ސަރުކާރުގެ އަމާޒަކީ ދިރާސީ އާ އަހަރާއެކު މުދައްރިސުންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ލިބިގެން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލައްވާފައިވާ ރީސާޗް ގުރޫޕުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި، ނައިބު ރައީސް ވަނީ މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށާއި ތައުލީމީ ދާއިރާއަށް، އަދި ވަކީން ހާއްސަކޮށް މުދައްރިސުންނަށް ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ދެނެގަތުމަށް އިލްމީ ނަޒަރިއްޔާތަކުން ދިރާސާއެއް ހެދުމަކީ މިވަގުތަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ރީސާޗް ގުރޫޕުން ހަދާ ދިރާސާ މެދުވެރިކޮށް އެ ދާއިރާއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ދިރާސީ އާ އަހަރަކާ ކުރިމަތިލާ އިރު، ތައުލީމީ ދާއިރާއާއި މުދައްރިސުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބުން ކަމަށް ވިދާޅުވިއެވެ.

ރައީސް އެކުލަވައިލެއްވި "ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސާޗް ގުރޫޕު" އަކީ އެކި ދާއިރާތައް ހިމެނޭގޮތުން ހަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގުރޫޕެކެވެ. އެގޮތުން އެޑިއުކޭޝަން ޕޮލިސީ އެންޑް ޕްލޭނިން، ހިޔުމަން ރިސޯސަސް، ސޯޝިއޮލޮޖީ، ޓްރެއިނިން، ފައިނޭންސް އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން މި ރީސާޗް ގުރޫޕުގައި ހިމެނިވަޑައިގަންނަވައެވެ.

މި ގުރޫޕުގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމާއި، ސަރުކާރު ސްކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް އިމްލީ ދިރާސާއެއްގެ އަލީގައި ދެނެގަތުމާއި ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.

  • ޑރ. އަހުމަދު އަލި މަނިކު (އެޑިއުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގެ ދާއިރާ)
  • ޑރ. އަލީ ނަޖީބު (ހިޔުމަން ރިސޯސަސްގެ ދާއިރާ)
  • ޑރ. އާއިޝަތު ޝަފީނާ (ސޯޝިއޮލޮޖީގެ ދާއިރާ)
  • އާމިނަތު ޒުބައިރު (ޓްރެއިނިންގެ ދާއިރާ)
  • އަބްދުﷲ ޒަކަރިއްޔާ (ފައިނޭންސްގެ ދާއިރާ)
  • އަބްދުﷲ ރަޝީދު (ތައުލީމީ ދާއިރާ)

ރައީސް އެކުލަވައިލައްވާފައިވާ ރީސާޗް ގުރޫޕުގެ ޗެއާއެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޑރ. އަހުމަދު އަލި މަނިކެވެ.