މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް ޖުމުލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނިން ރޭ ނެރުނު ކުއާޓާލީ ރިޕޯޓު ދައްކާގޮތުން ތިން ވަނަ ކުއާޓާގައި ލިބުނު ޖުމުލަ އާމްދަނީއަކީ އޭގެ ކުރީ ކުއާޓާއާ އަޅައިބަލާއިރު 14 ޕަސެންޓުގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓާއާއި އަޅައިބަލާއިރު، އަށް ޕަސެންޓް އިތުރުވުމެވެ. އެގޮތުން ތިން ވަނަ ކުއާޓާގައި ތެލުގެ ވިޔަފާރީން 1.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.
އެސްޓީއޯގެ ހިންގުމުގެ ހަރަދު، ޕްރޮވިޝަން ނުހިމަނާ، ތިންވަނަ ކުއާޓާގައި ވަނީ އޭގެ ކުރީ ކުއާޓާއާ އަޅާބަަލައި އިރު ފަސް ޕަސެންޓް ދަށްކުރެވިފައެވެ.
އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކޮށް، ކުންފުނީގެ ސަބްސިޑިއަރީސްތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮަސްޓުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް ޓެކުހަށް ކެނޑުމުގެ ކުރިން، ލިބުނީ 154 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާއާ އަޅައިބަލައި 15 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ތިން ވަނަ ކުއާޓާގައި ސާފު ފައިދާއަކީ 129 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާއާ އަޅައިބަލާ އިރު، 17 ޕަސެންޓުގެ ކުރިއެރުމެކެވެ.