ޚަބަރު

ރޯގާ ޖެހިގެން ހަ ކުއްޖަކު އައިސީޔޫގައި

މުހައްމަދު އިޝާން

ކުޑަކުދިނަށް ރޯގާ ޖެހޭ މިންވަރު އިތުރު ވަމުންދާ ކަމަށާއި މިހާރުވެސް ހަ ކުދިންނަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޯގާ ޖެހިގެން ހަ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި ފަރުވާ ދެމުންދަނީ ދެ މަހާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ ރޯގާ ޖެހޭ މިންވަރު އަދިވެސް މަދުނުވާ ކަމަށާއި އެހެންކަމުން ގެއަށް ރޯގާ ގެނައުން މަދުކުރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ތުއްތު ކުދިންގެ އެހެނިހެން ބަލިތައް ހުންނަނަމަ ރޯގާ ޖެހުމުން ބޮޑުވަރުވާ ކަމަށާއި ރައްކާތެރިވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ސަމާލުވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ގެއަށް ރޯގާ ގެންނައުން މަދުކުރަމާ. އަތްދޮވުން، މާސްކް އެޅުން، ކުދިން އުރާލަން ބައިހަދާފައި ނުދިއުން، މީހުން އެއްވާ ތަންތަނަށް ނުދިއުން މިއީ މުހިއްމުކަން" ޑރ. ފައިސަލް ވިދާޅުވިއެވެ.

ފައިސަލް މިގޮތަށް ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހަލުވިކަމާއެކު އަރިދަފުސް ރޯގާ ފެތުރެމުންދާ ދުވަސްވަރެއްގައެވެ. މީގެ އިތުރުން ރާއްޖޭގައި ހަލުވިކަމާއެކު އިންފްލުއެންޒާ އާއި އާރްއެސްވީ ރޯގާ ވެސް ކުދިންނަށް އަންނަނީ ޖެހެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރޯގާ ޖެހިއްޖެނަމަ ކުޑަކުދިންގެ ހާލު ސީރިއަސް ވެދާނެތީ ސަމާލުވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސުކޮށްފައެވެ. އިފުލުއެންޒާގެ އިތުރުން އާރްއެސްވީ ރޯގާ ވެސް ކުދިންނަށް އަންނަނީ ޖެހެމުންނެވެ.

މާލޭގައި ރޯގާ ފެތުރެމުން އަންނާތީ މިމަހު 13 ވަނަ ދުވަހު ވަނީ އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއްވެސް ހުޅުވައިފައެވެ. މިމަހު 13 އިން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް 1443 މީހުން ފްލޫ ކްލިނިކަށް ދައްކާފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ މާލޭގައި އިންފުލުއެންޒާ ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އިންފްލުއެންޒާގެ އައުޓްބްރޭކެއް އައުމުގެ ކުރިން އެކަމަށް ރައްކާތެރިވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.