ނޮވެމްބަރު ތިން ވަނަ ދުވަހަކީ އެއްވެސް ދިވެއްސެއްގެ ހަނދާނުން ފޮހެވިގެންދާނެ ދުވަހެއް ނޫނެވެ. ދިވެހީންގެ ބަޔަކު ގައުމަށް "ގައްދާރު"ވެ ދިވެހި ފަސްގަނޑު ހިފަން ހަތިޔާރާއެކު އެރި ދުވަހެވެ. ދިވެހިންގެ އެތައް ބައެއްގެ ލޭ މި ފަސްގަނޑަށް އޮހޮރުވާލި ދުވަހެވެ. އެތައް ބަޔަކު ރަހީނުކޮށް، އެތައް ބަޔަކު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި ދުވަހެކެވެ. އެދުވަހު ކަރުނަ ނާޅާ ލޮލެއް މި ގައުމުގައެއް ނުހުންނާނެއެވެ. އެދުވަހުގެ ހަނދާންތައް ދިވެހިން މިއަދުވެސް ކުރަމުންދަނީ އިއްޔެ ވީ ކަމެއް ފަދައިންނެވެ. އެ ބިރުވެރި ހާދިސާ ތަޖުރިބާ ކުރި އެކަކަކީ ބ. ދަރަވަންދޫ، އަބްދުﷲ މުފީދެވެ. އޭނާ "ވަން" އަށް މިކިޔައިދެނީ އެދުވަހުގެ ހަނދާންތަކެވެ.

ނޮވެމްބަރު ދެ ވަނަ ދުވަހު މުފީދާއި އޭނާގެ އަންހެނުންގެ ބައްޕަ، އަބްދުއްސައްތާރު އިސްމާއިލާއި އަންހެނުންގެ ބޭބެ، އަަލީ ވަހީދާ އެކު މާލެއަށް ދިޔައީ އަބްދުއްސައްތާރު ދޯނީގެ އިންޖީނު މަރާމާތު ކުރަން ބޭނުންވާ ބައެއް ސާމާނު ގަންނާށެވެ. ތިން މީހުންގެ އެ ދަތުރަކީ އެއް ދުވަހުގެ ދަތުރެކެވެ. މާލެ ދިޔައީ ގަންނަން ޖެހޭ ސާމާނު ގަނެގެން ނޮވެމްބަރު ތިން ވަނަ ދުވަހުގެ ފަތިހު ފުރާ ގޮތަށެވެ. އެހެންވެ ސާމާނު ގަތުމަށްފަހު ފަތިހު ފުރުމަށްޓަކައި ތިން މީހުންވެސް ނިދީ ދޯނީގައެވެ.

ނޮވެމްބަރު ތިން ވަނަ ދުވަހުގެ ފަތިސް ނަމާދުގެ ބަންގީގެ ކުރިން މުޅި މާލެއިން އިވެމުން ދިޔައީ ބަޑީގެ އަޑެވެ. އެވަގުތު ދޯނީގައި ނިދާފައި ތިބި މުފީދުމެންނަށް ހޭލެވުނު ނަމަވެސް އެއީ ޖުމްހޫރީ ދުވަހަށް ބަޑި ޖަހަން ފަރިތަކުރަނީ ކަމަށް ހީއްކޮށް އަނެއްކާވެސް ނިދީއެވެ. ނަމަވެސް ފަތިސްވީ އިރު މުޅި މާލޭގެ ހާލަތު އޮތީ ބަދަލުވެފައެވެ. މާލޭގެ ބަނދަރުމަތިން ފެންނަމުން ދިޔައީ ނުދަންނަ ބަޔަކު ބަޑިތަކެއް ހިފައިގެން ހަރަކާތްތެރިވާ މަންޒަރެވެ.

"ދެން ފަތިހު ހުރިހާ އެންމެންވެސް ހޭލައިގެން ދޯނި ފަހަރުގައި މި ތިބެނީ ބަލަހައްޓައިގެން. ތިއްބާ ފެނުނީ ހުޅަނގުން އިރަށް ގޮޅިޖެހި އަތްދިގު ގަމީސްތަކެއް ލައިގެން ތިބި ބަޔަކު ދާ މަންޒަރު. ދެން އެނގުނު އެއީ ދިވެހިން ނޫންކަން. މިއީ ކޮންމެވެސް ބޭރު ބައެއްކަން މިއުޅެނީ. އެމީހުން ދެން އެކި މަގު މަގުން އެއްގަމަށް އަރައިގެން ދިޔައީ. އެމީހުންގެ އަތުގައި ހަތިޔާރުވެސް ހުރި،" މުފީދު ބުންޏެވެ.

މުފީދު ބުނި ގޮތުގައި އެވަގުތު ވެގެންއުޅެނީ ކީއްކަމެއް ނޭނގި ދޯނީގައި ތިއްބައި ފެނުނީ ގޮޅިޖެހި ގަމީހަކާއި ސޯޓެއްލައިގެން ހުރި މީހަކު މުގުރުބުރިއެއް ހިފައިގެން މާލޭގެ ހުޅަނގުން ބައިވަރު މީހުންތައް ގޮވައިގެން އަންނަ މަންޒަރު ކަމަށެވެ. އެއިރު ގަޑިން 6:30 ހާއިރު ކަމަށާއި އެމީހާ އައިސް ގޮވީ "ދޯނީގައި ތިބި އެންމެން އަތް މައްޗަށް ނަގައިގެން ފައިބާށޭ"އެވެ. އެހެން ބުނުމުން އެންމެންވެސް އަތްމައްޗަށް ނަގައިގެން ދޯނިން ފައިބައިގެން އޭނާގެ ފަހަތުން ދިޔައީއެވެ.

އުމުރުން މިހާރު 60 އަހަރުގެ މުފީދު ކިޔައިދިން ގޮތުގައި ގޮޅިޖެހި ގަމީހަކާއި ސޯޓެއް ލައިގެން މުގުރިބުރިއެއް ހިފައިގެން އެންމެ ކުރީގައި ހުރީ ދިވެއްސެކެވެ. ނަމަވެސް ފުރަތަމަ އެއީ ކާކުކަން ނޭނގުނު ނަމަވެސް އައްޑޫގެ ދޯނިފަހަރު އަޅާފައިވާ ސަރަހައްދަށް ދެވުމުން، އެއީ ކާކުކަން ވަރަށް ރަނގަޅަށް ސާފުވެގެންދިޔަ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެމީހަކީ ސަގަރު އަހުމަދު ނާސިރެވެ.

މުފީދު ބުނީ އޭނާ އެގަޑީގައި ނާސިރުއާ ކުޑަކޮށް ވާހަކަ ދެއްކި ކަމަށެވެ. އަދި އެމީހުން ދޫކޮށްލަންވެސް އެދުނު ކަމަށެވެ. ނަމަވެސް ނާސިރު ދިން ޖަވާބަކީ "މާގިނަ އިރެއް ނުނަގާނެ. ގަޑިއެއް ހާއިރު ވާނީ. އެތަނަށް ގެންގޮސް މަގުސަދު ހާސިލުވީމަ ފޮނުވާލާނަމޭ،" ކަމަށެވެ. އެހެންވެ އެ އުންމީދުގައި ނާސިރު ފަހަތުން ދިޔައީ ކަމަށްވެސް މުފީދު ބުންޏެވެ.

މުފީދުމެން ގެންގޮސް ބޭތިއްބީ ސަގަރޭ ޕާކް ނުވަތަ މިހާރުގެ މަޝްހޫރު ނަމުން ނަމަ ޖުމްހޫރީ މައިދާނުގައެވެ. އެތަނުގައި އޭރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާތީވެ، ކޮންކްރީޓް މެޝިންތައް ހުރި ކަމަށްވެއެވެ. މުފީދު ބުނި ގޮތުގައި ރަހީނު ކުރި އެންމެން އެތަނަށް ގެންގޮސް، އެތަނުގައި މަޑުން ތިބުމަށް ނާސިރު އެންގި އެވެ. އެއިރު އެމީހުން ކައިރީގައި ހަތިޔާރު ހުރި ކަމަށާއި އޭގެ ތެރޭގައި އޭކޭ 47 އާއި މެޝީން ގަން ވެސް ހުއްޓެވެ. ނަމަވެސް "އޭރު އެއީ ކޮން އެއްޗެއް ކަމެއް ނޭންގޭ" ކަމަށް މުފީދު ބުންޏެވެ.

ރަހީނު ކުރި މީހުން ޖުމްހޫރީ މައިދާނަށް ގެންދިޔައިރުވެސް ތަމަޅައިންގެ 20 މީހުން ދިޔައީ ސިފައިންގެއަށް ހަމަލާ ދެމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ތިބީ ކޮންކްރީޓް މެޝިންތަކާއި ގަސްގަހުގެ ބުޑުގައެވެ. އަދި ސިފައިންގެ ކުރިމަތީގައި ކުރިން ހުންނަ އޮފީސް އިމާރާތުގެ ފުރަގަހުގައިވެސް އެއްބަޔަކު ތިބެގެން ސިފައިން ގެއަށް ބަޑި ޖަހަމުންދިޔަ ކަމަށް މުފީދު ބުންޏެވެ.

"އެމީހުން ތިބީ މުޅި އެ ސަރަހައްދު ވަށައިގެން ކޮންކްރީޓް މެޝިންތަކާއި ގަސްގަހުގެ ބުޑުގައި. ދެން ކުރިން ސިފައިންގެ ކުރިމަތީގައި ހުންނަ އޮފީސް އިމާރާތް ފުރަގަހުގައި ތިބެގެން ބަޑި ޖަހަނީ ސިފައިން ގެއަށާއި އިސްލާމީ މަރުކަޒަށް. ދެން އޭގެ ތެރެއިން ބަޔަކު ގޮސް އެރި އެމްއެޗްއޭ، ސަލްޓަން ޕާކް އިރުމަތީގައި ހުންނަ އިމާރާތް. އެތަނަށްވެސް ބަޔަކު އެރި ސިފައިން ގެއަށް ހަމަލާދޭން،" މުފީދު ކިޔައިދިނެވެ.

މުފީދު ބުނީ އެމީހުން އެތަނުގައި ކޮޅަށް ބައިތިއްބާފައި ތިބީ އައްޑަނައަކަށް ކަމަށެވެ. އަދި ތަމަޅައިން، ސިފައިން ގެއަށް ހަމަލާދިނުމަށް އެމީހުންގެ ބަހުރުވައިން "ކޮންމެވެސް އެއްޗެއް" ބުނުމުން، ރަހީނުކޮށްފައިވާ އެންމެން އޮށޯންނަ ކަމަށެވެ. އަދި އެ ވަގުތު އެމީހުން ސިފައިންގެއަށާއި އިސްލާމީ މަރުކަޒަށް ބަޑީގެ ހަމަލާތައް ބަދަލުކުރަމުންދާ ކަމަށެވެ. ބަޑި ޖަހައި ނިމުމުން އަނެއްކާވެސް ކޮޅަށް ތެދުވާން ޖެހޭ ކަމަށްވެސް މުފީދު ބުންޏެވެ.

ހަމަލާތައް ބަދަލުކުރެވެމުންދިޔަ އެ ނުރައްކާތެރި ވަގުތުގައި މުފީދަށް އިހުސާސްވީ މަރު އައިސް ޖެހުނީ ކަމަށެވެ. ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ނިންމައިގެން އެންމެންވެސް ދުލަށް އައި ހެޔޮ އެއްޗެއް ކިޔަމުންދިޔައީއެވެ. ސަލާމަތްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި، އަނބިދަރިންނާއި މައިންބަފައިންގެ މަތީން ހަނދާންވާން ފެށިއެވެ. އުންމީދެއް ނެތުމުން ހެއްދެވި ފަރާތަށް ދުއާ ކޮށްލުން ނޫން ކަމެއް އެވަގުތު ނުކުރާ ކަމަށް މުފީދު ކިޔައިދިނެވެ.

"އަނބިދަރީންނާއި މައިންބަފައިން މަތިންވެސް ވަރަށް ހަނދާންވި. ހަނދާންވާނެ ދޯ. އެފަދަ ގަޑިއެއްގައި އާއިލާ މަތިން އެންމެ ހަނދާންވާނީ. އަޅުގަނޑު ލޮލުން ދުށިން ޒުވާނަކު އެ ހަރު ބިން ކޮނެގެން ބޯ ކޮއްޕައިގެން އޮއްވާވެސް. ބިރުން ގޮސް. ދުނިޔޭގައި ހުންނާނެ ކަމެއް ނޭނގޭ. މަރު އައިސް ޖެހިފައި އޭ އޮތީ. ސަލާމަތަކުން ދެވޭނެ ކަމަކަށް އެއްވެސް އުންމީދެއް ނެތް،"

އެގޮތަށް އެތަނުގައި ގިނަ އިރުތަކެއް ވަންދެން ބޭތިއްބުމަށްފަހު މެންދުރުފަހު އެމީހުން ގެންދިޔައީ ސިފައިންގެ ކުރިމަތީގައި ކުރިން ހުންނަ އޮފީސް އިމާރާތް ފުރަގަހަށެވެ. އޭގެ ފަހުން ބައެއް މީހުން ސަލާމަތްވާން ފިލައިގެން މޫދަށް ފުންމާލި މަންޒަރުވެސް ފެނުނެވެ. ނަމަވެސް އަބްދުއްސައްތާރާއި އަލީ ވަހީދު ގޮވައިގެން ނޫނީ ނުދާން، މުފީދު އެތަނުގައި މަޑުކުރިއެވެ.

މުފީދު ބުނި ގޮތުގައި އިރުއޮއްސެންދެން އެމީހުން އެކި ތަންތަނުގައި ތިބެގެން ހަމަލާދެމުންދިޔަ އެވެ. އަދި ފަހުން މެޝީން ގަން އެތަނުގައި ހުރި އިމާރާތެއްގެ މައްޗަށް އެރުވުމަށްފަހު ސިފައިންގެއަށް ހަމަލާތައް ދެމުންދިޔަ ކަމަށެވެ. ރޭގަނޑު ވުމުން މަގުމަތީގައި ހުރި ހުރިހާ ބައްތިތަކެއް ބަޑި ޖެހުމަށްފަހު ނިއްވާލި ކަމަށެވެ. ނަމަވެސް ހަމަލާ ދިނުން ދިޔައީ ކުރިއަށް ކަމަށް އޭނާ ބުންޏެވެ.

ގާތްގަނޑަކަށް ރޭގަނޑު 8:30 ހާއިރު މުފީދަށް ފެނުނީ ރަންވޭއަށް ފްލައިޓެއް ޖައްސާ މަންޒަރެވެ. އެއީ އިންޑިއާގެ ފްލައިޓެއް ކަމެއް އޭނާއަށް އެއިރަކު ނޭނގެއެވެ. އެހެންވެ އެއީ ތަމަޅައިންގެ އިތުރު ބަޔަކު އައި ފްލައިޓެއް ކަމަށް ހީކޮށް، ދެން ސަލާމަތެއް ނެތް ކަމަށް އޭނާއަށް ހީވިއެވެ. އެހާ ހިސާބުން މީހާގެ ބިރު އެއްކޮށް ފިލައިގެން ގޮސް، އެންމެ ފަހުން ނިންމީ މަރުވިޔަސް އެތަނުން ދުވެ ފިލާށެވެ. އޭނާ، އެވާހަކަ އަބްދުއްސައްތާރާއި އަލީ ވަހީދު ކައިރީގައި ބުނުމަށްފަހު، ހަދަންވީ ގޮތް އެ ދެމީހުންނަށް ކިޔައިދިނެވެ.

ވަގުތު ބަލައި ލިބުނު ފުރުސަތުގައި ތިން މީހުން އެއްކޮށް ދުއްވައިގަތެވެ. މަރުވިޔަސް ހެޔޮ ކަމަށް ނިންމައި، ފަހަތަށް އެންމެ ފަހަރަކުވެސް ބަލައި ނުލައި، ދުވެވުނު އެންމެ ބާރަކަށް ދުވެފައި ގޮސް މުފީދު އެރީ ދޯންޏަށެވެ. އަދި ވަގުތުން ދޯނި އިންޖީނު ސްޓާޓް ކުރުމަށްފަހު އަބްދުއްސައްތާރާއި އަލީ ވަހީދު ދޯންޏަށް އަރަންދެން މަޑު ކުރިއެވެ. އަދި ދޯންޏަށް އެރުމާއެކު ވަގުތުން ދޯނި ނައްޓާލިއެވެ. އެވަގުތު މާޅޮހު ޔޫސުބު ކިޔާ މީހަކާއި ކަމަދޫ މީހަކުވެސް ދޯންޏަށް އެރިއެވެ. އަދި ކަނޑިންމައިން ނުކުތް އިރު ދޯނީގައި އެލިގަނެގެން ތިން ޒުވާނަކު ތިއްބެވެ. އެތިން ޒުވާނުންވެސް ގެންދަން އެދުމުން އެމީހުން ދޯންޏަށް ނަގައިގެން އެމީހުންނާއެކު މާލެއިން އަވަހަށް ފުރި ކަމަށް މުފީދު ކިޔައިދިނެވެ.

"ދެން އަހަރެން ބަފައިކަލޭގެ އާއި އަލީ ވަހީދު ކައިރީ ބުނިން ގަސްތު މި ކުރަނީ ސަލާމަތްވާން ދޯންޏާ ދިމާލަށް ދާށޭ. ކަލޭމެން ދެމީހުން ދާން ތިބިއްޔާ އަހަރެންނާއެކު ހިނގާށޭ ދާން. މަށެއް ދެން މަޑެއް ނުކުރާނަމޭ. ދެން ބަޑި ޖަހައި މެރިޔަސް ފަހަތަށް އެނބުރި ނުބަލާނަމޭ. ދެން އެހެން ކިޔާފައި އެ ދެމީހުން ތެދުވީމަ ދުއްވައިގަތީ. ދުވެފައި ދިޔަ ގޮތަށް ގޮސް ހަމަ ފަހަށް ބަލައި ނުލައި ދިޔަ ގޮތަށް އެރީ ދޯންޏަށް،"

މާލެ ފަޅުން ނުކުމެ އެއްވެސް ތަނެއްގައި މަޑު ނުކޮށް، މާލެ ފަހަނައަޅައި ދަންދެން ދުއްވިއެވެ. އަދި ބަނޑޮހުގެ ހުޅަނގުން ނައްޓާފައި ތުޅާގިރިއާ ހަމައަށް ދުއްވިއެވެ. އެއަށްފަހު ދެރަންބައްހަލަށް ވަދެފައި އެތަނުގައި މަޑު ކުރަން ނިންމީއެވެ. އެތަނުގައި މަޑުކުރީ އެއީ ރޭގަނޑުގެ ވަގުތުކަމުން ފަތިހުން އަލުން ދަތުރު ފެށުމަށް ކަމަށްވެސް މުފީދު ބުންޏެވެ.

ނޮވެމްބަރު ހަތަރު ވަނަ ދުވަހުގެ ފަތިހުގެ ވަގުތު މުފީދުމެން ދިޔައީ ކ. އަތޮޅު ހެނބަދުއަށެވެ. މިހާރުގެ ނަމުން ނަމަ ވިވަންޓަ ކޮރަލް ރީފް މޯލްޑިވްސް ބައި ތާޖް ރިސޯޓަކީ އެއިރު މުފީދު ވަޒީފާ އަދާ ކުރަމުންދިޔަ ރިސޯޓެވެ. އެރަށަށް ދިއުމުން މާލެ ތެރެ ހަމަޔަކަށް އެޅި، އަމާން ވެއްޖެ ކަމުގެ ހަބަރު ލިބުނު ކަމަށެވެ. އެއާއެކު އޭނާއަށް ފުން ނޭވާއެއް ލެވުނެވެ. އަދި ރަށުގައި ތިބި އާއިލާގެ މީހުންނަށް ގުޅައި، އެމީހުން ސަލާމަތުން ތިބި ހަބަރު ދިނުމަށްފަހު ރަށަށް ދަތުރު ފެށި ކަމަށްވެސް މުފީދު ކިޔައިދިނެވެ.

އިންޓަވިއު ނިންމާލަމުން މުފީދު ބުންޏެވެ. "އަސްލު މިތަނުގައި އިނދެގެން މިހެން މިވާހަކަތައް ކިޔައިދިނަސް އެދުވަހު އެކުރި ތަޖުރިބާ ލޮލުން ނުފެންނަ ބަޔަކަށް އެދުވަހުގެ ބިރުވެރިކަމެއް އިހުސާސެއް ނުކުރެވޭނެ. އެހާވެސް ބިރުވެރި ދުވަހެއް. އަދިވެސް އިއްޔެ ވީ ކަމެއް ފަދައިގެން އެދުވަހުގެ ހަނދާންތައް އެބަހުރި،"އެވެ.