ޕީއެޗްޑީ ހާސިލުކުރާ އެހެނިހެން ދަރިވަރުންނެކޭ އެއްގޮތަށް ކިޔެވުމުގެ ދުވަސްވަރު ކަންކަން ދެކޮޅު ޖެއްސުމަށް އެއިމީ ލެ ވެސް ލެކްޗަރާއެއްގެ ވަޒީފާއެއް ހޯދިއެވެ. އާއްމުކޮށް ކުރު މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މިކަހަލަ ވަޒީފާ ލިބޭއިރު އޭނާއަށްވެސް ލިބުނީ ގަޑީ ރޭޓުން ފައިސާ ލިބޭ ގޮތަށް ކޮންޓްރެކްޓް ހެދިފައިވާ، އިނގިރޭސި ލެކްޗަރާއެއްގެ ވަޒީފާއެކެވެ. ނަމަވެސް އޭނާ ކިޔައިދޭ ދަރިވަރުންނަށް ނޭނގި އޮތް ކަމަކީ އޭނާ އެ ވަޒީފާ އަދާކުރަމުން ދިޔައީ ޓެންޓެއްގައި ދިރިއުޅެމުން ކަމެވެ.
ލެ، ޓެންޓު ޖަހައިގެން ދިރިއުޅެން ގަސްދުކުރީ ޔުނިވަސިޓީ އޮފް ލަންޑަނުގައި އޭނާ ޕީއެޗްޑީއަށް ކިޔަވަމުން އަންނަނިކޮށް، ދިރިއުޅެމުންދިޔަ އެޕާޓުމަންޓުގެ ކުލި ބޮޑުކުރުމުގެ ސަބަބުން ލިބޭ މުސާރައިން ކިޔެވުމަށް ބޭނުންވާ ރިސާޗު ހަދާނެ ފައިސާ ބާކީ ނުވާނެތީއެވެ.
ޓެންޓެއްގައި ހަޔާތް ވެއަތުކުރަމުން އައިސް ޕީއެޗްޑީ ފުރިހަމަކުރިގޮތުގެ ވާހަކަ ލެ ވަނީ ހިއްސާކޮށްފައެވެ.
''ގިނަ ފަހަރަށް ވަރަށް ފިނިވޭ. ހޫނު ވާ ފަހަރުވެސް އާދޭ. ފިނި މޫސުމުގައި ބައެއް ފަހަރު ހޭލާއިރު ސުނޯއިން ޓެންޓު ބޯވެފައި ހުރޭ. އެހެންވެ ކިޔެވުން ނޯންނަ ދުވަސްތަކުގައި ވަގުތު ހުސްކުރަނީ ދަރުކޮށަން ދަސްކުރުމަށާއި އަލިފާންގަނޑު ރޯކުރަން.'' އޭނާ ބުނެފައިވެއެވެ.
ދަ ގާޑިއަން ގައި އާއްމުކޮށްފައިވާ ރިޕޯޓެއްގައި ލެ ގެ ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާގޮތުގައި އެދުވަސްތަކުގައި ކިޔަވާ ފޮތްތައް ރައްކާކުރަނީ ޕޯސްޓްގުރެޖުއޭޓު އޮފީހުގައެވެ. ފެންވަރަނީ ޔުނިވަސިޓީގައެވެ. ލެ އެގޮތަށް ދިރިއުޅެމުން ގެންދާކަން މައިންބަފައިންނަށް އެނގިފައި ނުވާއިރު އޭނާ ކިޔަވައިދޭ ޔުނިވަސިޓީއަކަށްވެސް އެކަމެއް ރޭކާއެއް ނުލައެވެ. ލެ ބުނިގޮތުގައި އޭނާ ދިރިއުޅެމުންދިޔައީ ސިއްރު ދިރިއުޅުމެކެވެ. އޭނާ ދިރިއުޅޭ ހާލަތު އެއްވެސް މީހަކަށް އެނގިއްޖެ ނަމަ އޭނާގެ ޕުރޮފެޝަނަލް ހަޔާތަށް އަސަރުކޮށްފާނެތީ އޭނާ ދުވަސްތައް ހޭދަ ކުރީ އެކަން ސިއްރުކޮށްގެންކަމުގައި ވަނީ ބުނެފައެވެ.
''ކިޔަވައިދޭ ދަރިވަރުންގެ ފަރާތުން އަހަންނަށް ތައުރީފު ލިބޭ. 300 ޖީސީ ޕޭޕަރުތައް މާކު ކުރީ ހޮޓެލެއްގެ ލޮބީއެއްގައި އިނދެގެން. އަހަރެން ބައިނަލްއަގުވާމީ ކޮންފަރެންސުތައް އިންތިޒާމު ކުރިން. މަސައްކަތްތައް ކުރަމުން ގެންދިޔައީ ވަރަށް ޕްރޮފެޝަނަލް ލެވެލެއްގައި.'' ލެ ފާހަގަކުރިއެވެ.
ޔުނިވާސިޓީ އަދި ކޮލެޖު ޔޫނިއަން - ޔޫސީޔޫ އިން ހާމަކުރިގޮތުގައި ކިޔެވުމުގެ ކެރިއަރެއް ބިނާކުރުމަށް ގިނަ ބަޔަކު ދަތި ދިރިއުޅުމެއް ތަހައްމަލުކުރަން ޖެހެއެވެ. އާމްދަނީގެ ހަމަހަމަކަން ނެތުމާއި މަސައްކަތުގެ ބުރަބޮޑު މަސްއޫލިއްޔަތު ތަކާއި ކުދި ކޮންޓްރެކްޓު އުސޫލުން ދެވޭ ވަޒީފާތައް އިންސާފެއްގެ ދަށުން ހަމައަކަށް އެޅުވުމަށް އެކަންކަން ބަދަލުކުރުމަށް، މަތީ ތައުލީމުދޭ 146 މަރުކަޒެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވަނީ ބުރާސްފަތީގެ ނިޔަލަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ލެ ފާހަގަކުރިގޮތުގައި އޭނާގެ ދަރިވަރުން ގަބޫލުކުރާގޮތުގައި އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބެއެވެ. ''ކޮންޓްރެކްޓު އުސޫލުން ލެކްޗަރާއަކަށް ވާތީ ގިނަ ދަރިވަރުން ހީކުރާނީވެސް އެހެން'' ލެ ބުނެފައިވެއެވެ. އެކުދިން ހީކުރާ ވަރުގެ މުސާރައެއް އޭނާއަށް ނުލިބޭ ކަމުގައި ދަރިވަރުން ގާތު ބުނާ ކަމަށާއި ނަމަވެސް އޭނާގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތް ދަރިވަރުންނަށް ދައްކާފައި ނުވާ ކަމުގައި ލެ ފާހަގަކުރިއެވެ.
މި މަހު އާއްމުކުރި ދިރާސާއަކަށް ބަލާއިރު ކެމްބްރިޖު ޔުނިވަސިޓީގައި ހިންގާ އަންޑަގުރެޖުއޭޓު ކޯސްތަކަށް ކިޔަވައިދެމުން އަންނަ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުވައްޒަފުންނަކީ ރަނގަޅު އެއްބަސްވުމަކާ ނުލައި ކިޔަވައިދެމުން އައިސްފައިވާ މުވައްޒަފުންނެވެ. ޔޫސީޔޫ އިން ފާހަގަކުރާ ގޮތުގައި މިއީ ގައުމުގެ ހުރިހާ ހިސާބެއްގައިވެސް މި ދާއިރާގައި ކަން ހުރިގޮތެވެ.
ލެ އަށް ވަނީ ރޯޔަލް ހޮލޮވޭ އިން ތިން އަހަރުގެ މުއްދަތަކަށް ޕީއެޗްޑީ ހެދުމަށް 16،000 ޕައުންޑުގެ ސްކޮލަޝިޕެއް ލިބިފައެވެ. އަދި ފުރަތަމަ އަހަރަށް ކިޔެވުމަށް އެމެރިކާއިން އިތުރު އެއް އަހަރުގެ ސްކޮލަޝިޕެއް އޭނާއަށް ވަނީ ލިބިފައެވެ. ނަމަވެސް ލެ އަކީ ބައިނަލްއަގުވާމީ ދަރިވަރަކަށް ވުމުން 8000 ޕައުންޑުގެ އަހަރީ ފީއެއް ޔުނިވަސިޓީއަށް އޭނާ ދައްކަން ޖެހެއެވެ. މި ފީ އަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދަރިވަރުން ދައްކަން ޖެހޭ ފީއެއް ނޫނެވެ. އެހެންކަމުން އޭނާ ކިޔަވައިދީގެން ހޯދާ އާމްދަނީ އާއި ސްކޮލަޝިޕް ފައިސާގެ ބާކީން އޭނާ ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން އަހަރަކަށް ލިބެނީ 12000 ޕައުންޑު ކަމުގައި ލެ ބުނެފައިވެއެވެ.
އޭނާ ބުނެފައިވާ ގޮތުގައި ފުރަތަމަކޮޅު ދިރިއުޅުމުގެ ހަރަދުތައް އޭނާ ހަމަޖައްސަމުން އައީ ކިރިޔާ ފުދޭ ވަރަށް ރަނގަޅަށެވެ. ނަމަވެސް އޭނާ ދިރިއުޅެމުން ދިޔަ ޕޯސްޓްގުރެޖުއޭޓު ހޯލު ވަނީ ކިޔަވަމުންދިޔަ ދެވަނަ އަހަރުގެ ތެރޭގައި މަރާމާތަށް ބަންދު ކޮށްފައެވެ. އެހެންކަމުން ކުއްޔަށް އަހަރަކަށް އިތުރު 3000 ޕައުންޑު ހޯދަން ޖެހުނު ކަމަށާއި ނަމަވެސް އެވަރު ހޯދޭނެ މަގެއް ތަނަވަސް ވެފައި ނުވާ ކަމުގައި އޭނާ ބުނެއެވެ. އެގޮތުން ކިޔެވުން މެދުކަނޑާލަން ބޭނުން ނުވާތީ ރަހުމަތްތެރިއެއްގެ އަތުން ޓެންޓެއް ހޯދީކަމުގައި އޭނާ ވަނީ ބުނެފައެވެ.
ޓެންޓެއްގެ ތެރޭގައި ދަތިލާހުގައި ދުވަސްތައް ހޭދަކުރަމުން ދިޔަ ނަމަވެސް ޕީއެޗްޑީ ފުރިހަމަކުރުމަށްފަހު އުޖާލާ ދިރިއުޅުމަކަށް އަލިވިލޭނެ ކަމުގެ ހުވަފެންތައް އޭނާ ދިއައީ ދެކެމުންނެވެ. އޭނާ ޕީއެޗްޑީ ފުރިހަމަކުރީ 2018 ވަނަ އަހަރުގައެވެ. އަދި ކުދިންނަށް ޓިއުޝަން ދެމުން، ބޮޓޭނިކަލް ގާޑަންއެއްގައި ވަޒީފާ އަދާކޮށް ދެކޮޅު ޖެއްސުމަށް މަސައްކަތް ކުރަމުން އައިސް އޭނާއަށް ވަނީ އެގްޒެޓާ ޔުނިވަސިޓީން ދެ އަހަރުގެ ޓީޗިން ކޮންޓްރެކްޓެއް ލިބިފައެވެ. މައިންބަފައިންނާއެކު މިހާރު ދިރިއުޅެމުން އަންނައިރު އޭނާ ވަނީ އަނެއްކާވެސް ވަޒީފާ ހޯދުމަށް އަތްފުނާ އަޅަން މަޖުބޫރު ވެފައެވެ.
އޭނާއަށް ސްކޮލަޝިޕް ލިބުނު ރޯޔަލް ހޮލޮވޭ އިން ބުނެފައިވާގޮތުގައި ލެ އަށް މާލީ ދަތިކަމާ ކުރިމަތިލާން ޖެހުނުކަން އެނގިފައެއް ނުވެއެވެ. އެ ޔުނިވަސިޓީން ހާމަކުރިގޮތުގައި އެތަނުގައި ކިޔަވާ ދަރިވަރުންނަށް ހުރިހާގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓޫޑެންޓް އެޑްވައިޒަރީއެއް އުފެދި އަންނަނީ އެހީތެރިކަން ދެމުންނެވެ.
ޔޫސީޔޫގެ ރައީސް ވިކީ ބްލޭކް ފާހަގަކުރާގޮތުގައި ތައުލީމީ ދާއިރާއަކީ ގިނަ މުވައްޒަފުންނަށް ވަޒީފާގެ ހަމަހަމަކަން ނެތް ސިނާއަތެއް ކަން ބަލައިގަންނަން ގިބަޔަކަށް އުނދަގޫވެއެވެ. ވަޒީފާގެ ޔަގީންކަމެއް ނުލިބި 75،000 މުވައްޒަފުން މިދާއިރާގައި ވަޒީފާ އަދާކުރަމުން އަންނަ ކަމަށާއި، މުސާރަ ކުޑަވުމާއި، ވަޒީފާގައި ލިބޭ ގެއްލުންތައް ތަހައްމަލުކޮށްލައިގެން މި ދާއިރާގައި ގިނަބަޔަކު އުޅެމުން އަންނަނީ ރަނގަޅު ގޮތެއް ވާނެ ކަމުގެ އުއްމީދުގައެވެ.
އެ ޔޫނިއަންގެ ދިރާސާއިން ދައްކާގޮތުގައި ކިޔަވައިދޭ ދާއިރާގައި މަސައްކަތްކުރާ ތިންބައި ކުޅަ އެއްބައި މީހުންނަކީ ވަކި މުއްދަތެއް ކަނޑައެޅިގެން އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނެވެ. އަދި ކިޔަވައިދޭ މީހުންގެ 41 ޕަސެންޓަކީ ގަޑިއިރަކަށް މުސާރަ ލިބޭ ގޮތަށް އެއްބަސްވުން ހެދިގެން ވަޒީފާ އަދާކުރަމުން އަންނަ މީހުންނެވެ.
ޔުނިވަސިޓީ އޮފް ލިވަޕޫލްގައި ޕީއެޗްޑީއަށް ކިޔަވަމުން އަންނަ އަދި އެތަނުގައި ޕާޓްޓައިމް ކޮށް ސައިކޮލޮޖީ ލެކްޗަރާއެއްގެ ވަޒީފާ އަދާކުރާ ޖޭސްމީން ވޮރެން ފާހަގަކުރިގޮތުގައި އެއްވެސް ޔުނިވަސިޓީއަކުން އެއް އަހަރަށްވުރެ ދިގު މުއްދަތުގެ ޔަގީންކަން ލިބޭ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އިއުލާނުކޮށްފައިވާ ތަނެއް ނުފެނެއެވެ. ޕީއެޗްޑީ ނިންމުމަށްފަހު ދިރިއުޅުމެއް ބިނާކުރުމަށް މި ދާއިރާގައި ވަޒީފާގެ ޔަގީންކަން ހޯދާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.
ސިއާން ޖޯންސް (އަސްލު ނަމެއް ނޫން) ބުނީ އޭނާގެ ޕީއެޗްޑީއަށް ރިސާޗުތައް ހަދަމުން ދިޔަ ދުވަސްވަރު 6 މަސްވަންދެން ރަށްޓެއްސެއްގެ ސިޓިންރޫމުގައި ނިދައި ހެދިކަމަށާއި އަދި ރަސަލް ގްރޫޕު ޔުނިވަޓީގައި ގަޑިއިރަކަށް 15 ޕައުންޑު ލިބޭގޮތަށް ދިޔައީ ހިސްޓަރީ ކުލާސްތައް ނަގައިދެމުން ކަމަށެވެ. ޖޯންސް އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމުން އޭނާއަށް ޖެހުނީ ޕީއެޗްޑީގެ ފަހު އަހަރު ސާޖަރީއެއް ކުރުމަށް ކިޔެވުން އެއް މަހުގެ މުއްދަތަށް މެދުކަނޑައިލާށެވެ. ''ޕީއެޗްޑީ ހާސިލުކުރިއިރު ވަންނާނެ ގެދޮރެއް ނެތި ދަތިދުވަސްތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ނަފުސާނީ ގޮތުން އަސަރުކޮށް މިހާރު މި އަންނަނީ ޕީޓީއެސްޑީއަށް ފަރުވާ ހޯދަމުން'' އޭނާ ބުނެފައިވެއެވެ.
ޖޯންސް ފާހަގަކުރިގޮތުގައި އޭނާ ޕީއެޗްޑީ ނިންމާލީ ދެ އިންސްޓިޓިއުޝަނެއްގައި ގަޑިއިރެއްގެ ތަފާތަކުން ޖެހިޖެހިގެން ކިޔަވައިދެމުން އަދި ކިޔަވަމުންނެވެ. އަދި އެދުވަސްތައް ހަނދާންވުމުން މިހާރުވެސް ވަރުބަލިވާ ކަމުގައި އޭނާ ބުނެއެވެ. ''ނަސީބު ދިމާކުރި ގޮތުން އަހަންނަށް މިހާރު ވަނީ ތިން އަހަރުގެ ކިޔަވައިދިނުމުގެ ކޮންޓްރެކްޓެއް ލިބިފައި، އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ކަންތައް ވާނެ ގޮތަކާމެދު ވިސްނާލާފައި ކަންބޮޑުވޭ." ޖޯންސް ފާހަގަކުރިއެވެ.
ޔުނިވަސިޓީސް އެންޑް ކޮލެޖަސް އެމްޕްލޯޔާސް އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް ރާޖް ޖެތުވާ ބުނަނީ ތަފާތު ވާހަކައެކެވެ. ''ޔޫސީޔޫން އަންނަނީ ވަޒީފާ ދޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަން ދެކޮޅު ހަދަމުން. އަދި ވަޒީފާ ދޭ ފަރާތްތަކުން އަންނަނީ ކުދި ކޮންޓްރެކްޓުތަކަށް ވަޒީފާ ދިނުން ކުޑަކުރަން މަސައްކަތްކުރަމުން.'' އޭނާ ބުނެފައިވެއެވެ.
އޭނާ ބުނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުރު މުއްދަތު ކަނޑައެޅިގެން ހެދޭ ކޮންޓްރެކްޓުން ވަޒީފާ ދިނުމުގެ އަދަދުތައް ދަށްކުރެވިފައި ވާނެކަމަށާއި މިހާރު ގިނަ ވަޒީފާތައް ހަމަޖެއްސިފައިވަނީ ރަނގަޅު ކޮންޓްރެކްޓެއްގެ ދަށުން އެއްބަސްވެވިގެން ކަމުގައި އޭނާ ފާހަގަކުރެއެވެ.
''ޔޫސީޔޫ އިން މިދާއިރާގެ އަގު ވައްޓާލުމަށާއި އުނގެނެމުން އަންނަ ދަރިވަރުން އަދި މިދާއިރާގައި ކުރިއަށްދާން ބޭނުންވާ މީހުންގެ އުއްމީދު ގެއްލޭ ގޮތަށް ވާހަކަތައް ދައްކަމުންދާކަމީ ހިތާމަކުރާ ކަމެއް.'' އޭނާ ވަނީ ބުނެފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް