ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 26 ވަނަ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26) ގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކުރީގެ ހައިކޮމިޝަނަރު ޕްރިންސް ޒައިދު ރައާދު ޒާއިދު އަލް ހުސައިނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ޕްރިންސް ޒައިދާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައި އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ޕްރިންސް ޒައީދު ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ރައީސް ސޯލިހު ޝުކުރު އަދާކުރެއްވި ކަމަށެވެ.
ރާއްޖެއަކީ ބިންތިރި، ޖަޒީރާ ގައުމެއްކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ވަރަށް ނާޒުކު މައްސަލައެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށްވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކޮޕް26 އަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއްކަންވެސް ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތާމެދު އުފާކުރައްވާ ކަމަށާއި އަދި ރާއްޖޭގެ ވަފުދުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށް ޕްރިންސް ޒައިދު ވިދާޅުވި ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމުގައި ކުދި ޖަޒީރާ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެބޭފުޅުން ކުރެއްވި މަޝްވަރާގައި ރާއްޖެ ފަދަ ކުދި ގައުމުތަކަށް މާލީ އެހީތެރިކަން ނުލިބުމަކީ ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުރީގެ ޔޫގޮސްލާވިއާގައި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވި ޕްރިންސް ޒައިދަކީ އިންޓަނޭޝަނަލް ޕީސް އިންސްޓިޓިއުޓް (އައިޕީއައި)ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ. އަދި އުރުދުންގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު 2014 އިން 2018 އަށް އޭނާ ވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ މަގާމު ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު