ޚަބަރު

އެޗްޑީސީގެ ސެލިއުލާ ޓަވަރުތައް ބޭނުންކޮށްގެން ހިދުމަތް ދިނުމަށް ދިރާގާއެކު އެއްބަސްވެއްޖެ

އަލީ ޔާމިން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ސެލިއުލާ ޓަވަރުތަކުގެ ބޭނުންކޮށްގެން ހިދުމަތް ދިނުމަށް ދިރާގާއެކު އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަކިން ހާއްސަކޮށް ހިޔާ ފުލެޓު ސަރަހައްދުގެ މުވާސަލާތީ ގުޅުމާއި މޮބައިލް ކޮވަރޭޖު ރަނގަޅުވެގެންދާނެއެވެ.

އެޗްޑީސީން ބުނީ ދެވަނަ ފިޔަވަހީގެ ޕްލޭނާ އެއްގޮތަށް އިތުރު ޓަވަރުތައް ހަރުކުރެވިގެންދާ އިރު، މި ޓަވަރުތައް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމަށް މުވާސަލާތީ ދާއިރާގައި ހިދުމަތް ފޯރުކޮށްދެމުން އަންނަ އެހެން ކުންފުނިތަކާއެކުގައި ވެސް މުސްތަގުބަލުގައި އެއްބަސްވުންތައް އެކުލަވާލާނެ ކަމަށެވެ.

މި ޓަވަރުތަކުގެ އެންމެ ބޮޑު މަގުސަދަކީ ވަކިވަކިން ގިނަ ޓަވަރުތަކެއް ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްގީގެ ޕްލޭނާ އެކަށީގެންވާ ވަރަށް ޓަވަރު ހަރުކުރެވި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވެގެން ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެގޮތަށް ޓަވަރުތައް ބޭނުންކުރުމުން މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުނިތަކުން ކުރަން ޖެހޭ އިންވެސްޓްމަންޓް ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.

އެޗްޑީސީން އިތުރަށް ބުނީ، އެޓަވަރުތަކުގެ ސަބަބުން، ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ކުޑަވެ އާންމުންނަށް އަވަހަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

އެޗްޑީސީން އަންނަނީ، ހުޅުމާލޭގައި ފުރިހަމަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް މުވާސަލާތީ ހިދުމަތްތަކުން ގުޅާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިމަގުގައި ކަވަރޭޖު ރަނގަޅުކުރުމަށް ރޫފްޓޮޕް ޕޯލްސް އަދި ސްޓްރީޓް ޕޯލްސް ހަރުކުރުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ.