔަ ކަމަށެވެ. ބޭރުގައި ހުއްޓާ ޕްލޯޓް ޖަމާއަތުގެ މީހުން ހަތިޔާރާއެކު އޭނާ އުޅޭ ގެއާ މާދުރު ނޫން ހިސާބަކުން ފެނުމުން ވެގެން އުޅޭ ގޮތް އެނގުނު ކަމަށެވެ. މުވާސަލާތީ ހިދުމަތް ޕްލޯޓު ޖަމާއަތުގެ މީހުން "ސަބަޓާޖް" ކޮށްފައި ވުމުން ޓީވާއަކުން ވެގެން އުޅޭ ގޮތެއް ނޭނގެއެވެ.
ވެގެން އުޅޭ ގޮތް ސާފުވުމާއެކު ވަޖީހު ނިންމީ މިއީ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ އިސްނާނިއްޔަތުކަން އިސްކުރަންވީ ވަގުތު ކަމަށެވެ. ވަޖީހު ހުރީ އެހެން މީހަކު ނުވިޔަސް އޭނާ އެކަނި ނަމަވެސް ދެން ތިބި މީހުންނަށް އެހީވުމަށެވެ. އެ އަޒުމުގައި ހުއްޓާ ވަޖީހަށް ފެނުނީ އޭނާގެ އަވަށްޓެރިޔަކު ފިހާރައަކަށް ދާން ނުކުރިގެން ހުރި ތަނެވެ.
"އެއީ ވަރަށް ކުޑަ ބޭބީއެއްގެ މަންމަ، އަވަށްޓެރިއެއް، އެމީހުން (ޕްލޯޓު މީހުން) ތިބީ ފެންނަ ހިސާބުގަ، އެހެންވެ އަންހެން މީހާއަށް ދާން ނުކެރުނީ ބިރުން." ވަޖީހު ކިޔައިދިނެވެ.
ވަޖީހު ބުނި ގޮތުން ނަމަ އޭރު ޕްލޯޓު މީހުން ތިބީ އޭނާވެސް އުޅޭ ގެއާ ވަރަށް ކައިރީގައެވެ. ނަމަވެސް އެމީހުންނަށް ފިލައިގެން ވަޖީހު ވަނީ އަންހެން މީހާ ކައިރިއަށް ގޮސް ގަންނަން ބޭނުންވާ އެއްޗެހި ގަނެދީފައި ކަމަށް ވަޖީދު ބުންޏެވެ.
"ބޭބީއަށް ބޭނުންވާ އެއްޗެހި ގަންނަން އެމީހާ ބުނީ، ދެން އަޅުގަނޑު ހިތަށް އެރީ މިއީ އެހެން މީހުނަށް އެހީވާންވީ ވަގުތޭ، ހެވޭ ޕްލޯޓު މީހުނަށް ފެނުނަސް، ފިހާރަ ހުރީ އަޅުގަނޑު އުޅޭ ގެއާ ދެ ގެއަކާ ޖެހިގެން، އޭރު ހުންނަ ގޮތުން އެއްގޭ ފުރާޅުމަތިން އަނެއް ފުރާޅު މައްޗަށްވެސް ދެވެން ހުންނާނެ، އެހެންވެ ބޭބީއަށް ބޭނުންވާ އެއްޗެހި ގަންނަން ދިޔައީ ގެތަކުގެ ފުރާޅު މަތިން، ދިޔައިރު ނަސީބަކުން ފިހާރު ހުރީ ހުޅުވާފަ، އެގޮތަށް ފުރާޅު މަތިން ދެތިން ފަހަރަކު ދާން ޖެހުނު ބޭބީއަށް ބޭނުންވާ އެއްޗެހި ހޯދަން" ހުއްޓުމެއްނެތި ޕްލޯޓު މީހުން ބަޑި ޖަހަމުން ދިޔައިރު އަދި ގެ ކައިރީގައި ޕްލޯޓު މީހުން ތިބިއިރު ފިހާރައަށް ދިޔަ ގޮތް ވަޖީހު ކިޔައިދިނެވެ.
ވަޖީހު ފިހާރައަށް ދާން ގޭގެ ފުރާޅު މައްޗަށް އެރިއިރު ޕްލޯޓު މީހުން ރަނގަޅަށް ފެނެއެވެ. ޕްލޯޓު މީހުން ވެސް ފުރާޅު މައްޗަށް ބަލައިލިނަމަ ވަޖީހު ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް ކަމަށާއި ނަމަވެސް އެ ދުވަހު ނަސީބު އޮތީ ވަޖީހުއަށް ކަމަށް ވުމުން އޭނާ ރިސްކު ނަގައިގެން ކުރި ކަންތައް ކާމިޔާ ކުރެވުނީ ކަމަށް ވެސް ވަޖީހު ބުންޏެވެ.
ސިފައިންނަށް މާލޭގެ ކޮންޓްރޯލް ލިބުމާއެކު ސަރުކާރުން ނިންމީ ވެގެން އުޅޭ ގޮތް ރައްޔިތުންނަށް ކިޔައި ދިނުމަށެވެ. ވަޖީހު ބުނި ގޮތުން ނަމަ ވަރަށް ގިނަ މުވައްޒަފުން ތިބީ އެ ދުވަހު ޑިއުޓީއަށް ނުކުންނަން ވެސް ޖެހިލުން ވެފަ އެވެ. ނަމަވެސް ވަޖީހު ބޭނުންވީ މަސައްކަތަށް ނުކުންނާށެވެ. އެހެންވެ އަމިއްލައަށް އިސްނަގައިގެން އޭރުގެ ޓީވީއެމްގެ ވެރިންނަށް ގުޅައި ވަޒީފާއަށް ނުކުންނަން ތައްޔާރަށް ހުރި ވާހަކަ ދެންނެވިއެވެ.
"ޓީވީއެމްއަށް ދިޔައިރު ސިފައިން ވަނީ ކޮންޓޮރޯލް ނަގާފަ، މަސައްކަތަށް ދިޔައިރު ވެސް އެހާ ވަރަކަށް ބިރެއް ނުގަނޭ، މަގުމަތިން ސިފައިން ފެންނާތީ، ޓީވީއެމް ހިފަން ބާގީން އަންނާނެކަމަށް ވެސް ގަބޫލެއް ނުކުރަން، އެހެންވެ ވަރަށް ހަމަޖެހިލައިގެން ހުރެ ޑިއުޓީއަށް ދިޔައީ." ވަޖީހު ބުންޏެވެ.
މަސައްކަތަށް އޭނާ ދިޔައީ ހަމަޖެހިލައިގެން ކަމަށްވިޔަސް ހަބަރު ކިޔަން ފެށުމާއެކު އޭނައަށް ހަމަޖެހިލާނެ ފުރުސަތެއް ނުލިބުނެވެ. އޭނާ ހަބަރު ކިޔަން އިށީންނަން ތައްޔާރުވަމުން ދިޔަ ވަގުތަކީ ޕްލޯޓު ޖަމާއަތުގެ މީހުން ރާއްޖެ ދޫކޮށް ފިލަން އުޅުނު ވަގުތެވެ. އެހެންކަމުން ފުލުފުލުގައި ނިއުސްރޫމުން ދިޔައީ ސްޓޫޑިއޯއަށް ހަބަރު ފޮނުވަމުންނެވެ.
ވަރަށް ރީތިކޮށް ލިޔެފައިދޭ ހަބަރުތައް އެ ދުވަހު ހުރީ ވަރަށް ހުތުރުކޮށް ކަމަށް ވަޖީހު ބުންޏެވެ. އެއީ އެހާ އަވަސް އަވަހަށް ހަބަރު ފޮނުވަން ޖެހުމުންނާއި ޕްލޯޓު މީހުން މާލޭގެ މަގުމަތިން މީހުން ރަހީނު ކޮށްގެން ކާގޯ ބޯޓަކަށް އަރުވަން ވެސް ދިޔަ ވަގުތަށް ވުމުންނެވެ. މުޅި އެ ދުވަހުގެ ހަބަރުތައް އާއްމުންނާ ހަމައަށް ގެނެސް ދިނުމުގެ މައި މޫނަކަށްވީ ވަޖީހުއެވެ. މިއީ ވަޖީހުއަށް ތާރީހީ ދުވަހެކެވެ.
އެ ދުވަހު ހަބަރުތައް ނިއުސް ރޫމުން ފޮނުވަމުން ދިޔަވަރަކަށް ވަޖީހު ދިޔައީ ހަބަރު ކިޔަމުންނެވެ. ކުއްލިއަކަށް ނިއުސް ރޫމުން ސްޓޫޑިއޯއަށް ފޮނުވީ އޭނާ ހީވެސް ނުކުރާކަލަ ހަބަރެކެވެ. އެއީ އެދުވަހު ކިޔަން ޖެހުނު އެންމެ ހިތްދަތި ހަބަރެވެ.
"ނިއުސްރޫމުން ފޮނުވީ، އަޅުގަނޑުގެ އަވައްޓެރިއެއްގެ ކުއްޖަކު ގަޔަށް ވަޒަން އެރި ހަބަރު، އެއީ ބަގީޗާގެ ކުއްޖެއް، ވަރަށް ގުޅުން ރަނގަޅުވާނެ، ވީއާ ލައިކްއަ ފެމިލީ، އެގޭ ކުއްޖެއްގެ ގަޔަށް ވަޒަން އެރިކަމުގެ ހަބަރު ކިޔަން ޖެހުމުން ވަރަށް ދެރަވި، ހީވެސް ނުކުރަން، އެހެން ނަމަވެސް ހިތްވަރު ކޮށްލާފައި މޫނުމަތިން އެކަން ނުދައްކައި ހަބަރު ކިޔައިދީފަވާނީ." އެ ދުވަހު ކިޔަން ޖެހުނު އެންމެ ހިތްދަތި ހަބަރުގެ ތަފުސީލު ވަޖީހު "ވަން" އަށް ކިޔައިދިނެވެ.
"މަސައްކަތް ނިންމާލުމަށްފަހު އާއިލާގެ މިހުންނާއި ރައްޓެހިންނާ ބައްދަލުކުރުމުން، އެމީހުން ބުނީ، ކީއްވެހޭ ދިޔައީ، ޓީވީއެމް ވެސް ޕްލޯޓު މީހުންގެ ކޮންޓްރޯލުގެ ދަށަށް ގެންދިޔައޭ، އަނެއްކާވެސް ކޮންޓްރޯލް ނަގާފާނެ، ތިކުރީ ވަރަށް ނުރައްކާތެރި ކަމެކޭ، ވަރަށް ބިރުވެރިކަމެކޭ." މިއީ އެ ދުވަހު ވަޖީހުގެ އާއިލާގެ ބައެއް މެންބަރުންނާއި ބައެއް ރައްޓެހިން ބުނި ވާހަކައެވެ.
އެމީހުން ކައިރީގައި ވެސް ވަޖީހު ބުނީ، ފުރާޅު މައްޗަށް ވެސް ކޮންމެވެސް މީހަކު އަރަންވާނެ ކަމަށާއި، ކޮންމެވެސް މީހަކު ހަބަރުވެސް ކިޔަންވާނެ ކަމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް