ހުއްދަ ނެތި ކޯޓުން ބޭރަށް ދާން ތަކުރާރުކޮށް މަސައްކަތް ކޮށް, ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކުރިމިނަލް ކޯޓަށް ގެންދިޔަ މީހަކު ބަންދުގެ މަޖިލީހުގައި، ތޯޣޫތަށް ގޮވައި ކޯޓުގެ ހުރުމަތް ކެނޑުމުން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ 30 އަހަރުގެ އައިމިނަތު އަބްދުލްމަޖީދު ކިޔާ އަންހެނަކަށެވެ.

އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތުޖަހަމް ކޯޓަށް ހާޒިރު ކުރީ، މާރާމާރީއަކާ ގުޅޭ މައްސަލައެއްގައެވެ.

ކޯޓުގައި އޭނާ ވަނީ އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެ ހާދިސާއަކީ ހިނގި ޒުވާބެއްގެ ތެރެއިން ޖަޒުބާތީ ވެގެން ވީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބަންދުގެ މަޖިލީހުގައި އޭނާ ވަނީ ތޯޣޫތަށް ގޮވައި ކޯޓުގެ ބައެއް އެންގުންތަކަށް ތަބާ ނުވެ އެތަނުން ބޭރަށް ނިކުތުމަށްވެސް މަސައްކަތް ކޮށްފައެވެ.

އެކަމާ ގުޅިގެން ބަންދުގެ މަޖިލީހުގައި އިންނެވި އެ ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވަނީ އޭނާގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ކަނޑައަޅައި 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.