ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވީ ނަމަވެސް ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް އަނބުރާ ހަވާލު ނުކުރެވިގެން އުޅެނީ، އެގްރީމްނެޓްގައި ވިލާއަށް ދޭން ޖެހޭ ކަމަށް ބުނާ ރަށް ހަމަ ނުޖެހިގެން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ވިލާ އެއާއަށް ދޭން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު އެ ހުކުމް ތަންފީޒު ނުކުރަނީ ކީއްވެގެންތޯ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ، ވިލާއަށް އެއާޕޯޓް ހަވާލު ކުރަންވާނީ، އެއްބަސްވުމުގައި ހިމެނޭ ކަންތައްތައް ފުރިހަމަކޮށްފައި ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގައި، އެތަން ތަރައްގީކުރުމުގެ ބަދަލުގެ ގޮތުން ރަށެއް ދޭންޖެހޭނެ ކަމަށް ހިމަނާފައިވާ ކަމަށާއި ނަމަވެސް އެރަށް މިހާރު އޮތީ ސަރުކާރުގެ ބޭނުމަށް ހިމާޔަތް ކުރެވިފައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އޭގެ ބަދަލުގައި ދޭނެ ރަށެއް ނުނިންމިގެން އެއާޕޯޓް ހަވާލު ނުކުރެވިވާ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އޭގެ ބަދަލުގައި ދޭނެ ރަށެއް އަދި ކަނޑަނޭޅި އަދި އޭގެ އިތުރުން މަޑުކުރަމުން މިދާ ސަބަބަކީ އެކަމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއަށާއި އެޓާނީ ޖެނެރަލްއަށާއި ފިނޭންސް މިނިސްޓްރީއަށް ވާނެ ސީޓީ ފޮނުވާފައި. އަދި އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފައަކަށް އެދިވެސް ވަނީ ސިޓީ ފޮނުވާފައި. އެކަންކަން ހަމަޖެހުމުން އެއާޕޯޓް ހަވާލު ކުރެވޭނީ،" މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.
ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް ދިނީ 2013 ގައެވެ. އެއަށްފަހު އެތަނުގެ އެއްބަސްވުން ބާތިލުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން 2017 ވަނަ އަހަރު އެ ތަން އަތުލިއެވެ. އެއްބަސްވުން ބާތިލުކޮށް އެތަން، ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖޫމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާގެ އަތުން އަތުލީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެއެވެ.
އެ މައްސަލައިގައި ވިލާ އެއާއިން ސިވިލް ކޯޓުގައި ދައުވާކުރުމުން ސަރުކާރުން އެއްްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެތަން އަލުން ވިލާ އެއާއަށް ދިނުމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރިއެވެ. ހުކުމާ ގުޅިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރިއެވެ.
ނަމަވެސް ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް ހުކުމް ކޮށްފައިވަނީ ކާޑެއްދޫ އެއާޕޯޓު ވިލާ އެއާއަށް އަނބުރާ ދިނުމަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ހުސްވި މެއި މަހުގެ 10 ގައެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ