ކޮވިޑާ ގުޅޭ ކަންކަމަށް ހަރަދުކުރަން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) މެދުވެރިކޮށް، އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.

ޔޫއެސްއެއިޑުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި އެހީއަކީ ހެލްތު މިނިސްޓްރީން ގަތުމަށް ރާވާފައިވާ ޒަރޫރީ ތަކެތި ގަތުމަށާއި ލެބޯރަޓަރީތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ކޮވިޑް ފެތުރޭ މިންވަރާއި ބަލި ޖެހޭ މީހުންގެ އަދަދާއި މި ބަލީގައި ނިޔާވާ މީހުންގެ އަދަދު މަދުކުރުމަށް އެހީތެރިވެދިިނުން ކަމަށެވެ.

މި އެހީ ބޭނުންކޮށްގެން ކޮވިޑް ވެކްސިންގެ ތަފާސްހިސާބުތައް ދިރާސާކުރުމާއި ކުދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އާބާތުރަ ފިލުވައި ބަލި މީހުންނަށް ފަރުވާދިނުމާއި ދިވެހިންގެ ތެރޭގައި ވެކްސިން ޖެހުމަށް ފަސްޖެހޭ ކަންކަން ދެނެގަނެ ހައްލު ހޯދުންވެސް ހިމެނެއެވެ.

މީގެ އިތުރުން ހެލްތުގެ ފަރާތުން އޮކްސިޖަން އިކޯސިސްޓަމް ރަނގަޅުކުރުމަށާއި ލެބޯރަޓަރީތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ތަމްރީނު ދިނުމަށާއި ޓެލެމެޑިސިން ބޭނުންކޮށްގެން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކޮވިޑް މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނޭ ކަމަށް ޔޫއެސްއެއިޑުން ބުންޏެވެ.

ޔޫއެސްއެއިޑުން ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަން ޑިރެކްޓަރު ޑެބްރާ މޯސެލާ ވިދާޅުވީ މި ދެ މިލިއަން ޑޮލަރުގެ އެހީން ރާއްޖޭގެ އެކި ރަށްތަކާއި އަތޮޅުތަކަށް ކޮވިޑްގެ ސަބަބުން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް އެހީވެ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ބަލި މީހުންނަށް ފަރުވާ ދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީވާނެ ކަމަށެވެ.

"މި އިތުރު ދެ މިލިއަން ޑޮލަރުގެ އެހީ ރާއްޖޭގެ އެކި ރަށްތަކާ އަތޮޅުތަކަށް ފޯރައި، ކޮވިޑްގެ ގެއްލުން ކުޑަކުރުމަށް އެހީވެ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ބަލި މީހުންނަށް ފަރުވާ ދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީވާނެ،" ޑެބްރާ މޯސެލާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން އެމެރިކާއިން ވަނީ ރާއްޖެއަށް ފަސް މިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން އެކި ފަހަރު މަތީން ގިނަ އަދަދެއްގެ ޕީޕީއީ އާއި ޕީސީއާރު މެޝިނާއި 60 ވެންޓިލޭޓަރާއި ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެއް ލައްކައަށްވުރެ ގިނަ ވެކްސިން ވަނީ ހަދިޔާކޮށްފައެވެ. އަދި އައިއޭއީއޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ.