ޚަބަރު

ކޮޕް 26 ދުނިޔޭގެ ލީޑަރުންގެ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ސްކޮޓްލޭންޑްގެ ގްލަސްގޯގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ވޯލްޑް ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްކޮށް ހުންނަވައިގެން ބާއްވާ ކޮޕް 26 ވޯލްޑް ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތު ގްލަސްގޯގައި ފަށާފައިވަނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5:00 ހާއިރެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންނެވެ.

މިރޭގެ ވަގުތެއްގައި ކޮޕް 26 ވޯލްޑް ލީޑާސް ސަމިޓުގައި ރައީސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މިދިޔަ 12 އަހަރުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސްގައި ދިވެހި ދައުލަތުގެ ވެރިއަކު ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް ވަނީ ކޮޕް26 ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތުގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ މަތީ ފަންތީގެ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.