ބާސެލޯނާގެ ކޯޗުކަމުގެ މަގާމުން ރޮނަލްޑް ކޯމަން ދުރުކޮށްފިއެވެ.
ބާސާގެ ކޯޗުކަމުން ކޯމަން ދުރުކޮށްފައިވަނީ ސްޕެނިޝް ލަލީގާގައި ރޭ ރަޔޯ ވަޔެކާނޯ އަތުން 1-0ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުއެވެ. އެ މެޗުގައި ވަޔެކާނޯގެ އުމުރުން 35 އަހަރުގެ ކޮލަމްބިއާ ފޯވަޑް ރަޑަމެލް ފަލްކާއޯ އެވެ.
އެ މެޗަށްފަހު ބާސާ އިން ނެރުނު ބަޔާނެއްގައި ބުނީ ކޯޗުކަމުގެ މަސްއޫލިއްޔަތުތަކުން ކޯމަން ދުރުކޮށްފައިވާ ކަމަށާއި މަގާމުން ދުރުކޮށްފައިވާ ކަން އޭނާއަށް ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ އަންގަވާފައިވާ ކަމަށެވެ. އަދި މިއަދު އޭނާ ކްލަބާ އަލްވަދާއު ކިޔާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ބާސާގެ ކޯޗުކަމާ ކޯމަން ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ދުވަހުން ފެށިގެން އޭނާއަށް ވަނީ ބާސާގައި ރަނގަޅު ކާމިޔާބީއެއް ހޯދޭ ގޮތް ނުވެފައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގެ ލަލީގާގައި ބާސާ ނިންމާލީ ތިންވަނައިގައެވެ. އަދި މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަތުން ވަނީ ކަޓައިފައެވެ.
މިސީޒަނުގެ ލަލީގާގައި ވެސް ބާސާގެ ނަތީޖާތައް ގޯހެވެ. ލަލީގާގައި މިހާތަނަށް ބާސާ ކުޅުނު ދިހަ މެޗުން ހޯދިފައިވަނީ 15 ޕޮއިންޓެވެ. ހަތަރު މެޗުން ބާސާ މޮޅުވި އިރު، ތިން މެޗަކުން ބާސާ ވަނީ ބަލިވެފައެވެ. އަދި ތިން މެޗެއް ނިމުނީ އެއްވަރުވެގެންނެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގު ވެސް ބާސާ އިން ފެށީ ވަރަށް ދަށްކޮށެވެ. ގްރޫޕު ސްޓޭޖުގައި ބާސާ އިން ކުޅުނު ތިން މެޗުން ހޯދިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. ބާސާ އިން ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި 3-0ގެ ނަތީޖާއަކުން ބަލިވި އިރު، ބެންފީކާ އަތުން ވެސް ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. ބާސާ މޮޅުވި ހަމައެކަނި މެޗަކީ ޑައިނަމޯ ކިޔެވްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ބާސާ އިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
ބާސާގެ އެންމެ މުހިންމު ތަރި ލިއޮނެލް މެސީ ވެސް އެ ކްލަބަށް ގެއްލިގެންދިޔައީ ކޯމަންގެ ކޯޗުކަމުގެ ދަށުންނެވެ. ބާސާގައި 17 އަހަރު ހޭދަކުރި މެސީ، މިސީޒަނުން ފެށިގެން ކުޅެމުން އަންނަނީ ޕީއެސްޖީއަށެވެ. މެސީ، ބާސާ ދޫކޮށް ދިއުމުން ކޯމަނަށް ގިނަ ފާޑުކިޔުންތަކަކާއެކު ބޮޑެތި ޕްރެޝަރުތަކަކާ ވެސް ކުރިމަތިލާން ޖެހުނެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޯމަން އަށް ކޯޗެއްގެ ގޮތުގައި އެކްލަބަށް ހޯދައިދެވުނު ހަމައެކަނި ކާމިޔާބަކީ މިދިޔަ ސީޒަނުގެ ކޮޕާ ޑެލްރޭ އެވެ. ބާސާއަށް އިރުޝާދު ދިނުމުގެ ކުރިން ކޯމަން ވަނީ އަޔެކްސް، ބެންފީކާ، ވެލެންސިއާ، އެވަޓަންގެ އިތުރުން ނެދަލެންޑްސް ގައުމީ ޓީމަށް ވެސް އިރުޝާދު ދީފައެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ