ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)އިން އިސްނަގައިގެން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމަށް އިންތިޒާމު ކޮށްގެން ހިންގާ "ޕިންކް ރިބަން ރަން ވޯކް" އަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭންކު އޮފް މޯލްޑިވަސް (ބީއެމްއެލް)އިން ނިންމައިފިއެވެ.
އެ ބޭންކުން ވަނީ ސީއެސްއެމްއަށް 150،000 ރުފިޔާގެ ހިލޭ އެހީއެއް ހަދިޔާކޮށްފައެވެ. އެއީ ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތްތަކަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާއަށް ފޯރުކޮށްދެމުން އަންނަ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ދީފައިވާ އެހީއެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ ސީއެސްއެމްއަށް އެހީތެރިކަން ފޯރުކޮށްދޭ ހަ ވަނަ ފަހަރު ކަމަށެވެ. އަދި ސީއެސްއެމްގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ބީއެމްއެލްއިން ލިބޭ އުފާވެރިކަމެއް ކަމަށެވެ.
މީގެ އިތުރުން ޓިމް ސޯޔާ ވިދާޅުވީ، ސީއެސްއެމް އިން ހިންގާ ވަރޗުއަލް މި އިވެންޓަކީ ގިނަ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކެންސަރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން މީހުންނަށް އަންގައިދިނުމަށް ބޭއްވޭ މުހިންމު އިވެންޓެއް ކަމަށެވެ.
ސީއެސްއެމްއިން ބުނީ، ބޭންކާއި ސީއެސްއެމްއާ ދެމެދު ވެފައިވާ ޕާޓްނާޝިޕުގެ ދަށުން ބޭންކުގެ މުވައްޒަފުންނަށް ހިލޭ ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވާފައިވާނެ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުމުގެ މުހިންމުކަން ބީއެމްއެލްގެ މުވައްޒަފުންނަށް ކިޔައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ "ޕިންކް ރިބަން ރަން ވޯކް" އިވެންޓް ވެސް ކުރިޔަށް ދާނީ އޮންލައިންކޮށެވެ. މި އިވެންޓް މި މަސް ނިމެންދެން ކުރިޔަށް ދާއިރު، ބައިވެރިންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓާ ކުރެވެން ހުންނާނެއެވެ. ރަޖިސްޓްރީ ވުމަށްފަހު ބޭންކުން ކަނޑައަޅާފައިވާ ޕޭމަންޓް ނިޒާމުގެ ދަށުން ސީއެސްއެމް އަށް ފައިސާގެ އެހީތެރިކަން ދެވޭނެ އިންޒިތާމް މިހާރު ވަނީ ހަމަޖައްސައިފައެވެ.