ޚަބަރު

ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރުކުރަން ފަށައިފި، ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސް

ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓުން މިއަދު ނެރުނު ސަމާލުގައި ބުނީ، ރާއްޖޭގެ އިރުއުތުރުން، ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅުގަނޑަކާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ އިރު މޫސުމަށް ސަމާލުވުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވަނީ، މުޅި ރާއްޖެއަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފައެވެ.

އެގޮތުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު މެންދުރު 2:00 އަށް ނެރެފައިވާ ހުދު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު ހަވީރު 4:00 އާ ހަމައަށް ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށެވެ. އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.