ކުންފުނީގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްކޮލާޝިޕްތަކެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ރޭ ވިދާޅުވީ، އެމްޓީސީސީއަކީ ދިވެހިންނަށް އަބަދުވެސް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން އެކިއެކި ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިން އުފައްދައި ތަމްރީން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިންވެސް ގިނަ ދިވެހިން އަޅުގަނޑުމެން ނަގަމުން އެބަދަން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ދިވެހިން ތަމްރީން ކުރުމުގެ އިތުރު ޕްރޮގްރާމެއް އަންނަ އަހަރު އެކުންފުނިން ފަށާނެ ކަމަށާއި ކުންފުނި އިތުރަށް ވަރުގަދަ ކުރުމަށް އެންމެ ރަނގަޅު މުވައްޒަފުންނަށް ސްކޮލާޝިޕްތަކެއް ތައާރަފު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"މި އަންނަ ހަފުތާގެ ތެރޭގައި އިއުލާނުކުރެވިގެންދާނެ، ހާއްސަކޮށް އެންމެ މޮޅެތި ކުދީންނަށް ޓާގެޓް ކުރެވިގެން ސްކޮލާޝިޕްތަކެއް ކަނޑައަޅައި ހުރިހާ ކަމެއް ނިމިފައި އޮތީ. ސަންޑޭގައި އިރާދަކުރެއްވިއްޔާ އިއުލާނު ކުރެވިގެންދާނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީގެ އެންމެ ބޮޑު ރައުސުލްމާލަކީ އެކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ ކުރިއެރުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.