ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އަމިއްލަ ވޯކްޝޮޕް، ސްޓެވޯއިން އެސެމްބަލްކުރާ ސްޓެވޯ ބްރޭންޑުގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް އެސެމްބަލްކޮށް، ބާޒާރަށް ނެރެން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، ސްޓެވޯ ބްރޭންޑްގެ STW500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދައި ނިމި، މިހާރު ވ. ތިނަދޫއަށް ފޮނުވާލުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި މި މޮޑެލްއާއެކު މިހާރު ޖުމުލަ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކުރެވިފައިވާ ކަމަށް ބުންޏެވެ.

ސްޓެވޯ އިން STWގެ ތިން މޮޑަލްއެއްގެ ޖަނަރޭޓަރު ސެޓް މިހާރުވެސް ވަނީ ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައެވެ. އެއީ STW300، STW600 އަދި STW800 އެވެ.

ސްޓެލްކޯގެ ވޯކްޝޮޕުން އެސެމްބަލް ކުރާ ޖަނަރޭޓަރު ސެޓުތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް ލޯކަލް ވޮރަންޓީއާއި އާފްޓާ ސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.