މިދިޔަ މަހު ހާޓްއެޓޭކެއް ޖެހިގެން ކުއްލިއަކަށް މަރުވި އެކްޓަރު ސިދާތު ޝުކްލާގެ ހަނދާނުގައި ޝެހެނާޒް ގިލް ކިޔާފައިވާ ލަވައެއް ރިލީސްކޮށްފިއެވެ.

ލަވަކިޔުންތެރިޔާ އަދި އެކްޓަރެއް ކަމަށްވާ ޝެހެނާޒް އާއި ސިދާތުގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވަނީ ބިގްބޮސް 13 ގައި އެކުގައި ހަރަކާތްތެރިވި އިރުން ފެށިގެންނެވެ. މި ދެ ފަންނާނުން ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަސްވެފައި ނުވިނަމަވެސް، ސިދާތު މަރުވިއިރު ދެ މީހުން އައީ ކައިވެންޏަކަށް ތައްޔާރުވަމުންކަމުގައި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ސިދާތުގެ މަރަށްފަހު ޝެހެނާޒުގެ ހާލަތު ވަރަށް ދަށްވެގެން ގޮސްފައިވާކަން އޭނާގެ އާއިލާއިން ހާމަކުރިއިރު އޭގެ ފަހުން މީޑީއާތަކުގެ ކުރިމައްޗަށް ނުކުންނަން ފަށާފައިވަނީ ޝެހެނާޒުގެ ކުރިއަށް އޮތް ފިލްމު ''ހޯންސްލާ ރަކް''ގެ ޕުރޮމޯޝަންތަކުގައެވެ.

https://www.youtube.com/watch?v=YhaG5GcCvA8

ރާޖް ރަންޖޯދު ލިޔެފައިވާ ''ތު ޔެހީން ހޭ' ލަވަ ޝެހެނާޒް ކިޔާފައިވަނީ ޝެހެނާޒުގެ އަޑުންނެވެ. މި ލަވައިގައި އޭނާ އެކްޓުކޮފައިވާއިރު ސިދާތު އާއެކު ބިގްބޮސް 13 ގައި ދެމީހުންގެ ލޯބި ފެނިލުންތައް ވަނީ ހިމަނައިފައެވެ. ބިގްބޮސް ޝޯގައި ޝެހެނާޒަށް ''ސަނާ'' ގެ ނަމުން އާއްމުކޮށް މުހާތަބު ކުރާއިރު ލަވައިގެ ތެރެއިން ޝެހެނާޒަށް ސިދާތު ''ސަނާ'' ކިޔައި ގޮވާލާ އަޑު ވަނީ ހިމަނައިފައެވެ. މި ލަވައިން ގިނަބަޔަކަށް ވަނީ ސިދާތުގެ ހަނދާންތައް އާކޮށްދޭ އެލަވައަށް އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ.