މި އަހަރުގެ ތިން ވަނަ ކުއާޓާގައި ހުރިހާ ވިޔަފާރިތަކެއް ކުރިއަރާފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭއިން އާއްމު ކުރި ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައި ވަނީ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދިޔަ މި އަހަރުގެ ތިންވަނަ ކުއާޓާގައި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކެއްގެ މުވައްޒިފުންގެ އާންމުދަނީއަށް ހެޔޮ ބަދަލުތަކެއް އައި ކަމަށެވެ. އޭގެ އިތުރުން ވަޒީފާގެ ފުރުސަތުތައް އިތުރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޓޫރިޒަމް ދާއިރާއަށް ކުރިއެރުން އައިސް ވަޒީފާތައް އިތުރުވެ، އެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތައް ކުރި އަރައި، ރިސޯޓު ބުކިން އިތުރުވެ، ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށްވެސް ރިޕޯޓިގައި ބުނެފައިވެއެވެ.

ކޮންސްޓްރަކްޝަން ދާއިރާއަށް ބެލި ނަމަވެސް ތިންވަނަ ކުއާޓާގައި އެ ވިޔަފާރި އިތުރަށް ކުރިއަރައި، މުވައްޒިފުންނަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓިގައިވާ ގޮތުން އާންމު ވިޔަފާރީތަކުގައި ވަޒީފާތައް އިތުރުވެ، ހޯލްސޭލް އާއި ރީޓެއިލް ދާއިރާގެ ވިޔަފާރިތައް ވެސް ކުރިއަރައިގެންދިޔަ ކަމަށްވެއެވެ. ނަމަވެސް ރީޓެއިލް އާއި ހޯލްސޭލް ވިޔަފާރިތަކަށް ފައިސާ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން މުވައްޒިފުން އިތުރުވެ ވިޔަފާރިތަކުގެ ސޭލްސް ރަނގަޅުވެފައިވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ އަގުތައް ހެޔޮވެ، ކުންފުނިތަކުގެ އާމްދަނީ ކުރިއަރާފައިވާ ކަމަށާއި އެދެވޭ ވެސް ކުރިއެރުމެއް ހޯދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.