ދިވެހިންނަށް ތައިލެންޑަށް ވިސާއާ ނުލައި އެތެރެވޭނެ ކަމަށް ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީން ބުނެފިއެވެ.
ތައި އެމްބަސީން ބުނީ، އިއްޔެ އެގައުމުން ނެރުނު "ގްރީން ކަރަންޓްލީ ލިސްޓު"ގައި ރާއްޖެ ހިމަނާފައިވާ ކަމަށާއި އެއާއެކު މާދަމާ އިން ފެށިގެން ދިވެހިންނަށް ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށެވެ.
ތައި އެމްބަސީން ބުނީ، ގްރީން ކަންޓްރީ ލިސްޓުގައި ހިމެނޭ ގައުމުތަކަށް އެގައުމަށް އެތެރެވެވޭނީ "ޓެސްޓް އެންޑް ގޯ" ސްކީމުގެ ދަށުން ކަމަށާއި އެ ސްކީމުގެ ދަށުން އެތެރެވެވޭނީ ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ.
- ގްރީން ލިސްޓުގައި ހިމެނޭ ގައުމަކުން ތައިލެންޑަށް ދަތުރުކުރުމުގެ ކުރިން އެއިން ގައުމެއްގައި ނުވަތަ އެ ލިސްޓުގައި ހިމެނޭ ގައުމުތަކެއްގައި މެދުނުކެނޑި 21 ދުވަސްވެފައިވުން.
- ގްރީން ލިސްޓުގައި ނުހިމެނޭ ގައުމެއްގައި ޓްރާންސިޓްކޮށްފައި ދަތުރުކުރާ ނަމަ އެއާޕޯޓުގައި 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެގެން ނުވާނެ. އަދި ޓްރާންސިޓުގައި އެއާޕޯޓުން ބޭރުވެގެން ނުވާނެ. (ތައިލެންޑުގައި ދިރިއުޅޭ ފަރާތަކުން ރާއްޖެއަށް ކުރު މުއްދަތަށް ދަތުރުކުރުމަށްފަހު އަނބުރާ ތައިލެންޑަށް ދަތުރުކުރާނަމަ 21 ދުވަސް ހަމަކުރާކަށް ނުޖެހޭނެ).
- ތައި ސަރުކާރުން ގަބޫލުކުރާ ނުވަތަ ޑަބްލިއުއެޗްއޯއިން ހުއްދަދީފައިވާ ކޮވިޑް 19 ވެކްސިންގެ ފުރިހަމަ ޑޯޒް ހަމަކުރިތާ 14 ދުވަސްވެފައިވާ ފަރާތެއްކަމުގައިވުން (12 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ކުޑަކުދިންނަށް، ވެކްސިން ޖަހާފައިވާ ބެލެނިވެރިއަކާއެކު ދަތުރުކުރެވޭނެ).
- ތައި ސަރުކާރުން ކަނޑައަޅާފައިވާ ހެލްތު ސެޓިފައިޑް +SHA ނުވަތަ AQ ހޮޓަލެއްގައި ރިޒަވޭޝަނެއް ހަދާފައި އޮތުން (ހޮޓަލަށް ފައިސާ ދެއްކިކަން ކަށަވަރުވާ ލިޔުމެއް އޮންނަންވާނެ).
- މަދުވެގެން 50،000 (ފަންސާސް ހާސް) ޔޫއެސް ޑޮލަރުގެ ކޮވިޑް 19 މެޑިކަލް ހަރަދު ކަވަރުކުރާ އިންޝުރަންސެއް ނަގާފައި އޮތުން.
"ޓެސްޓް އެންޑް ގޯ" ސްކީމުގެ ދަށުން ދަތުރުކުރާ މީހުން ކަރަންޓީންވާކަށް ނުޖެހޭނެއެވެ. އޮން އެރައިވަލްގައި ހަދަންޖެހޭ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ، ހޮޓަލުން ޗެކްއައުޓްކޮށް އެހެން ހޮޓަލަކަށް ބަދަލުވެވޭނެއެވެ. އަދި ތައިލެންޑުގައި ދަތުރުފަތުރުކޮށް އާންމު ތަންތަނަށް ވެސް ގޮސް އުޅެވޭނެ ކަމަށް އެމްބަސީން ބުންޏެވެ.
އެމްބަސީން ބުނީ، އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އެގްޒެމްޕްޝަންގެ ދަށުން (ވިސާއާ ނުލައި) ތައިލެންޑަށް އެތެރެވެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު