(29 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

މުސްލިމުންކުރެ އެތާނގައިތިބީ އަހަރެމެންކަހަލަ ދެރަވަރުގެ ބައެކެވެ. އެމީހުން އަހަރެމެންނަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އެނގޭތީ އެތަކެތި ނަގާންވެސް ކައިރިވާން ނުކެރި ތިބީއެވެ. އެހެންތިއްބައި ކޮންމެވެސް މީހަކުގޮސް السّـيّدة فاطمة الــزّهــــراء رضى اللّـه عنـهــا ގެ އަރިހުގައި އެވާހަކަ ދަންނަވައިފިއެވެ. އެކަމަނާ ވަޑައިގެން ނުހަނު ކޯފާވަމުން އެތަކެތި ނަންގަވައި އުއްކަވައިލައްވައިފިއެވެ. އިތުރު ސާހިބާއަށް ތެދުވެވަޑައިގެންނެވުނީ السّـيّدة فاطمة އެތަކެތި ނަންގަވައި އުއްކަވައިލެއްވުމުންނެވެ.

عـثمـان بــن عـفّــان رضى اللّـه عـنــه ރިވާކުރައްވައިފައިވެއެވެ. رسـول اللّـه صلّــى اللّـه عليـه وسلّـم އެއްދުވަހަކު ގެފުޅުގައި ޠަވާފު ކުރައްވަމުން ގެންދެވިއެވެ. އޭރު أبــوجـهـل އާއި عـقبــه بـن أبـى معيط އާއި أمـيّــة بـن خلف އާ ތިންމީހުން ޙިޖުރުއިސްމާޢީލުގައި އިށީނދެގެން ތިއްބެވެ. އިތުރު ސާހިބާ ވަޑައިގަންނަވަނީ أبــوبكر رضى اللّـه عـنــه ގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ. އެދެބޭކަލުން ވަޑައިގެން އެމީހުންނާ އަރައިހަމަވެވަޑައިގެންނެވުމުން އިތުރު ސާހިބާ ރުހިވަޑައިނުގަންނަވާނެ ކޮންމެވެސް އެއްޗެއް ދަންނަވައިފޫއެވެ. އިތުރު ސާހިބާގެ މޫނުފުޅުމަތިން އެކަން އެނގުނެވެ. އަހަރެންގޮސް އިތުރު ސާހިބާގެ އަނެއް އަތްޕުޅުގައި ހިފައި އެކަލޭގެފާނު މެދަށްލައިގެން ހިނގައިގެންފީމުއެވެ. އަނެއްފަހަރު ވަޑައިގެން އެބައިމީހުނާ އަރައިހަމަވެވަޑައިގެންނެވުމުން أبــو جـهـل ބުނެލައިފިއެވެ. ކަނޑުން އެންމެ ކެހެރިޔެއް ތެމޭހައި ހިނދަކުވެސް ކަލޭގެފާނަކާ ޞުލްޙައެއްނެތެވެ. އަހަރެމެންގެ އިލާހުންނަށް އަޅުކަންކުރުން ނަހީކުރައްވާހައި ހިނދަކު ކަލޭގެފާނަކާ ޞުލްޙައެއްނެތެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުވެސް މިހުންނެވީ ހަމަތިޔަފަދައިންނެވެ. އަނެއްފަހަރުވެސް ހިންގަވައިފައި ވަޑައިގެން އަރައިހަމަވެވަޑައިގަތުމުން އެހެންބުނެލައިފިއެވެ. ހަތަރުވަނަފަހަރު ވަޑައިގެން އަރައިހަމަވެވަޑައިގެންނެވުމުން ތިންމީހުން ފުންމައިގެންތެދުވެ އިތުރު ސާހިބާގެ ހެދުންކޮޅުގައި ހިފައިދަމައި ވައްޓައިލަން ގަސްދުކޮށްގެން އަތުވެއްޖެއެވެ. އަހަރެން أبــو جـهـل ފިސާރި ރަނގަޅަށް ގަޅައިލުމުން އޭނާ ރަނގަޅަށް އިނދަޖެހިއްޖެއެވެ. أبــوبكر ގެފާނު أمـيّــة ކޮއްޕައިލައްވައިފިއެވެ. رسـول اللّـه صلّــى اللّـه عليـه وسلّـم، عـقبــه بــن أبــى مـعـيط ކޮއްޕައިލައްވައިފިއެވެ.

عـــروة بـن الـزّبـيـر رضى اللّـه عنــه ރިވާކުރައްވައިފައިވެއެވެ. ތިމަންކަލޭގެފާނު عـبـداللّـه بــن عـمــرو بـن العـاص رضى اللّـه عنــه ގެ އަރިހުގައި ދެންނެވީމެވެ. މުޝްރިކުންގެ މީހުން އިތުރު رسـول اللّـه ގެފާނަށް ކުރި އެންމެބޮޑު ކަމެއްގެ ވާހަކަ ތިމަންކަލޭގެފާނަށް ވިދާޅުވެދެއްވަބައްލަވާށެވެ. عـبـداللّـه بــن عـمــرو ވިދާޅުވިއެވެ. އެކަމަކީ އިތުރު رسـول اللّـه ގެފާނު އެއްދުވަހަކު ގެފުޅުގެ އަރިހުގައި ނަމާދުފުޅަށް ހުންނަވަނިކޮށް عـقبــه بـن أبـى معيط އައިސް އިތުރު ސާހިބާގެ ދެކޮނޑުފުޅުގައި ހިފަހައްޓައި އެކަލޭގެފާނުގެ ފޭރާންކޮޅު ކަރުފުޅުގައި އޮޅައިގެން ވަރަށް ބާރުކޮށްފިއެވެ. ނޭވާފުޅު ހާސްކޮށްލިއެވެ. އެވަގުތު أبــوبكر ގެފާނު ވަޑައިގެން عـقبــه ގެ ދެކޮނޑުގައި ހިއްޕަވައި ދަންމަވައި ވައްޓައިލައްވައިފައި ވިދާޅުވިއެވެ. "ތިމަންނާގެ ކަލާނގެއަކީ މާތް اللّـه އޭ މީހަކު ބުނާތީ ތިޔަބައިމީހުން އެމީހަކު ޤަތުލުކުރާންވީހެއްޔެވެ." (صـلاح الـدّيــن)

إبــن إسحــاق ބަޔާންކުރައްވައިފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަމިއްލަފުޅު ގަނޑުވަރުގައި ހުންނަވާއިރުވެސް މުޝްރިކުންގެ ބަޔަކު އިތުރު ސާހިބާއަށް އުނދަގޫފުޅު ކުރެއެވެ. އަނިޔާކުރެއެވެ. އޭގެތެރޭގައި އާންމުކޮށް ހިމެނެނީ أبــو لـهـب އާއި، حكم بـن أبـى العـاص އާއި، عـقبــه بــن أبــى مـعـيط އާއި، عـدى بــن جمراء ثـقـفـى އާއި، إبـن الأصـداء هـذلـى އާ މިމީސްމީހުންނެވެ. މިއީ ހައްތާވެސް ކައުސާހިބާގެ އަވަށްޓެރީންނެވެ. މީގެތެރެއިން حكم بـن العـاص ފިޔަވައި އެހެންމީހަކު އިސްލާމެއް ނުވެއެވެ. އޭނާ އިސްލާމްވިފަހުންވެސް ކައުސާހިބާއަށް ޖާސޫސު ކުރިއެވެ. އެކަން ސާބިތުވެ އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ސުވަރުގެ ވަޑައިގެންނެވިއިރު އޭނާ ހުރީ ޠާއިފަށް އަރުވައިލައްވައިފައެވެ. އެބައިމީހުން ކުރާ އުނދަގޫފުޅުތަކުގެ ތެރޭގައި އިތުރު ސާހިބާ ހިންގަވާ މަގަށް ރޭގަނޑު ބަކަރިގޮހޮރާއި ކައްޓާއި ކުނިބުނި އެޅުން ހިމެނެއެވެ. އެއީ އެއަބާއްޖަވެރީން އާދަވެގެން ކުރާކަމެކެވެ. މީގެއިތުރަށް، އިތުރު ސާހިބާ ގެކޮޅުގައި ނަމާދުފުޅެއް ކުރައްވާނަމަ ގައިކޮޅަށް ބަކަރިގޮހޮރު އުކުމާއި އެކަލޭގެފާނު ގެކޮޅުގެ ބަދިގެކޮޅުގައި އެއްޗެއް ކައްކަވަން އުއްދަވައިފިނަމަ އެފުފޭއަށް އަމާޒުކޮށް ބަކަރިގޮހޮރު އުކުން ހިމެނެއެވެ. އިތުރު ސާހިބާ އެކަމާހުރެ އުނދަގޫފުޅުވެވަޑައިގަންނަވާތީ ގެކޮޅުގައި ނަމާދުކުރެއްވުމަށްޓަކައި ބިންގަރާސްކޮޅެއް ހެއްދެވިއެވެ. ނަމާދުކުރައްވަނީ އެތާނގައެވެ. (ޡުފަރު އަޙްމަދު އަޘަރީ)

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަށް މުޝްރިކުން ކުރާ އުނދަގޫފުޅުތަކާއި ތުރާފުޅުތަކުގެ ވާހަކަ ސީރަތު ފޮތްފޮތުގައި ވަރަށްގިނައިން ހުރެއެވެ. އެކަންތައް ގިނަވިވަރަކަށް އެމާތް ސާހިބާގެ ތަޙައްމަލުކުރެއްވުމާއި ބަރުދާސްތު ކުރެއްވުންވަނީ އިތުރެވެ. ޔަހޫދީންގެ ދަންނަބޭކަލެއްކަމުގައިވާ زيـد بـن سغـنــة ވިދާޅުވާގޮތުގައި އިސްވެދިޔަ ސަމާވީ ފޮތްތަކުގައި ބަޔާންވެފައިވާ އެމާތް ސާހިބާގެ ސިފަފުޅުތަކުގެ ތެރޭގައި ކޯފާއަށްވުރެ ބަރުދާސްކުރެއްވުން އިތުރުވުމާއި އެކަލޭގެފާނަށް އުނދަގޫފުޅު ކުރެވުނު ވަރަކަށް ހިތްވަރުފުޅު ގަދަކަމާއި ކެތްތެރިކަން ބޮޑުވުން ހިމެނެއެވެ. (ޢަބްދުލްމާލިކް މުޖާހިދު)

މުޝްރިކުން ރެޔެއް ދުވާލެއްނެތި މުސްލިމުންނަށް އަނިޔާކޮށް، އިތުރު ސާހިބާއަށް ދަތިފުޅުކުރަމުން ގެންދިޔައިރުވެސް ދީން ފެތުރުއްވުމަކަށް ހުއްޓުމެއް އަރުއްވައެއް ނުލައްވައެވެ. އެމާތް ދީން ހައްތާވެސް ދިޔައީ ފެތުރެމުންނެވެ. ގިނަދުވަސްތަކެއް ނުވެއެވެ. سيّـد الـشّهـداء حمـزة رضى اللّـه عنــه އާއި عمـر الفــاروق رضى اللّـه عنــه ވެސް އިސްލާމްވެވަޑައިގެންފިއެވެ. ޙަބަސާގައި ހައްތާވެސް ދިޔައީ މުހާޖިރުން ގިނަވަމުންނެވެ. حمـزة ގެފާނާއި عمـر ގެފާނާ ދެބޭކަލުންނަކީ ޤުރައިޝުންގެ އެންމެ ބާރާއި ހައިބަތުހުރި ބޮޑުންކުރެ ދެބޭކަލުންނެވެ. ނަތީޖާއަކީ މުޝްރިކުންގެ ރުޅިވެރިކަން ހައްދުފަހަނަޅައި ދިޔުމެވެ. މުޝްރިކުން ދާރުއްނަދުވާގައި ބައްދަލުވެ ސައްލާކޮށް أبــو طـالـب ގެފާނާ ދެކޮޅުވެރިވެގަތުމަށާއި އިތުރު ސާހިބާ ޝަހީދުކޮށްލުމަށް އެއްބަސްވެއްޖެއެވެ.

ދުވަހެއް ދުވަހަކަށް މަސްރަޙު ނާމާންވަމުންދިޔައިރު، أبــو طـالـب ގެފާނު ހުންނެވީ ނުހަނު ބޮޑަށް އެކަމާ ވިސްނައިވަޑައިގެންނެވެ. أبــو طـالـب ގެފާނު އެކަލޭގެފާނުގެ މުނިކާފާފުޅު عبـد منـاف ގެ ބޭފުޅުންކުރެ هـاشــم ގެ ބޭފުޅުންނާއި مطّلـب ގެ ބޭފުޅުން އެއްކުރެއްވިއެވެ. އެބޭފުޅުންގެ އަރިހުގައި ވިދާޅުވިއެވެ. މިއަދާހަމަޔަށް އަހަރެން އެކަނިމާއެކަނި ވަނީ އަހަރެންގެ އަޚާގެ ދަރިކަލުންގެ ފުރާނަފުޅަށް ގެއްލުމެއް ލިބިވަޑައިގެންނެވިޔަނުދީ ބަލަހައްޓައިފައެވެ. ދެން ތިޔަބައިމީހުން އެންމެންވެގެން މި ވާޖިބު އަދާކުރާށެވެ. މިކަމަކީ ޢަރަބިވަންތަ ޙުމިއްޔަތާއި ޣީރަތު ލާޒިމުކުރާ ކަމެކެވެ. އެހެންކަމުން އެދެވަންހައިގެ އެންމެން (ކާފަރުންނާއި މުސްލިމުން) أبــو طـالـب ގެ ހުށަހެޅުއްވުން ގަބޫލުކޮށްފިއެވެ. ޢާއިލާއާ ވަކިވެގެންގޮސް މުޝްރިކުންނާ ބައިވެރިވީ ބަދުނަސީބު أبــو لـهـب އެކަންޏެވެ.

އަނެއްކޮޅުން ޤުރައިޝުންނަށްވަނީ أبــو طـالـب ގެ ރޭއްވެވުމުގެ ޚަބަރު ލިބިފައެވެ. އެހެންކަމުން ކައުސާހިބާ ޝަހީދުކޮށްލުމަކީ ފަސޭހަކަމެއް ނޫންކަން އެބައިމީހުންނަށް އެނގިއްޖެއެވެ. ދެން އެބައިމީހުން ރޭވީ އެހައިތަނަށް އެބައިމީހުން ރޭވި ހުރިހައި ރޭވުންތަކަކަށްވުރެވެސް ހަރުކަށި އަދި އަނިޔާވެރި ރޭވުމެކެވެ. މުޝްރިކުންގެ އެންމެން ވާދީމުޙައްޞިބަށް އެއްވެ ސައްލާކޮށް هـاشــم ވަންހައާއި مطّلـب ވަންހަ އިޖްތިމާޢީގޮތުން ބޮއިކޮޓު ކުރުމަށް އެއްބަސްވެއްޖެއެވެ. "އަހަރެމެން އެދެވަންހައިންކުރެ ވަންހައެއްގެ މީހަކާ ކާވެންޏެއް ނުކުރާނޫއެވެ. އެއްޗެއްދީ ލޭންދޭނެއްކޮށް ވިޔަފާރީގެ މުޢާމަލާއެއް ނުހިންގާނޫއެވެ. އެއިން މީހެއްގެ ގެޔަކަށްގޮސް އަނގައިންބުނެ ވާހަކަ ދައްކައެއް ނަހަދާނޫއެވެ. އަހަރެމެން ޤަތުލުކުރުމަށްޓަކައި محمّد ގެފާނު (صلّــى اللّـه عليـه وسلّـم) އަހަރެމެންނަށް ދޫކޮށްނުލައްވާހައި ހިނދަކު މިކަންތައް ދަމަހައްޓާނޫއެވެ. هـاشــم ވަންހައިގެ މީހުން ޞުލްޙަޔަށް އެދުނުކަމުގައިވިޔަސް ޞުލްޙައެއް ނުވާނޫއެވެ."

ޤުރައިޝުންވަނީ މިއަނިޔާވެރި އެއްބަސްވުމުގެ ފަތްލިޔެ އޭގެ އެއްކޮޕީ ގެފުޅުގައި އެލުވައިފައެވެ. ޤުރައިޝުންގެ އެކިވަންހަތަކަށް އޭގެ ނަކަލު ބަހައިފައެވެ. އެހެންކަމުން أبــو طـالـب ގެފާނަށް މަޖުބޫރުވެވަޑައިގެންނެވީ هـاشــم ވަންހައާއި مطّلـب ވަންހައިގެ ހުރިހާ ބޭބޭކައުކަނބަލުން ގޮވައިގެން ގެދޮރު ދޫކޮށްލައްވައިފައި ޝިޢުބު އަބީ ޠާލިބުގައި ޙިޞާރުވެވަޑައިގަންނަވާށެވެ. ޝިޢުބު އަބީ ޠާލިބަކީ މައްކާގެ އިރުމަތީން ރަށުގެ އެއްފަރާތެއްގައި ހިރާފަރުބަދައިގެ ކައިރީގައި އޮންނަ ތަނެކެވެ. ފަރުބަދަތަކުގެ މެދުގައި އޮންނަ ހުސްތަނެކެވެ. މިކަން ހިނގީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ނަބީކަމާއިގެން ފޮނުއްވިތާ ހަތްވަނަ އަހަރުގެ މުޙައްރަމްމަހަށް ހަނދުބެލި ރޭގައެވެ.

މި ބޮއިކޮޓުގެ ނަތީޖާއެއްގެގޮތުން هـاشــم ވަންހައާއި مطّلـب ވަންހައިގެ ބޭކަލުންނަށް ނުހަނު ހައިހޫނުކަމުގައި ދަތިހާލުކޮޅުގައި އެތައްދުވަހަކު އުޅުއްވަން ޖެހިވަޑައިގެންނެވިއެވެ. ބޭރުން މައްކާއަށް އަންނަ ވިޔަފާރި ޤާފިލާއަކުން އެއްޗެއް ބައްލަވައިގަންނަވާކަށެއްވެސް އެބޭކަލުންނަކަށް ފުރުސަތެއް ނޯވެއެވެ. ޝިޢުބުން ބޭރަށް އެބޭކަލުންނަށް ނުކުމެވަޑައިގެންނެވެނީ ހަމައެކަނި ޙުރުމަތްތެރި މައްސަރުތަކުގައެވެ. އެއިން ބޭކަލަކު ވިޔަފާރިވެރިޔެއްގެ އަތުން އެއްޗެއް ބައްލަވައިގަންނަވަން އުޅުއްވައިފިނަމަ أبــو لـهـب ވިޔަފާރިވެރިންނަށް އަންގައެވެ. "ކަލޭނޭވެ! މިބައިމީހުންނަށް އެއްޗެހި އަގުބޮޑުކުރާށެވެ. އަގު އަރުވައި އަގު ކިޔާށެވެ. އަގުބޮޑުކަމާހުރެ މިބައިމީހުންނަށް ނުގަނެވުނު ކޮންމެ އެއްޗެއް އެއަގުގައި އަހަރެން މިހިރީ ގަންނަން ތައްޔާރަށެވެ. އަހަރެންގެ ޒިންމާގެ ހަރުދަނާކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ." ނިކަމެތި މަޙްޞޫރުންނަށް އެކަމާހުރެ އެއްޗެއް ބައްލަވައިގެންނެވޭކަށެއްވެސް ނޯވެއެވެ. އެހެންކަމުން هـاشــم ވަންހައާއި مطّلـب ވަންހައިގެ ބޭކަލުންނަށް އިންތިހާދަރަޖައިގެ ހައިހޫނުކަން ބަރުދާސްތު ކުރައްވާން ޖެހިވަޑައިގެންނެވިއެވެ. ފަތްޕިލާވެއްޔާއި ދިބާޣުކުރި ހިކިހަން ފެނުކައްކަވައިގެން ފަރީއްކުޅުއްވަވައި އުޅުއްވިއެވެ. ތުއްޕުޅު ބޭފުޅުން ބަނޑުހައިފުޅުކަމަށް ކެތްނުކުރެއްވިގެން ކީރިތިކުރައްވާ އަޑުފުޅު ޝިޢުބުގެ ބޭރަށް އެތައް ހިސާބަކަށް އިވިއިވި ހުރެއެވެ. މުޝްރިކުންނަށް އެއަޑުފުޅު އިވުމުން ނިހާޔަތަށް އުފާކުރެއެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ފުރާނަފުޅަށް ބަޔަކު ގެއްލުމެއްދީފާނެތީ أبــو طـالـب ގެފާނު ވަރަށްބޮޑަށް ބިރުފުޅުގެންވަޑައިގަންނަވައެވެ. ރޭގަނޑު ޝިޢުބުގައި މީހުން ފާރަޔަށް ބައިތިއްބަވައެވެ. ރޭގަނޑު އަވަހާރަފުޅު ލައްޕަވާ ގަޑިޖެހި ހުރިހާ ބޭކަލުން އަވަހާރަފުޅަށް އޮށޯވެވަޑައިގަންނަވާން ފެއްޓެވުމުން، އިތުރު ސާހިބާގެ އަރިހުގައި އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެވަޑައިގަންނަވަން ވިދާޅުވެއެވެ. އެކަމަކު އެހެންމީހުން ނިދުމުން أبــو طـالـب ގެފާނު ތެދުވެވަޑައިގެން އިތުރު ސާހިބާގެ ދާންމަތިކޮޅު ބަދަލުކޮށްލައްވައެވެ. އިތުރު ސާހިބާގެ ދާންމަތިކޮޅުގައި أبــو طـالـب ގެފާނުގެ ބޭފުޅަކު ނުވަތަ އަޚަކު ނުވަތަ ބޮޑުބޭބެ ވިދާޅުވާ ބޭކަލަކު ބާއްވަވައިފައި އެބޭކަލެއްގެ ތަންމަތިކޮޅަށް ކައުސާހިބާ ބަދަލުކުރައްވައެވެ. ދުޝްމިނުންގެ ޖާސޫސަކަށް އިތުރު ސާހިބާގެ ފުރާނަފުޅަށް ގެއްލުމެއްދިނުމުގެ ފުރުސަތު ލިބުނަ ނުދެއްވުމަށްޓަކައެވެ. މިގޮތުގައި ފުރިހަމަ ތިންއަހަރު ވޭތުވިއެވެ. އެނުރައްކާތެރި އަދި ނުސިޔާނު ދުވަސްވަރުވެސް އިތުރުސާހިބާ އެކަލޭގެފާނުގެ ހެޔޮކަމުގެ ދައުވަތު ކުރިޔަށް ގެންދެވިއެވެ. ޙުރުމަތްތެރި މައްސަރުތަކުގައި ބޭރަށްނުކުމެވަޑައިގެން ބޭރުން މައްކާއަށް އަންނަ މީހުންނަށް ދީނުގެ ދަޢުވަތު ދެއްވަމުން ގެންދެވިއެވެ.

(ނުނިމޭ)