އިސްލާމީ ތާރީޚު

ރަޙުމަތުގެ ނަބިއްޔާގެ މައްކީ ޙަޔާތްޕުޅު: ކެތްތެރިވެވަޑައިގެން ސާބިތުކަމުގައި ހުންނެވުމުގެ ނަމޫނާއެއް - 1

އަބްދުﷲ ފާރޫގް ހަސަން

ރަޙުމަތުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ އެންމެ ޚާއްޞަ މަސައްކަތްޕުޅަކީ ތައުޙީދުގެ މަގަށް ދަޢުވަތު ދެއްވުމެވެ. އެހެންކަމުން އަރަހުށި މާތް اللّـه އެމާތް ސާހިބާއާ ނަބީކަމުގެ މަތިވެރި މަގާމު ޙަވާލުކުރެއްވުމާއެކު އެމަސައްކަތްޕުޅު ވަނީ ފައްޓަވައިގެންފައެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"އަދި اللّـه ގެ ދީނަށް އެކަލާނގެ އަމުރުފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރައްވާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ. އަދި ހަމަކަށަވަރުން اللّـه ގެ ޙަޟްރަތުން ބޮޑުވެގެންވާ ފަޟުލުވަންތަކަން އެއުރެންނަށް ހުރިކަމަށް މުއުމިނުންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ." (الأحزاب: 46، 47)

އިސްލާމްދީނަށް ދަޢުވަތު ދިނުމާއި އެދީން ތަބްލީޣު ކުރުމަކީ ހުސްއެކަނި ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ މައްޗަށްއޮތް ފަރުޟެއްނޫނެވެ. އަދި ކީއްތޯ އެއީ އެންމެހައި މުއުމިނުންގެ މައްޗަށްއޮތް ވާޖިބެކެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނަށް ތަބާވި މީހުން اللّـه ގެ ފަރާތަށް ގޮވައިލައްވަނީ އަލިވެގެންވާ ދަލީލާއެކުގައެވެ." (يوسف: 108)

ކެތްތެރިވެވަޑައިގެން ސާބިތުކަމުގައި

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އާދަފުޅަކީ މައްކާގެ މަގުތަކުގައި ކުރުކާލި ކަނޑުއްވައި ބައްދަލުވެވަޑައިގަންނަވާ މީހުނަށް ހެޔޮނަސޭހަތް ދެއްވުމެވެ. ޙައްޖު މޫސުމުގައި ޢަރަބިކަރައިގެ އެކިދިމަދިމާއިން ޢަރަބި ޤަބީލާތައް މައްކާއަށް އައުމާއެކު އެކިއެކި ޤަބީލާތަކުގެ މީހުންގެ ގާތަށް ވަކިވަކީން ވަޑައިގެން އެބައިމީހުންނަށް ދީނަށް ގޮވައިލެއްވުމެވެ. ޢަރަބިކަރައިގެ އެކިތަންތާނގައި ބޭއްވޭ ބާޒާރުތަކަށްވެސް އެމާތް ސާހިބާ ފައިންޕުޅު ބީއްސަވައެވެ. އޭގެތެރޭގައި ޢުކާޒާއި، ޛުލްމަޖާޒާއި، މަޖިންނާގެ ބާޒާރު ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ޢުކާޒުގެ ބާޒާރަކީ ޢަރަބީންގެ ޤައުމީ އަދި ޢިލްމީ ވާދަކުރުމުގެ މައިދާނެކެވެ. އެހެންކަމުން ޢުކާޒަށް ވަޑައިގަންނަވަން ޚާއްޞަގޮތެއްގައި ފަރުވާތެރިވެވަޑައިގެންނެވިއެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ފައިންޕުޅު ބީއްސަވާ ހަމަކޮންމެ ތަނެއްގައި أبــو لـهـب އެމާތް ސާހިބާގެ ފަހަތްޕުޅުގައި ޖައްސައިލައިފައި ހުރެއެވެ. އެމާތް ސާހިބާގެ "ހިޔަނިފުޅެކޭ" އެއްފަދައިންނެވެ. އިތުރު ސާހިބާ އެއްވެސް ބައެއްގެ ތެރޭގައި ތަޤުރީރެއް ކުރައްވާނަމަ أبــو لـهـب ހަޅޭއްފަޅޭއްލަވަން ފަށައެވެ. "މިއީ އަހަރެމެންގެ މޮޔަކުއްޖެކެވެ. މީނާއަކީ ލާދީނީ މީހެކެވެ. މީނާ އެހަދަނީ ހުސްދޮގެވެ. މީނާ ދައްކާ ވާހަކަ އަޑުނާހާށެވެ." أبــو لـهـب އަކީ ޤުރައިޝުވަންހައިގެ ޝައިޠާނުންކުރެ އަރައިހުރި ޝައިޠާނެކެވެ. އޭނާ އިތުރު ސާހިބާގެ ފަހަތްޕުޅުން އަވަލައިގެން އުޅޭއުޅުމުގައި ހުތުރު އެއްޗެހި ގޮވުމުގެ އިތުރަށް، އެމާތް ސާހިބާގެ ގައިކޮޅަށް ހިލަޔާއި ވެލި އުކައި އަނިޔާވެރި ޢަމަލުތައްވެސް ހިންގަމުންގެންދެއެވެ. أبــو جـهـل ގެ ޢަމަލުތައްވެސް ހުރީ ހަމައެގޮތަށެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم މާތް اللّـه ގެ މަގަށް ދަޢުވަތު ދެއްވުމާ ވިދިގެން އެމާތް ސާހިބާއަށް ކުރިމަތިވެވަޑައިގަންނަވަމުންދިޔައީ ކިހައިބޮޑެތި މުސީބާތްތަކެއްތޯއެވެ؟ އެމާތް ސާހިބާ އެކަންކަމާ ކުރިމަތިލެއްވީ ކޮންފަދަޔަކުންތޯއެވެ؟ އާދެ، އެމާތް ސާހިބާ އެކަންކަމާ ކުރިމަތިލެއްވީ ދެވަނަ މިސާލެއް ނުފެންނަފަދަ ސާބިތުކަމާއެކުގައެވެ. ނުގުޑާފަދަ ވަރުގަދަ ޢަޒުމުފުޅަކާއެކުގައެވެ. ނުހަނު ހިތްވަރުފުޅުގަދަކަމާ އެކުގައެވެ. އެކަމާ ބެހޭގޮތުން މަޢުލޫމާތު ލިބޭ މަޝްހޫރު ޙަދީޘްފުޅެއް އޮވެއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ޙަދީޘްކުރައްވައިފައިވެއެވެ.

"މާތް اللّـه سبحـانــه وتـعــالــى ގެ މަގަށް ގޮވައިލުމުގެ ސަބަބުން މެދުކެނޑުމެއްނެތި އަހުރެންނަށް ބިރުދައްކައި އިންޒާރު ކުރެވުނެވެ. އެހެން އެއްވެސްމީހަކު ބިރުނުގެންނެވޭ ވަރަށެވެ. އެހެން އެއްވެސް މީހަކަށް އުނދަގޫކޮށް ޖެއްސުންކޮށް އިހާނެތި ނުކުރެވޭވަރަށް އަހަންނަށް އުނދަގޫކޮށް އިހާނެތިކޮށް ހިތެވުނެވެ. ޖެއްސުންކުރެވުނެވެ. (ތިރުމިޒީ، އިބްނުމާޖާ، އިބްނު ޙިއްބާން)

މިމާތް ޙަދީޘްފުޅުގައި ނުހަނު ބަލާޣަތްތެރިކަމާއެކު އެވަނީ ނުބުއްވަތުގެ މުޅި ތާރީޚަށް އަލިއަޅުއްވައިލައްވައިފައެވެ. އެމާތް ސާހިބާގެ ޙަޔާތްޕުޅުގެ މައްކީ ދައުރުގައިވެސް މަދަނީ ދައުރުގައިވެސް އެމާތް ސާހިބާއަށް ވަނީ ތުރާތަކާއި ގޮންޖެހުންތައް ކުރިމަތިކުރެވިފައެވެ. ދެދައުރުގެ މައްސަލަތަކުގައި ތަފާތުތަކެއް ހުރިކަމުގައިވިޔަސްވެހެވެ. ތިރީގައި މިބަޔާންކުރަނީ މައްކީ ދައުރުގައި އެމާތް ސާހިބާއާ ކުރިމަތިކުރެވުނު އަނިޔާވެރިކަމުގެ ބައެއް ހާދިސާތަކުގެ ވާހަކައެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ ދަޢުވަތުގައި ކުރިޔަށް ވަޑައިގެންނެވީ ކޮންކަހަލަ ވެއްޓެއްގައިކަން އެ ހާދިސާތަކުން އެނގިވަޑައިގަންނަވާނެއެވެ. އެމާތް ސާހިބާ އިންސާނިއްޔަތަށްޓަކައި ތަޙައްމަލުކުރެއްވި އަނިޔާތަކެވެ. އާދެ، އެމާތް ސާހިބާ ކިހައިވަރަކަށް ކެތްތެރިވެވަޑައިގެންނެވިކަމެވެ. އެމާތް ސާހިބާ ހުންނެވީ ކިހައިބޮޑު ސާބިތުކަމެއްގައިކަމެވެ. މާތް اللّـه ގެ މަގަށް ދަޢުވަތު ދެއްވުމާއިގެން ތެދުވެވަޑައިގަންނަވާ ދާޢީން މިއަދުވެސް ސާބިތުކޮށްދެއްވަމުން އެގެންދަވަނީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ދައްކަވައިފައިވާ ރީތި ނަމޫނާތަކެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް ފުރައްސާރަކުރުމާއި ޖެއްސުންކުރުމާއި މަލާމަތްކުރުން ފެށިފައިވަނީ އެންމެފުރަތަމަ ނަބީކަމުގެ ދަޢުވަތުދެއްވި ދުވަހުއްސުރެންނެވެ. އުނދަގޫފުޅުކޮށް ދުއްތުރާކުރުމާއި އިދިކޮޅު އަޑުއެރުވުންތައް (ޕްރޮޕެގެންޑާތައް) އެންމެފުރަތަމަ ދުވަހުއްސުރެ ފެށިއްޖެއެވެ. އެކަމަކު އެމާތް ސާހިބާގެ އޯގާވެރި ބޮޑުބޭބޭފުޅު أبــو طـالـب ގެފާނު ދުނިޔޭގައި ހުންނެވިހައިދުވަހު އިތުރު ސާހިބާގެ ފުރާނަފުޅަށް ގެއްލުމެއް ލިބިވަޑައިގެންނެވިޔަކަ ނުދެއްވައެވެ. އޭރު އޮތީ ފުރައްސާރަ ކުރުމެވެ. ތާކުންތާކުނުޖެހޭ އިޢުތިރާޒުތައް ކުރުމެވެ. ރަކިކުރެވޭތޯ އުޅުމެވެ. ހޭރުވުމެވެ. އެކިކަހަލަ އެކިވަންނިވަންނީގެ އަނިޔާކުރުމެވެ. أبــو طـالـب އަވަހާރަވުމާއެކު ޤުރައިޝުންގެ ނުލަފާ ޝައިޠާނުން ކައުސާހިބާގެ ގައިކޮޅަށް އަރައިގަނެ އަނިޔާވެރިވާން ފަށައިގަތީ އަމަށަކު ވަރަކަށެއް ނޫނެވެ.

ކުރީންވެސް ދެންނެވިފަދައިން ކައުސާހިބާ صلّــى اللّـه عليـه وسلّـم ބައެއްގެ ތެރޭގައި ވާހަކަފުޅެއް ދައްކަވައި ތަޤުރީރެއް ކުރައްވާނަމަ أبــو لـهـب ނުވަތަ أبــو جـهـل ފަހަތްޕުޅުން އަޅައިގެންފައި ހުރެއެވެ. ޞަޙާބީންކުރެ ބޭކަލަކު ރިވާކުރައްވައިފައިވެއެވެ. "އަހަރެން އިސްލާމްވުމުގެ ކުރީން ކައުސާހިބާ صلّــى اللّـه عليـه وسلّـم ޛުލްމަޖާޒުގެ ބާޒާރުން ދުށީމެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ބާޒާރަށް ވެދެވަޑައިގެން ޙަދީޘްކުރެއްވިއެވެ. އޭ މީސްތަކުންނޭވެ! لاإلـه إلاّ اللّـه މިހެން ކިޔާށެވެ." أبــو جـهـل އެމާތް ސާހިބާގެ ގައިކޮޅަށް ވެލިއުކަމުންދެއެވެ. އޭނާ ގޮވަމުންދެއެވެ. "މީނާގެ ކެހިވެރިކަމުގެ ދަލުގައި ނުޖެހޭށެވެ! މީނާ ބޭނުންވަނީ ތިޔަބައިމީހުން ލާތައާއި ޢުއްޒާއަށް އަޅުކަންކުރުން ހުއްޓުވާށެވެ." (ޡުފަރު އަޙްމަދު އަޘަރީ)

މުޝްރިކުންގެ މީހުން އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަށް ކުރާ އުނދަގޫފުޅުތަކުގެ ތެރެއިން عـبـداللّـه بــن مسعـود رضى اللّـه عنــه ރިވާކުރައްވާ އަންނަނިވި ހާދިސާ ހިމެނެއެވެ.

އެއްދުވަހަކު އަހަރެމެން ޙަރަމްފުޅުގެ ތެރޭގައި ތިބީމުއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ހުންނެވީ ނަމާދުފުޅަށެވެ. أبــو جـهـل އައިސް އޭނާގެ މަޖްލިސުގައި އިށީނދެފައި ބުނެފިއެވެ. "އެހެރަ މީހުންނަށް ކަންދައްކަން އުޅޭމީހަކު ޖައްސާ ވައްތަރުތައް ނިކަން ދެކެބަލާށެވެ. ގެރިބަކަރި ކަތިލާ މީހެއްގެ ގާތަށްގޮސް އެތަނުން ޖަމަލާއި ބަކަރީގެ ގޮހޮރުތަކެއްގެނެސް އެކަލޭގެފާނު ސަޖިދައަށް ވަޑައިގެންނެވުމުން އިސްތަށިފުޅުމައްޗަށް އަޅައިލަން ތިޔައިން ކުއްޖަކަށް ކެރޭނެހެއްޔެވެ؟" عـقبــه بــن أبــى مـعـيط ތިޔަކަންތައްވޭތޯ ބަލާނަމޭ ކިޔައިފައި ތެދުވެގެން ހިނގައްޖެއެވެ. އޭނާ އައީ އޭގެ ބައިވަރުތަކެއް ހިފައިގެންނެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ސަޖިދަޔަށް ވަޑައިގެންނެވުމުން އޭނާ އެކަލޭގެފާނުގެ އިސްތަށިފުޅުމައްޗަށް އެބައިވަރުތައް އަޅައިލައިފިއެވެ. މުޝްރިކުންގެ މީހުންތައް ހީނހީނފައި އުޅެންފަށައިފިއެވެ. ކޮންމެ މީހަކުވެސް އުޅެނީ ހެނީ ތިމާކަން އެނގުނަ ނުދޭށެވެ. އެކަކު އަނެކެއްގެ ގައިމައްޗަށް ލެނބިލެނބިފައި ވައްތަރުޖައްސަތެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަށް އެތަކެތީގެ ގިނަކަމާއި ބަރުކަމާހުރެ އިސްތަށިފުޅު އުފުއްލަވައެއް ނުލެއްވެވުނެވެ.

މުސްލިމުންކުރެ އެތާނގައިތިބީ އަހަރެމެންކަހަލަ ދެރަވަރުގެ ބައެކެވެ. އެމީހުން އަހަރެމެންނަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އެނގޭތީ އެތަކެތި ނަގާންވެސް ކައިރިވާން ނުކެރި ތިބީއެވެ. އެހެންތިއްބައި ކޮންމެވެސް މީހަކުގޮސް السّـيّدة فاطمة الــزّهــــراء رضى اللّـه عنـهــا ގެ އަރިހުގައި އެވާހަކަ ދަންނަވައިފިއެވެ. އެކަމަނާ ވަޑައިގެން ނުހަނު ކޯފާވަމުން އެތަކެތި ނަންގަވައި އުއްކަވައިލައްވައިފިއެވެ. އިތުރު ސާހިބާއަށް ތެދުވެވަޑައިގެންނެވުނީ السّـيّدة فاطمة އެތަކެތި ނަންގަވައި އުއްކަވައިލެއްވުމުންނެވެ.

(ނުނިމޭ)