ށ ފޯކައިދޫން ބަލިވެގެން އެ ރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ފޯކައިދޫ ހޮސްޕިޓަލު މެނޭޖަރު އަހުމަދު އަންވަރު "ވަން" އަށް މިއަދު ވިދާޅުވީ، މި މަހުގެ 23 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން، ނެގި ހަތަރު ސާމްޕަލް ގެ ތެރެއިން ދެ ސާމްޕަލްވެސް މި މަހުގެ 27 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފަހުން ޕޮޒިޓިވް ވި ދެ މީހުންގެ ތެރޭގައި ފޯކައިދޫ ސްކޫލް ދަރިވަރަކުވެސް ހިމެނޭ ކަމަށެވެ. އަދި އެ ދަރިވަރަކީ ސްކޫލުގެ ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރެއް ކަމުން، ޑައިރެކްޓް ކޮންޓެކްޓްގެ އަދަދު މިހާރު 56 އަށް އަރާފައިވާ ކަމަށެވެ. އެގޮތުން ޖުމުލަ 40 ގެއެއްގައި 59 މީހުން ކަރަންޓީނުގައި ތިބި އިރު، ކޮންޓެކްޓް ޓްރޭސިން ނިންމާލީ ރޭ ދަންވަރު ކަމަށެވެ.

އޭގެ އިތުރުން މިހާރު ތައްޔާރުވަނީ މިއަދު ހަވީރު ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމަށް ކަމަށްވެސް އަންވަރު ވިދާޅުވިއެވެ. މިވަގުތު ލުއި ފިޔަވަޅުތަކެއް އަޅާފައި ހުރި ނަމަވެސް މިއަދުގެ ރެންޑަމް ސާމްޕަލްތައް އިތުރަށް ޕޮޒިޓިވް ވާ ނަމަ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ.

އެގޮތުން ރަށު ސްކޫލް މިވަގުތު ބަންދުކޮށްފައިވާ ކަމަށާއި، އާންމު އެއްވުންތައް މަނާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ފިހާރަތަކުންވެސް ޑެލިވަރީގެ ހިދުމަތް ދިނުމަށް އަންގާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އާންމު އަސާސީ ހިދުމަތްތައް ލިބެމުންދާނެ ކަމަށެވެ.

އަންވަރު އިތުރަށް ވިދާޅުވީ މިވަގުތު އެ ރަށުގައި ޑޮކްޓަރަށް ދެއްކުން އޮންލައިން ކޮށް ހަމަޖައްސާފައިވާ ކަމަށާއި، ކުޑަކުދިން ކިރުމާއި ވެކްސިން ޖެހުން މެދުކަނޑާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހެނިހެން އިމަޖެންސީ ހިދުމަތްތައް ލިބޭނެ ކަމަށެވެ.