އިންޑިއާގެ ކުންފުންޏެއް މެދުވެެރިކޮށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފައި ނުވާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނެފައިވަނީ، އިންޑިއާގެ އަފްރީން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް އިންޑިއާއިން ގިނަ އަދަދެއްގެ މުވައްޒަފުން އެކުންފުނިން ހޯދަން އިއުލާނުކޮށްފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި މިއަދު ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށާއި އިންޑިއާއިން މުވައްޒަފުން ގެންނަން އެ ގައުމުގައި އެ ކުންފުނިން އިއުލާނުކޮށްފައި ނުވާނެ ކަމަށެވެ.

"ކުންފުނި ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް މިފަދަ ހަގީގަތާ ހިލާފު ދޮގު ހަބަރު ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން،" އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ވަނީ އެކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންނާއި އަދި ވިޔަފާރީގެ އެންމެހާ ބައިވެރިން، ކުންފުންޏަށް ކުރާ އިތުބާރަށް ޝުކުރު އަދާކޮށްފައެވެ.