ޚަބަރު

ދަރިވަރުން ފާހާނާއަށް ފޮނުވަން ހަވާލުކުރާ މީހާ ކަށަވަރުކުރަން ޓީޗަރުންނަށް އަންގައިފި

ބޭބީ ނާސަރީ އާއި ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރު ކްލާސް ޓީޗަރު ނޫން ފަރާތަކާ އެކުދިން ހަވާލުކުރާނަމަ، އެއީ ކޮން ފަރާތެއްކަން ރަނގަޅަށް ކަށަވަރު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި މިއަދު ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައި ވަނީ ސުކޫލުތަކުގެ ތެރޭގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރެވިފައި ވުމަކީ ބެލެނިވެރިންނާއި މުޖުތަމައުގެ އިތުބާރު ސުކޫލުތަކަށް ލިބިދޭނެ ކަމެއް ކަމަށެވެ. އަދި ސްކޫލުގައި ދަރިވަރުން ހޭދަ ކުރާ ހުރިހާ ވަގުތަކީ އެކުދިން ރަނގަޅަށް ބެލެހެއްޓި އަދި އެކުދިންނަށް ޒިންމާވާނެ ފަރާތެއް އަބަދުވެސް ކަނޑައެޅިފައި ހުންނަންވާނެ ވަގުތުތަކެއް ކަމަށްވެސް ސާކިއުލާގައިވެއެވެ.

ސުކޫލުތަކުގައި ކިޔަވައިދެމުންގެންދާ ބޭބީ ނާސަރީ އާއި ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި ދަރިވަރުންނަށް ޒިންމާވާނެ ޓީޗަރަކު އެކުދިންނާ ހަވާލުވެ ހުރިކަން ސުކޫލުތަކުގެ ޕްރިންސިޕަލުން ކަށަވަރު ކުރަންވާނެ ކަމަށްވެސް ސާކިއުލާގައިވެއެވެ.

"ހާއްސަކޮށް ބޭބީ ނާސަރީ އާއި ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރު ކްލާސް ޓީޗަރު ނޫން ފަރާތަކާ ހަވާލުކުރެވޭނަމަ އެއީ ކޮން ފަރާތެއްކަން ޓީޗަރު ރަނގަޅަށް ކަށަވަރު ކުރަންވާނެ،" ސާކިއުލާގައިވެއެވެ.

މިނިސްޓްރީ ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވާފައި މިވަނީ ގަލޮޅު ސްކޫލްގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް، އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ އަނިޔާކުރި ކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. މި މައްސަލައިގައި ވަނީ އެ ސްކޫލުގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން މިރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައެވެ.