Close
ޚަބަރު

މަންމައާ ދަރި ހަވާލުކުރަން ކުރި އަމުރަށް ހަތް އަހަރު، އަމުރު ތަންފީޒުކުރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

މުހައްމަދު އިޝާން

ދަރިއަކު މަންމައާ ހަވާލުކުރަން ފެމިލީ ކޯޓުން ކުރި އަމުރު ތަންފީޒުކުރުމަށް ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފިއެވެ.

މި މައްސަލައަކީ ހ.އޮށްކަފަގެ، އަލީ ޝިމްއާން ނަސީރާއި ވ.ފުލިދޫ ބުލާޝަންމާގެ، މަރްޔަމް ފަރުހާދާ ވަހީދާ ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ ފިރިހެން ކުއްޖާގެ ހަޒާނާތުގެ (ބެލުމުގެ) ހައްގު މަރިޔަމް ފަރުހާދާއަށް ލިބިގެންވާ ކަމަށް ފެމިލީ ކޯޓު ކުރި ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާ އިރު، އެ ހުކުމާ އެއްގޮތަށް ކުއްޖާގެ ބައްޕަ ފަރާތު މާމަ ހ.އޮށްކަފަގެ، ފާތުމަތު މަނިކެ އަމަލު ކުރަމުންނުދާތީ، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ބެލުމަށްފަހު، ދެ ދުވަހުުގެ ތެރޭގައި އެ ކުއްޖާ، މަންމައާ ހަވާލު ކުރުމަށް ފަހެއް އޮކްޓޫބަރު 2020 ގައި ފެމިލީ ކޯޓުން ހުކުމް ކުރިއެވެ. އޭގެ އިތުރުން މި ހުކުމް ތަންފީޒުކުރުމަށް އެއްވެސް ފަރާތަކުން އިންކާރު ކުރާނަމަ، ހުކުމް ތަންފީޒުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް، ފުލުހުންގެ ފަރާތުން އެއްވެސް އެހީތެރިކަމަކަށް އެދިއްޖެނަމަ، އެފަދަ އެހީތެރިކަމެއް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރާ ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެއެެވެ.

އެ މައްސަލައިގައި ފެމިލީ ކޯޓުން ހުކުމް ކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ، ކުއްޖާގެ މާމަ، ފާތުމަތު މަނިކެގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އޭނާގެ ފަރާތުން ހައިކޯޓުގައި އެދިފައި ވަނީ ފެމިލީ ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ.

އޭނާ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި، އާއިލާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ކުއްޖާއަކީ އޭނާގެ މައިންބަފައިންގެ ތެރެއިން އޭނާ ދިރިއުޅެން ގަސްތު ކުރާ މީހަކު އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިދޭންޖެހޭ އުމުރު ކަމަށްވާ އުމުރުން 11 އަހަރުގެ ކުއްޖެއް ކަމަށްވާތީ އެ ފުރުސަތު އޭނާއަށް ލިބިނުދީ، ފެމިލީ ކޯޓުން ކުމްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށްވަނީ ހިމަނައިފައެވެ.

ކުއްޖާގެ ހަޒާނާތުގެ ހައްގު އެ ކުއްޖާގެ މަންމައަށް އޮތް ކަމަށް ދޭއް ޑިސެމްބަރު 2013 ގައި ފެމިލި ކޯޓުން ހުކުމް ކުރިއިރު އެކުއްޖާގެ އުމުރަކީ ހަތަރު އަހަރާއި، އަށް މަހާއި 28 ދުވަހެވެ. ނަމަވެސް އެ މައްސަލަ އަށެއް ޖޫން 2020 ގައި ސުޕްރީމް ކޯޓުން ނިންމި އިރު އެކުއްޖާގެ އުުމުރަކީ، 11 އަހަރާއި ތިން މަހާއި ތިން ދުވަހެވެ.

ކުއްޖާގެ މާމަގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ކުއްޖާ މަންމައާ ހަވާލުކުރުމަށް ފެމިލީ ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގައި ތިއްބެވީ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމާއި އިސް ފަނޑިޔާރު ހާތިމް ހިލްމީ އާއި ފަނޑީޔާރު ފާތުމަތު ފަރްހީޒާއެވެ.