ޚަބަރު

ނަރުސްމީހާ މަރާލިކަމުގެ ތުހުމަތުކުރެވޭ ފިރިމީހާގެ ބަންދަށް 15 ދުވަސް

އަލީ ޔާމިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް މިއަދު ދީފިއެވެ.

ނަރުސް މީހާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ބުނި ނަމަވެސް މި މަރުގައި ޝައްކުތަކެއް ވާތީ ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށައި، އެ ނަރުސް މީހާގެ ފިރިމީހާ އިއްޔެ ހައްޔަރުކޮށްފައެވެ.

މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް އިއްޔެ ބުނީ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ ޑަޔަލަސިސް ސެންޓަރުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށެވެ. އޭނާ ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއި އޭނާގެ ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާއާ އެކު ކަމަށެވެ. އެ ނަރުސް މީހާގެ ފިރިމީހާއަކީ އައިޖީއެމްއެޗްގެ އިމަޖެންސީ (އީއާރް)ގައި މަސައްކަތް ކުރާ 29 އަހަރުގެ ނަރުހެއް ކަމަށްވެސް ބުންޏެވެ.

އެ މީހާ ބުނީ ނަރުސް މީހާ މި މަހުގެ 19 ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ގެއަށް ދިޔައީ ބްރޭކަށް ކަމަށެވެ. އޭގެ ފަހުން އޭނާ ދަންޖެހި މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ.

ނަރުސް މީހާގެ ހަށިގަނޑު މޯޗަރީގައި އޮތް އިރު ޕޯސްޓުމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.